ހަބަރު

އަދީބު ޝަރީއަތް ނިމެންދެން ބަންދުކުރަން އަމުރުކޮށްފި

ކުރީގެ ނައިބު ރައީސް އަދީބު: އޭނާ ޝަރީއަތް ނިމެންދެން ބަންދު ކުރަން ވަނީ އަމުރުކޮށްފަ - އަހުމަދު ޝުރާއު | އަވަސް
0%
0%
0%

އިންޑިއާއަށް ފިލަން ދިޔަ ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކުރުމަށް ސުޕްރީމް ކޯޓުން މިއަދު އަމުރުކޮށްފި އެވެ.

ސުޕްރީމް ކޯޓުން މިގޮތަށް އަމުރު ނެރެނީ އެކަމަށް ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން އެ ކޯޓުގައި އެދިފައިވާތީ އެވެ. އެއީ މާބިންހުރާ ހިޔާނާތުގެ މައްސަލައިގެ އިސްތިއުނާފު ޝަރީއަތުގަ އެވެ. އަދީބު ބަންދު ކުރުމަށް އެދުނީ އޭނާ ފިލައިދާނެ ކަމުގެ އިހުތިމާލު އޮތީމަ އެވެ.

ސުޕްރީމް ކޯޓުން ނެރެފައިވާ އަމުރުގައި ބުނީ އެ މައްސަލާގައި އަދީބުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނިކޮށް އެއާ ހިލާފުވެ ރާއްޖެ ދޫކޮށް ފިލަން މަސައްކަތްކޮށްފައިވާކަން ކަށަވަރުވެފައިވާ ކަމަށެވެ. އަދި ދެން ވެސް އެފަދަ ކަމެއް އޭނާގެ ފަރާތުން ފެނިގެން ދިޔުމަކީ އެކަށީގެންވާ ކަމެއް ކަމަށް ދައުލަތުން ބުނާއިރު، މައްސަލައިގެ ބާވަތުގެ ގޮތުން އަދީބު ބަންދު ކުރަން ޖެހޭ ކަމަށެވެ.

އެހެންވެ، އިސްތިއުނާފު މައްސަލާގައި ވަކި ގޮތެއް ކަނޑައެޅެދެން ރިމާންޑް ޖަލެއްގައި ބަހައްޓަން ކަރެކްޝަނަލް ސާވިސްގެ މައްޗަށް އަމުރުކުރާ ކަމަށް އަމުރުގައިވެ އެވެ. މި އަމުރާއެކު އަދީބު 15 ދުވަހަށް ކަސްޓޯރިއަލް ޖަލެއްގައި ބެހެއްޓުމަށް ނެރެފައިވާ އަމުރު ބާތިލްވެގެން ދާނެ ކަމަށް ވެސް ސުޕްރީމް ކޯޓުގެ އަމުރުގައިވެ އެވެ.

ސުޕްރީމް ކޯޓުގައި މިއަދު ބޭއްވި އަޑުއެހުމުގައި ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވަނީ ކުރިމިނަލް ކޯޓުން ވެސް ބަންދު އަމުރު ނެރެފައިވަނީ އަދީބު ފިލަން އުޅުނު މައްސަލާގައި ކަމަށް ވިދާޅުވެފަ އެވެ. ސުޕްރީމް ކޯޓުގައި ވެސް ހަމަ އެކަމުގައި ބަންދު ކުރުމަށް އެދިފައިވާތީ އަދީބުގެ ފަރާތުން ނުރުހުން ފާޅުކުރި އެވެ. އެއީ އިސްތިއުނާފު ކުރުމުގެ ފުރުސަތު ގެއްލޭނެ ކަމެއް ކަމަށް އަދީބުގެ ވަކީލް ވިދާޅުވި އެވެ.

ނަމަވެސް ޕްރޮސިކިއުޓާ ޖެނަރަލްގެ ވަކީލް ވިދާޅުވީ ކުރިމިނަލް ކޯޓުން އަދީބު ބަންދުކޮށްފައިވަނީ 15 ދުވަހަށް ކަސްޓޯރިއަލް ޖަލެއްގައި ކަމަށާއި ސުޕްރީމް ކޯޓުގައި އެދެނީ އަދީބުގެ ޝަރީއަތް ނިމެންދެން ރިމާންޑް ޖަލެއްގައި ބަންދުކޮށްދިނުމަށް ކަމަށެވެ.

އެމްއެމްޕީއާރްސީގެ ތެރެއިން މާބިންހުރާ ކުޔަށް ދޫކުރުމުގައި ހިޔާނާތް ހިންގި ކަމަށް ތުހުމަތުވާ މައްސަލާގައި ކުރިމިނަލް ކޯޓުން އޭނާގެ މައްޗަށް އަށް އަހަރުގެ ޖަލު ހުކުމެއް އިއްވި އެވެ. ނަމަވެސް ހައިކޯޓުން ވަނީ ދާދިފަހުން އެ ހުކުމް ބާތިލްކޮށް އަލުން ބެލުމަށް ކުރިމިނަލް ކޯޓަށް އަންގާފަ އެވެ.

ކުރިމިނަލް ކޯޓުން މިހާރު ވަނީ އެ މައްސަލަ ނުބަލަން ނިންމާފަ އެވެ. އެއީ ހައިކޯޓުން އެ މައްސަލައަކީ ތަހުގީގު ފުރިހަމަ ނުވާ ސިޔާސީ ނުފޫޒުތައް އޮތް މައްސަލައެއް ކަމަށް ކަނޑައަޅާފައިވާތީ އެވެ. ހައިކޯޓުން އެގޮތަށް ކަނޑައެޅީ ސުޕްރީމް ކޯޓުން މިދިޔަ އަހަރުގެ ފެބުރުއަރީ މަހުގެ އެއްވަނަ ދުވަހު ނެރުނު އަމުރަށް ރިއާޔަތްކޮށެވެ.

ނަމަވެސް ހައިކޯޓުން އެ މަނާކުރުން ގަބޫލު ނުކުރެވޭ ކަމަށް ބުނެ ޕްރޮސިކިއުޓާ ޖެނަރަލްގެ އޮފީހުން ސުޕްރީމް ކޯޓަށް މައްސަލަ ގެންގޮސް އަދީބުގެ ބަންދުގެ އަމުރަކާއި ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރަކަށް އެދުނެވެ. މިދިޔަ ޖޫން މަހު ސުޕްރީމް ކޯޓުން ނެރެދިނީ ޕާސްޕޯޓް ހިފެހެއްޓުމުގެ އަމުރު އެކަންޏެވެ. އެ އަމުރު އެހެން އޮތްވައި އަދީބު ފިލައިގެން އިންޑިއާއަށް ދިޔައީ އެވެ.

2 comment
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910