ހަބަރު

ފިލައެއް މަތީ ތާރު އެޅީ ވަގުތު ނެތީމަ: މުއިއްޒު

Nov 5, 2018
20

ފިލައެއް މަތީ ތާރު އަޅައިގެން ރިންގްރޯޑް ހެދީ، މަގު ހެދުން ލަސް ކުރެވެން ނެތީމަ ކަމަށް ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެ އެވެ.

އިއްޔެ ސޯޝަލް މީޑިއާގައި އާންމުވި ފޮޓޯއަކުން ފެންނަ ގޮތުން ފިލައެއް މަތީ ތާރު އަޅާފައިވުމުން އެ ތަނުން ތާރު ވަނީ ނައްޓައިގެން ގޮސްފަ އެވެ. އެކަމާ ގުޅިގެން މުއިއްޒަށް ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ.

އެ ފޮޓޯއާއެކު މިނިސްޓަރު މިއަދު ހެނދުނު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފޮޓޯއިން ފެންނަނީ ޖަންގްޝަނެއް ހުރި ސަރަހައްދެއް ކަމަށެވެ. އެ ޖަންގްޝަންގެ ލެވެލް އުސްކޮށް މަތިގަނޑު އަޅަންޖެހޭ ކުންފުންޏަށް، އެކަން ކުރަން ވަގުތު ބޭނުންވާތީ މަގު ހެދުން ލަސް ނުކުރެވޭތީ މަގު ހެދިއިރު ޖަންގްޝަން މަތީ ފިލައެއް ބާއްވާފައިވަނީ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެގޮތަށް ހުރި ފިލާތައް ނަގައި، އެ ކުންފުނިން ޖަންގްޝަން މަގާ ލެވެލްކޮށް މަތި އަޅަމުންދާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރިންގްރޯޑަކީ ސިނަމާލެ ބްރިޖާއެކު ތަރައްގީކުރި މަގެކެވެ. ބްރިޖް ހުޅުވާލިއިރަށް ރިންގްރޯޑްގެ މަސައްކަތް ނިންމާލެވުނީ ހަމަކިރިޔާ އެވެ.