މާބިންހުރާ މައްސަލާގެ އިސްތިއުނާފުގެ މައްސަލާގެ ޝަރީއަތް ނިމެންދެން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދު ކުރުމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ސުޕްރީމް ކޯޓުގައި މިއަދު އެދިއްޖެ އެވެ.
އެމްއެމްޕީއާރްސީގެ ތެރެއިން މާބިންހުރާ ކުޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ތުހުމަތުވާ މައްސަލާގައި ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް ހައިކޯޓުން ވަނީ ދާދިފަހުން އެ ހުކުމް ބާތިލްކޮށް އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް އަންގާފަ އެވެ.
ކުރިމިނަލް ކޯޓުން މިހާރު ވަނީ އެ މައްސަލަ ނުބަލަން ނިންމާފަ އެވެ. އެއީ ހައިކޯޓުން އެ މައްސަލައަކީ ތަހުގީގު ފުރިހަމަ ނުވާ ސިޔާސީ ނުފޫޒުތައް އޮތް މައްސަލައެއް ކަމަށް ކަނޑައަޅާފައިވާތީ އެވެ. ހައިކޯޓުން އެގޮތަށް ކަނޑައެޅީ ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަށް ރިއާޔަތްކޮށެވެ.
ނަމަވެސް ހައިކޯޓުން އެ މަނާކުރުން ގަބޫލު ނުކުރެވޭ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް މައްސަލަ ގެންގޮސް އަދީބުގެ ބަންދުގެ އަމުރަކާއި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުނެވެ. މިދިޔަ ޖޫން މަހު ސުޕްރީމް ކޯޓުން ނެރެދިނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު އެކަންޏެވެ. އެ އަމުރު އެހެން އޮތްވައި އަދީބު ވަނީ ފިލައިގެން އިންޑިއާއަށް ގޮސްފަ އެވެ.
އިންޑިއާއިން ހިފަހައްޓައިގެން އަދީބު ރާއްޖެ ގެނެސް އޭނާ ހައްޔަރުކޮށް ބަންދަށް ކުރިމިނަލް ކޯޓުން ވަނީ 15 ދުވަސް ޖަހާފަ އެވެ. ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެދިގެން އިއްޔެ އަދީބުގެ ބަންދަށް 15 ދުވަސް ޖެހީ އޭނާ ފިލަން އުޅުނު މައްސަލާގަ އެވެ.
މިއަދު ހެނދުނު ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އަދީބު ބަންދު ކުރުމަށް އެދުނެވެ. ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް މުހައްމަދު އާލިމް އަބްދުﷲ ވިދާޅުވީ އަދީބު މިއަދުން މިއަދަށް ބަންދު ކުރުމަށް ބޭނުންވާ ކަމަށެވެ. އޭނާ މިހާރު ބަންދުގައި އެ ހުރީ އެހެން މައްސަލައަކާ ގުޅިގެން ކަމަށާއި ބޭނުން ވަނީ ސުޕްރީމް ކޯޓުގައި އޮތް މައްސަލައާ ގުޅިގެން ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ކަމަށެވެ.
އެގޮތަށް އެދޭ ސަބަބަކީ އަދީބު ފިލުމުގެ އިހުތިމާލާއި އޭނާގެ ސަބަބުން މުޖުތަމައުގެ ހަމަޖެހުމަށް ނުރައްކާ އޮތުމުގެ އިހުތިމާލު ވެސް އޮތުމުން ކަމަށް ވަކީލް ވިދާޅުވި އެވެ.
އަދީބު މިއަދުގެ އަޑުއެހުމަށް ވަޑައިގަތީ ވަކީލެއް ނެތި އެވެ. އެހެންވެ އޭނާ ވަނީ ވަކީލަކު ހޯދުމަށް ފުރުސަތަކަށް އެދިފަ އެވެ. އަދި ވިދާޅުވީ އޭނާ މިހާރު ވެސް ބަންދުގައި ހުރިއިރު މި މައްސަލާގައި އޭނާ ބަންދު ކުރުމަށް އަމުރެއް ނެރުމަކީ މުހިންމު ކަމެއް ކަމަށް ނުދެކޭ ކަމަށެވެ. އަދި ކުރިމިނަލް ކޯޓުން ވެސް އޭނާ ބަންދުކުރީ ފިލައިދާނެ ކަމަށްވާތީ، އެ އިހުތިމާލު އޮވެގެން ސުޕްރީމް ކޯޓަށް އަނެއްކާ އޭނާ ބަންދު ކުރުމަށް އަމުރެއް ނެރެވިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.
އަދީބު އިތުރަށް ވިދާޅުވީ އޭނާ ފިލަން ދިޔަ ދިޔުން ޖަސްޓިފައި ކުރަން ބޭނުން ނުވާ ކަމަށާއި ނަމަވެސް ފިލައިގެން ގައުމުތަކުން ހިމާޔަތް ހޯދާފައިވަނީ އޭނާ އެކަނި ނޫން ކަމަށެވެ. އެ ހުރިހާ މައްސަލަތަކެއް ވެސް ބަލަން ޖެހޭ ކަމަށެވެ. އޭނާ ދަނީ ދައުލަތާއެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ތަހުގީގަށް ފުރިހަމައަށް އެއްބާރުލުން ދެމުން ކަމަށެވެ.
"މިކަމުގެ މުގުލުގައި ތިބި މީހުން ހާމަ ކުރަމުން މިދަނީ، ފައިސާތައް ދިޔަ ގޮތް ބުނެދެމުން މިދަނީ، އަޅުގަނޑުގެ ފޯނާއި އެސްއެމްއެސްތަކާއި އީމެއިލްތައް ފޯރުކޮށްދެމުން މިދަނީ، މިއާ ގުޅިފައި ތިބީ ވަރަށް އިސް ބޭފުޅުން، އެހެންވެ އަޅުގަނޑުގެ ފުރާނައަށް ނުރައްކާވާ އިންޒާރުތައް ދަނީ ލިބެމުން،" އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އެއީ ރިޔާސީ ކޮމިޝަން ވެސް ހިމެނޭ ގޮތަށް ހިންގާ ބޮޑު ތަހުގީގެއް ކަމަށާއި އެ ތަހުގީގު އެގޮތަށް ކުރާތީ ވެސް މާބިންހުރާ މައްސަލައަކީ ވެސް ތަހުގީގު އެއްކޮށް ފުރިހަމަ ނުވާ މައްސަލައެއްކަން އެނގޭ ކަމަށެވެ. ނަމަވެސް އެކަމަށް ވަކީލް އާލިމް ރައްދު ދެއްވި އެވެ. އޭނާ ވިދާޅުވީ އާ ސަރުކާރު އައިސް ރިޔާސީ ކޮމިޝަން ހަދައި، ނިމިފައި ހުރި މަރުގެ މައްސަލަތައް ވެސް އަލުން ތަހުގީގު ކުރަމުންދާ ކަމަށެވެ. އަދި އަދީބާއެކު ވެފައިވާ އެއްބަސްވުމުގައި އެ ތަހުގީގުގެ ތެރޭގައި މާބިންހުރާ މައްސަލަ ނުހިމެނޭނެކަން ވަރަށް ސާފުކޮށް ބަޔާންކޮށްފައިވާ ކަމަށެވެ.
ހައިކޯޓުން މާބިންހުރާ މައްސަލާގައި ތަހުގީގު ފުރިހަމަ ނުވާ ކަމަށް މަނާކޮށްފައިވަނީ ގަބޫލު ކުރެވޭ ހަމައަކުން ނޫން ކަމަށާއި އޭގެ ތަފްސީލަށް މައްސަލާގެ ތެރޭގައި ދާނެ ކަމަށް ވަކީލް އާލިމް ވިދާޅުވި އެވެ.
އޭނާ ވިދާޅުވި ގޮތުގައި ދައުލަތާއެކު އަދީބު ހަދާފައިވާ އެއްބަސްވުމަކީ އެމްއެމްޕީއާރްސީގެ ކޮރަޕްޝަންގެ ކުށަށް އޭނާ އިއުތިރާފުވުމަށް އިޝާރާތެއް ކުރައްވާފައިވާތީ އިއުތިރާފު އެއްބަސްވުމަކާ ހަމައަށް ވާސިލްވުމަށް ހަދާފައިވާ އެއްބަސްވުމެކެވެ.
މި މައްސަލާގައި ބަންދާމެދު ވާހަކަ ދައްކަން ވެސް އަދީބު ބޭނުން ވަނީ ވަކީލެއްގެ ހާޒިރުގައި ވިދާޅުވެ، އެކަމަށް އެއް ދުވަސް ވެސް ދެއްވުމަށް އެދުނެވެ. ނަމަވެސް ވަކީލް އާލިމް ވަނީ އެކަމަށް އިއުތިރާޒު ކުރައްވައި މިއަދުން މިއަދަށް ބަންދު ޖަހައިދިނިމަށް އެދިފަ އެވެ. އެއީ ވަކީލަކާއެކު ބަންދު ރިވިއު ކުރަން އެހެން އަޑުއެހުމެއް ބާއްވަން ޖެހުނަސް މިއަދުު ބަންދު އަމުރު ނެރެދިނުމަށް އޭނާ އެދުނެވެ. އެކަމާ ގުޅިގެން ފަނޑިޔާރުން ނިންމެވީ މިއަދު ފަނޑިޔާރުންގެ މަޖިލީހުގައި ބަންދު އަމުރާމެދު މަޝްވަރާ ކުރެއްވުމަށްފަހު ގޮތެއް ކަނޑައެޅުމަށެވެ. އަދި މައްސަލާގައި ވަކީލަކު ހަމަޖައްސަން އަދީބަށް ހަތް ދުވަސް ދިނުމަށެވެ.
ކޯޓު ފަޓުލޫނުގައި މިއަދު އަދީބު ކޯޓަށް ހާޒިރުވިއިރު ކޯޓުގެ އަޑުއެހުމަށްފަހު ވަނީ އަނބުރާ ދޫނިދޫ ޖަލަށް ގެންގޮސްފަ އެވެ.