އީޕީއޭ

ރާއްޖެއިން ބޭރަށް ރުއްތައް ގެންދަން އުޅުނީ އޮޅުވާލައިގެން: އީޕީއޭ

މާފަރުން ނެގި ރުއްތަކެއް އަބޫދާބީއަށް ގެންދަން އުޅުނީ ރާވުމެއްގެ ދަށުންކަން ކަށަވަރުވެފައިވާ ކަމަށާއި ނަމަވެސް އެ ރުއްތައް ބޭރުކުރިޔަ ނުދީ ބޯޓުން ބާލާފައިވާ ކަމަށް އެންވަޔަރަމަންޓް ޕްރޮޓެކްޝަން އޮތޯރިޓީ (އީޕީއޭ) އިން ބުނެފި އެވެ.

ރަށްރަށުން ގިނަ އަދަދެއްގެ ރުއްގަސް ނަގަމުންދާ މައްސަލައާ ގުޅޭގޮތުން އީޕީއޭއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެ އިދާރާގެ އެންވަޔަރުމަންޓް ޑިޕާޓްމަންޓްގެ ޑިރެކްޓާ ޖެނެރަލް، މުހައްމަދު ޒާހިރު، މީމުޒަވިޔަނި ވިދާޅުވީ ރާއްޖެއިން ބޭރަށް ރުއްތައް ގެންދަން އުޅުނުކަން މީޑިއާއަށް ފެންމަތިވުމުގެ ކުރިން ކަސްޓަމްއިން އެ އޮތޯރިޓީއަށް އެކަން އެންގި ކަމަށެވެ. އަދި އީޕީއޭއިން ބެލި ބެލުމުން އެ ބޯޓުގައި ބޭރަށް ގެންދިއުމަށްޓަކައި ސާޅީހަކަށް ރުއް ޕެކްކޮށްފައި އޮތްކަން ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އެހެން ނަމަވެސް އެ ރުއްތައް އެއަށް އެރުވިޔަ ނުދީ ބޭރުކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި މިހާތަނަށް ވެސް އެ ބޯޓަށް އަރުވައިގެން އެއްވެސް ރުކެއް ބޭރުކުރެވިފައި ނުވާކަމުގެ ޔަގީންކަން ވެސް އޭނާ ވަނީ ދީފަ އެވެ.

އީޕީއޭއިން ބުނީ ރުއްތައް ބަރުކުރަން އުޅުނީ ރޭވުމެއްކަން ދަށުންކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. އެހެން ނަމަވެސް އޭގެ ތަފްސީލު ދީފައެއް ނުވެ އެވެ. އެ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާފަރުން ރުއްތައް ނެގުމުގެ މަސައްކަތް ކޮށްފައިވަނީ އެއާޕޯޓްގެ ކޮންޓްރެކްޓާ ކަމަށްވާ ސިންގަޕޫރްގެ ޓަފް އޯފްޝޯއިންނެވެ. ރުއްތައް ނަގައިގެން ބޯޓާ ހަމައަށް ޕެކްކޮށްގެން ގެންގޮސްފައިވަނީ އެ ކުންފުނީގެ ވެހިކަލްތަކެއްގަ އެވެ.

ތިމާވެއްޓަށް ގެއްލުން ލިބޭގޮތަށް، އީޕީއޭގެ ވެސް ހުއްދައެއް ނެތި ގިނަ އަދަދެއްގެ ރުއްގަސް ކަނޑަމުންދާ މައްސަލަތަކެއް ހޫނުވެފައިވާއިރު، އެންމެ ގިނަ އަދަދަކަށް ރުއްގަސް ކަނޑައިގެން މި ފަހުން ވެސް ދ ރިނބުދޫ އާއި ށ ޅައިމަގަށް ވެސް ވަނީ ފިޔަވަޅު އަޅާފަ އެވެ. އީޕީއޭއިން ބުނީ އިތުރު ހައެއްކަ ރަށުގެ މައްސަލަތަކެއް ވެސް ފާހަގަކުރެވިފައިވާ ކަމަށާއި އެކަންކަން ވެސް ބަލަމުންދާ ކަމަށެވެ.

މީމު ޒަވިޔަނި އިތުރަށް ވިދާޅުވީ ތިމާވެއްޓާއި ގުޅުންހުރި ކަންކަމުގައި ބޮޑެތި ގޮންޖެހުންތަކެއް އެބަހުރި ކަމަށާއި، އޭގެ ތެރޭގައި ސަރުކާރުގެ ކަމާއި ބެހޭ އެހެނިހެން ވުޒާރާތަކާއި، މިނިސްޓްރީގެ މެންޑޭޓާ ފުށޫ އަރާ ފުށުއެރުންތަކެއް ވެސް އެބަހުރި ކަމަށެވެ.

"ގާނޫނީ ފުށުއެރުންތަކެއް އެބަހުރި. އެއް މިނިސްޓްރީގެ ގާނޫނާއި، އަނެއް މިނިސްޓްރީން ބަލަހައްޓާ ގާނޫނާއި، އަނެއް މިނިސްޓްރީން ބަލަހައްޓާ ގާނޫނުގައިވެސް އެބަ ހުރި ފުށު އެރުންތައް. މި ހުރިހާ ކަމަކީ އަޅުގަނޑުމެންނަށް ހުރި ގޮންޖެހުން. މިއަދާ ހަމަޔަށްވެސް އަޅުގަނޑުމެން އެބަ މަސައްކަތް ކުރަން އެ ގޮންޖެހުންތަކުން ސަލާމަތްވުމަށް. އެކަމަށްޓަކައި އެ ޗެލެންޖެސް އަޅުގަނޑުމެން ވަރަށް ބޮޑަށް ކުރިޔަށް އެބަ ގެންދަން" ޒާހިރު ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ، ގުދުރަތީ މުއްސަނދިކަމާއި، ގުދުރަތީ ރީިތިކަން އަންނަން އޮތް ޖީލުތަކަށް ދެމެހެއްޓުމަކީ ހަމަ އެކަނި އެންވާރުމަންޓް މިނިސްޓްރީގެ ޒިންމާއެއް ނޫން ކަމަށާއި، އެއީ މުޅި ދައުލަތުގެ ޒިންމާއެއް ކަމަށެވެ. އެހެން ނަމަވެސް މިވީހާ ތަނަށް ނޫސްވެރިންނާއި، އެކި އެކި ފަރާތްތަކުން އެކަމުގައި ފާޑު ކިއުންއަމާޒު ކޮށްފައިވަނި މިނިސްޓްރީއަށް އެކަނިކަމަށް ވިދާޅުވި އެވެ. އެކަމަކު އެހެން ހަދައިގެން ކަންކަން އިސްލާހު ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.