ހަބަރު

12 މެންބަރުން މަސީހާ ދެކޮޅަށް ފުލުހަށް މައްސަލަ ހުށަހަޅަނީ

މަޖިލީހުގެ ކުރީގެ ރައީސް އަބުދުﷲ މަސީހާއި ދެކޮޅަށް ރައްޔިތުން މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި 12 މެންބަރުން ފުލުހަށް މައްސަލައެއް ހުށަހަޅަން ނިންމައިފި އެވެ.

އެމައްސަލަ ޕޮލިހަށް ހުށަހަޅަނީ 12 މެންބަރުންނާއި ދެކޮޅަށް މަސީހު ހިންގާފައިވާ ކަންކަމާއި ތުހުމަތު ކުރެވޭ ކަންކަން ޖިނާއީ މައްސަލަތައް ބަލައި ތަހުގީގް ކުރުމަށް އެދި އެވެ. އެމައްސަލަ ޕޮލިހަށް ހުށަހެޅުމަށް ހަމަޖެހިފައިވަނީ މިއަދު މެންދުރުފަހު 1:30ގައި އެވެ.

ގޮނޑީގެ މައްސަލައަށް އެއްވެސް ހައްލެއް ނުލިބި އަހަރަކާއި ހަތަރު މަހެއް ހާ ދުވަހު ފަހުން ސުޕްރީމް ކޯޓުން ވަނީ 12 މެންބަރުންގެ ގޮނޑި ވެސް ނުގެއްލޭ ކަމަށް ވަރަށް ސާފުކޮށް ކަނޑައަޅާފަ އެވެ. އެއާއެކު އެންމެފަހުން ބޭއްވި މަޖިލީހުގެ ޖަލްސާއަށް 12 މެންބަރުން ވެސް ވަޑައިގަތެވެ.

މަޖިލީހުގެ 12 މެންބަރެއްގެ ގޮނޑި ގެއްލިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައި ވަނީ މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގަ އެވެ. އެއީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް މައްސަލަ ހުށަހެޅުމަށް އެ މެންބަރުން ސޮއި ކުރުމާ ގުޅިގެނެވެ. އެކަމާ ގުޅިގެން އެޓާނީ ޖެނަރަލް މުހައްމަދު އަނިލް ސުޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލައަކާ ގުޅިގެން އޭރު ކޯޓުން ހުކުމްކޮށްފައި ވަނީ މެންބަރަކު ޕާޓީ އިން ވަކިވެއްޖެ ނަމަ ނުވަތަ ވަކިކޮށްފި ނަމަ ނޫނީ ޕާޓީ ބަދަލުކޮށްފި ނަމަ އެ މެންބަރެއްގެ ގޮނޑި ގެއްލޭނެ ކަމަށެވެ. އަދި އެންޓި ޑިފެކްޝަން ގާނޫނެއް އެކުލަވާލުމަށް ވެސް އޭރު ހުކުމް ކުރެވުނެވެ.