ނަސްރުގެ ދުވަސް

ސިފައިން ކޮރަޕްޝަނާއި ނުފޫޒަށް ދީލައި ނުލުމަށް ގޮވާލައިފި

Nov 3, 2018
7

ރާއްޖޭގެ އިސްތިގުލާލާއި މިނިވަންކަމަށް ބުރޫ އަރާ ދަރަޖައަށް ރާއްޖޭގައި ކޮރަޕްޝަނާއި ނުފޫޒު މިއަދު އާންމުވެފައިވާ ކަމަށާއި ކޮރަޕްޝަނާއި ނުފޫޒަށް ދިވެހިން ސިފައިން ދީލައި ނުލުމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިރޭ ސިފައިންނަށް އިލްތިމާސް ކުރައްވައިފި އެވެ.

ނަސްރުގެ ދުވަސް ފާހަގަ ކުރުމަށް މިރޭ ކަޅުތުއްކަލާ ކޮށީގައި ބޭއްވި ހަފްލާގައި ސިފައިންނާ މުހާތަބުކުރައްވާ ޑިފެންސް މިނިސްޓަރު ވިދާޅުވީ، އެ މީހަކު ބޭނުންވާ ކަމެއް ހާސިލް ކުރުމަށް ކޮރަޕްޝަނާއި މާދިއްޔަތުގެ ބޭނުންކޮށް ނުފޫޒު ފޯރުވައިގެން ކަންތައްތައް ކުރުމުގެ އާދަ ދިވެހިންގެ ތެރޭގައި ނުރައްކާތެރި ދަރަޖައަކަށް ފެތުރި، ގައުމުގެ ކަންކަން ހަރާބުވެފައިވާ ކަމަށެވެ. އަދި އަނިޔާ އާއި ބޭއިންސާފު ހުއްޓުވާ ހަންމުއްޓަކީ، ކޮރަޕްޝަނާއި މާއްދިއްޔަތު ކަމަށް މިއަދު ވެފައިވާ ކަމަށް ޑިފެންސް މިނިސްޓަރު ވިދާޅުވި އެވެ. އެމަނިކުފާނި ވިދާޅުވީ، މިކަންކަން އާންމުވެފައިވާ މިންވަރުން ކޮރަޕްޝަނާއި ނުފޫޒުގެ ތެރެއިން ރާއްޖޭގެ ގައުމިއްޔަތުގެ ކަންކަން ބަދަލުކުރެވިދާނެ ކަމުގެ، "އިންޒާރުގެ ރަނގަބީލު" ޖެހެމުންދާ ކަމަށެވެ.

"ބިރުވެރިވެ އާޝޯހުވެ ކަންބޮޑުވާ މިންވަރަށް ކޮރަޕްޝަނާއި މާއްދިއްޔަތުގެ ނުފޫޒު އަޅުގަނޑުމެންގެ ތެރޭގައި މި ވަނީ އަށަގެންފައި... ކޮރަޕްޝަނާއި ފަސާދަ އާންމުވުމުގެ ސަބަބުން އިސްލާމް ދީނާއި ގައުމިއްޔަތު ހިމާޔަތް ނުކުރެވޭ ދަރަޖައަށް ބައެއް ތަންތަނުގެ ހާލަތު މިވަނީ ދަށަށް ގޮސްފައި. މިދެންނެވި ހާލަތުތައް، މިދެންނެވި އަމަލުތައް ތަކުރާރުވަމުން ދަނީ އޭގެ ޒާތުގައި ތިމާގެ ވިސްނުމާއި ފިކުރާއި އަގީދާ ބަލިކަށިވެ، އާންމު އުސޫލުތަކާއި ހަމަތަކާއި ގާނޫނީ އިމުގެ ބޭރުން ތިމާގެ އަނބުރާއި އިއްޒަތް ވެއްޔާމޮޑެވި އަމިއްލަ އެދުން އިސްކުރުމުގެ ސަބަބުން،" މިނިސްޓަރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ ކޮރަޕްޝަން މަދުކޮށް ނަޒާހަތްތެރިކަން ދައުލަތުގެ ތެރޭގައި އިތުރުކުރުމަށް ހެދިފައިވާ ނިޒާމުތައް މިހާރަށް ވުރެ ހަރުދަނާވާން ޖެހެ އެވެ. މިނިސްޓަރު ވިދާޅުވީ އެކަންކަން ހަރުދަނާ ކުރުމަށް ކަމާ ބެހޭ މުއައްސަސާތަކާއި އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތައް އަދި އާންމު ރައްޔިތުން މި ވަނީ ބުރަ މަސައްކަތެއް ކުރަން ޖެހިފަ އެވެ. އަދި މިކަންކަމުން އަރައިގަނެ، އަލުން ބަލުން ރާއްޖެ އާރާސްތުކުރަން ޖެހިފައިވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

"އެހެން ނޫނީވިއްޔާ އިސާހިތަކު ދިވެހިންގެ ސިޔާދަތާއި މިނިވަންކަން ގެއްލި ހިނގައިދާނެ، ދިވެހިން އަޅުވެތި ވެދާނެ. އާދެ! މިއަދަކީ ނަސްރުގެ ދުވަސް! މިއަދަކީ ދިވެހިން އަޒުމް އާކުރަންވީ ދުވަސް. ދިވެހިން މިއަދު އަޒުމް އާކުރަންވީ، އިސްލާމްދީނާއި ގައުމުގެ ސިޔާދަތާއި މިނިވަންކަން އިސްތިގުލާލާއި ރައްޔިތުންގެ މަސްލަހަތަށް ރައްކާތެރިވުމަށްޓަކައި ކޮރަޕްޝަނުން ދުރުހެލިވެ ނުފޫޒުގައި އެއްވެސް ކަމެއް ނުކުރެއްވުން އަޅުގަނޑުގެ އިލްތިމާސްއަކީ ތިޔަބޭފުޅުންނަށް،" މިނިސްޓަރު ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ މި ޒައާމަތުގައި ދިވެހި ގައުމަށް ކުރިމަތިވި މުހިންމު ބޮޑެތި ކަންތައްތަކުގައި ސިފައިން ވަނީ ގައުމީ ޒިންމާ އަދާކޮށްފައި ކަމަށެވެ. އަދި އެފަދަ ކަންތައްތަކުން ދިވެހި ގައުމު ސަލާމަތްކުރުމަށް ސިފައިންގެ އެންމެ މަތީވެރިޔާގެ ހައިސިއްޔަތުން ރައީސް އަބްދުﷲ ޔާމީން ބޮޑެތި ނިންމެވުންތައް ނިންމަވާފައިވާކަން ފާހަގަ ކުރައްވާ މިނިސްޓަރު ވަނީ އެމަނިކުފާނަށް ޝުކުރު އަދާކުރައްވައިފަ އެވެ. މީގެ އިތުރުން، ނޮވެމްބަރު 3 ގެ އުދުވާނުން ގައުމު ސަލާމަތްކުރުމުގައި އޭރުގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ކޮށްދެއްވި ހިދުމަތްތަކުގެ އަގު ވަޒަންކޮށް ޝުކުރު އަދާކުރި އެވެ. އަދި އިންޑިއާގެ އެހީތެރިކަމަށް ވެސް ޝުކުރު އަދާކުރި އެވެ.

މިނިސްޓަރު ވިދާޅުވީ، މި ޒަމާނުގައި ބޭރުގެ އިސްތިއުމާރީ ބާރުތަކުން މަސައްކަތް ކުރަނީ ޑިމޮކްރަސީ އާއި މިނިވަންކަން ގެއްލުވާލާފައިވާ ކަމަށް ބުނެ، އިސްލާމީ ކުދި ގައުމުތަކަށް ނުފޫޒު ފޯރުވައި އެ ގައުމުތަކުގެ ވެރިންގެ އަގު ވައްޓާލުމަށް ކަމަށެވެ. އަދި މުއައްސަސާތަކާއި އެތަންތަނުގެ ވެރިންގެ މައްޗަށް ދޮގު އިލްޒާމްތައް އަޅުވައި އެއީ ހަގީގަތްކަން ރައްޔިތުންނަށް ވިސްނައިދީ އެ ގައުމުތަކުގެ ވެރިކަން ފުރޮޅާލައި އިސްލާމީ ވެރިން އަޒުލްކުރުމުގެ ޕްރޮޕެގެންޑާއެއް ބޭރުގެ ބޮޑެތި ގައުމުތަކުން އިސްވެ ތިބެ ހިންގާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެމަނިކުފާނު ވިދާޅުވީ އިސްލާމީ ގައުމުތަކާއި އެ ގައުމުތަކުގެ ވެރިންނާ މެދު ހުޅަނގުގެ ބޮޑެތި ބާރުތަކުން ގެންގުޅެނީ، "ހިޔަޅުގެ ވިސްނުން" ކަމަށެވެ. އަދި އެފަދަ ވެރިންނާ މެދު އަމަލު ކުރަނީ، "ކަނޑުގެ އުސޫލުން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.