ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ބަންދުކުރަން ކުރިމިނަލް ކޯޓާއި ސުޕްރީމް ކޯޓުގައި އެދުނީ އެއް ކަމެއްގެ މައްޗަށް ބިނާކޮށް ކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެއްބަސްވެއްޖެ އެވެ.
އަދީބު 15 ދުވަހަށް ބަންދު ކުރުމަށް ކުރިމިނަލް ކޯޓުން އަމުރު ނެރެފައިވަނީ ސުޕްރީމް ކޯޓުން ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް ފިލައިގެން އިންޑިއާއަށް ދިޔަ މައްސަލާގަ އެވެ. އެ އަމުރު ނެރެފައިވަނިކޮށް ޕްރޮސިކިއުޓާ ޖެނަރަލުން ވަނީ އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރުމަށް ސުޕްރީމް ކޯޓުގައި އެދިފަ އެވެ.
އެގޮތަށް އެދުމުން އަދީބުގެ ފަރާތުން ސުވާލު އުފެއްދި އެވެ. އެއީ އެއް ކަމެއްގައި ދެ ކޯޓެއްގެ އަމުރު ނުހޯދޭނެ ކަމަށް ބުނެ އެވެ. ނަމަވެސް އެ ދުވަހު ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ ކުރިމިނަލް ކޯޓުން ބަންދު އަމުރު ނެރެފައިވަނީ އަދީބު ފިލަން އުޅުނު މައްސަލާގައި ނޫން ކަމަށެވެ.
އެކަމަކު، ޕްރޮސިކިއުޓާ ޖެނަރަލުން ވަނީ ސުޕްރީމް ކޯޓަށް ސިޓީއެއް ފޮނުވައި، ބަންދު އަމުރަށް ނެރެފައިވަނީ އެއް ކަމެއްގައި ކަމަށް އެއްބަސްވެފަ އެވެ. މިއަދު އެކަމާ ގުޅިގެން ސުޕްރީމް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ ބަންދު ކުރަން އެދެނީ އެއް ކަމެއްގައި ނޫން ކަމަށް ދެންނެވުނީ ކުރިމިނަލް ކޯޓުގެ އަމުރު އެ ވަގުތު އަތުގައި ނެތުމުން ކަމަށެވެ.
އަދީބު މިއަދު ޝަރީއަތުގެ މަޖިލީހަށް ވަޑައިގެންނެވީ ވަކީލަކާއެކު އެވެ. އޭނާ ވަކީލް ވިދާޅުވީ އެއް ކަމެއްގައި ދެ ކޯޓަށް އަމުރު ނުނެރެވޭނެ ކަމަށާއި އަދި އެއީ އިސްތިއުނާފު ކުރުމުގެ ހައްގު އަދީބަށް ގެއްލޭނެ ކަމަށެވެ.
ނަމަވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ ކުރިމިނަލް ކޯޓުން އަދީބު ބަންދުކޮށްފައިވަނީ 15 ދުވަހަށް ކަސްޓޯރިއަލް ޖަލެއްގައި ކަމަށާއި ސުޕްރީމް ކޯޓުގައި އެދެނީ އަދީބުގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކޮށްދިނުމަށް ކަމަށެވެ.
އަދީބުގެ ވަކީލް ވަނީ އޭނާ ބަންދު ކުރާ ހާލަތެއްގައި ވެސް ބަންދު ކުރަން ޖެހޭނީ ގޭބަންދުގައި ކަމަށް ވިދާޅުވެފަ އެވެ. އެއީ ހައިކޯޓުން އަދީބު ގޭބަންދުގައި ބެހެއްޓުމަށް އަމުރުކޮށް އެ އަމުރަށް ސުޕްރީމް ކޯޓުން ތާއިދުކޮށްފައިވާތީ އެވެ. އެއީ އަދީބަށް ސިއްހީ ފަރުވާ ނުލިބިގެން ހުށަހެޅި މައްސަލާގަ އެވެ.
އެއަށް ރައްދު ދެއްވައި ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ އެއީ މުޅިން އެހެން މައްސަލައެއް ކަމަށާއި އެ މައްސަލާގެ ނިންމުންތައް މި މައްސަލައަށް އަސަރު ނުކުރާނެ ކަމަށެވެ. މިއަދު އަދީބުގެ ބަންދާމެދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގައި މަޝްވަރާ ކުރާނެ އެވެ. އަދި އަމުރު ވެސް ނެރުއްވާނެ ކަމަށް ބެލެވެ އެވެ.