ހަބަރު

މަހުލޫފު ހައްޔަރުކުރީ މެމްބަރުންގެ އިމްތިޔާޒުތަކާ ބެހޭ ގާނޫނާ ހިލާފަށް: ހައިކޯޓު

މިދިޔަ ފެބްރުއަރީ މަހުގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފު ހައްޔަރުކޮށް، ބަންދުގައި ބަހައްޓާފައިވަނީ މަޖިލީހުގެ މެމްބަރުންގެ އިމްތިޔާޒުތަކާ ބެހޭ ގާނޫނާ ހިލާފަށް ކަމަށް ހައިކޯޓުން ކަނޑައަޅައިފި އެވެ.

މަހުލޫފު ހައްޔަރުކޮށްފައިވަނީ، 22 ފެބްރުއަރީ 2018ގައި އެމްޑީޕީ ހަަރުގެ ސަރަހައްދުގައި ކުރިޔަށްގެންދިޔަ އެއްވުމެއްގެ ތެރެއިން މާސްކު ބަހަން ހުއްޓަ އެވެ. މަހުލޫފު ހައްޔަރު ކުރުމަށްފަހު 43 ދުވަހު ޖަލުގައި ގެންގުޅެފައިވެ އެވެ. މަހުލޫފު އެތަނުން ހައްޔަރުކޮށް އޭނާގެ މައްޗަށް އުފުލާފައިވަނީ ގާނޫނު ތަންފީޒުކުރާ މުވައްޒަފަކަށް ހުރަސްއެޅުމުގެ ދައުވާ އެވެ.

މަހުލޫފުގެ ފަރާތުން އޭނާގެ ހައްޔަރު ކުރުމަށް އަމުރު ނެރުނު މައްސަލަ އިސްތިއުނާފު ކުރުމުން، ހައިކޯޓުން މިއަދު ނިންމީ، އޭނާ ހައްޔަރުކޮށް، ބަންދުގައި ގެންގުޅެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުގެ އިމްތިޔާޒުތަކުގެ ގާނޫނާ ހިލާފަށް ކަމަށެވެ. މަޖިލީހުގެ މެމްބަރަކު ހައްޔަރު ކުރާ ކަމަށްވާނަމަ ހައްޔަރު އަމުރަށް އެދެން ޖެހޭނީ ދައުލަތުގެ ޕްރޮސެކިއުޓާ ޖެނެރަލް އެވެ.

މީގެ ކުރިން މަހުލޫފުގެ މައްޗަށް ދެ ދައުވާއެއް ސާބިތުވެ، އޭނާ ވަނީ ޖަލުހުކުމްތަކެއް ތަންފީޒު ކުރައްވާފަ އެވެ. އެގޮތުން ފުލުހުންނަށް ފިލަން މަސައްކަތްކުރި ކަމަށް ބުނެ އުފުލި ދައުވާއެއް ސާބިތުވާ ކަމަށް ނިންމާ އޭނާގެ މައްޗަށް ހަތަރު މަހާއި 24 ދުވަހުގެ ޖަލު ހުުކުމެއް އިއްވި އެވެ.

މީގެ އިތުރުންވެސް، ފުލުހުން ބެރިކޭޑް ޖަހައި ބަންދުކޮށްފައިވާ ސަރަހައްދަކަށް ހުއްދަ ނުހޯދާ ވަދެފައިވާ ކަމަށް ބުނާ މައްސަލައެއްގައި، ފުލުހުންނަށް ދަތިކުރުމުގެ ދައުވާ ސާބިތުވާކަމަށް ނިންމާ ހަ މަސް ދުވަހުގެ ޖަލު ހުކުމެއް ވެސް އޭނާ ވަނީ ތަންފީޒުކޮށް ނިންމާފަ އެވެ. އެ ދައުވަތަކުގެ އިތުރުން ވެސް މަހުލޫފުގެ މައްޗަށް ގިނަ ދައުވާތަކެއް ވަނީ އުފުލާފަ އެވެ. އެ ދައުވާތަކަކީ ސިޔާސީ ގޮތުން ކޮށްފައިވާ ދައުވާތަކެއް ކަމަށް މަހުލޫފު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ.