ރާއްޖެ ކުޅިވަރު

އަކުރަމް ވެލެންސިއާ އަށް

ނިއު ރޭޑިއަންޓަށް ކުޅެމުންދިޔަ ގައުމީ ޓީމުގެ ޑިފެންޑަރު އަކުރަމް އަބްދުލް ގަނީ ކްލަބް ވެލެންސިއާ އަށް ބަދަލުވެއްޖެ އެވެ.

ނިއު އިން ބުނީ ވެލެންސިއާ އިން އަކުރަމްގެ ޓްރާންސްފާ އަށް އެދުމުން، އެ ކްލަބަށް އަކުރަމް ދޫކޮށްލާފައިވާ ކަމަށެވެ. އަދި އަކުރަމް އެ ކްލަބަށް ކޮށްދިން ހިދުމަތަށް ކްލަބުން ޝުކުރު އަދާކުރާ ކަމަށެވެ.

މިއީ އަކުރަމް ވެލެންސިއާ އަށް ކުޅޭ ތިން ވަނަ ފަހަރެވެ. ވެލެންސިއާ އިން ކެރިއަރު ފެށުމަށް ފަހު، އަކުރަމް އެ ކްލަބް ދޫކޮށް ނިއު އަށް ބަދަލުވީ 2007 ވަނަ އަހަރެވެ. ދެހާސް ނުވަ ވަނަ އަހަރާ ހަމައަށް ނިއު އަށް ކުޅުމަށް ފަހު، އަކުރަމް ވަނީ ވީބީ އައްޑޫ އެފްސީ އާއި މާޒިޔާ އަދި ވިކްޓަރީ އަށް ކުޅެފަ އެވެ.

ދެހާސް ތޭރަ ވަނަ އަހަރު އަކުރަމް ވެލެންސިއާ އަށް ބަދަލުވި ނަމަވެސް، ސީޒަންގެ މެދުތެރެއިން އޭނާ ވަނީ އެ ކްލަބް ދޫކޮށް ނިއު އަށް ބަދަލުވެފަ އެވެ.

ވެލެންސިއާ އިން ވަނީ ޓީމު ވަރުގަދަކުރުމުގެ ގޮތުން ޖޫން މަހުގެ ޓްރާންްސްފާގައި ބަލްގޭރިއާގެ ތަޖުރިބާކާރު ފޯވަޑެއް ވެސް އެ ޓީމުގައި ހިމަނައިފަ އެވެ.

އަކުރަމްގެ އިތުރުން ނިއު އިން ވަނީ ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު ނިޔާޒް (ނިޔާ) ވެސް ދޫކޮށްލައިފަ އެވެ. ފާއިތުވި ފަސް ސީޒަންގައި ނިއު އަށް ކުޅުނު ނިޔާ ބަދަލުވީ ވިކްޓަރީ އަށެވެ.

ކްލަބް އީގަލްސް އަށް ކުޅެމުންދިޔަ ތަޖުރިބާކާރު މިޑްފީލްޑަރު އަހުމަދު މުހައްމަދު (އައްމަޑޭ) ވެސް ވަނީ ވިކްޓަރީ އަށް ބަދަލުވެފަ އެވެ.