ހަބަރު

ޖަޕާނުގައި ހުންނަ ޑެޕިއުޓީ އެމްބެސެޑަރަކަށް އަމީތު

Jul 5, 2020

ޖަޕާނުގައި ހުންނަވާ ރާއްޖޭގެ ސަފީރުގެ ނައިބު ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަޑުއްވަރީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު އަމީތު އައްޔަން ކުރައްވަައިފި އެވެ.

އެންޓި ޑިފެކްޝަން ގާނޫނުގެ ސަބަބުން އިލެކްޝަންސް ކޮމިޝަނުން ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރޭގައި ހިމެނޭ އަމީތަކީ މިހާރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީންގެ ކޮއްކޮ އެވެ.

މިނިސްޓަރުންގެ ނައިބުގެ ފެންވަރުގައި ޑެޕިއުޓީ އެމްބެސެޑަރުކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަމީތު އައްޔަނުކުރައްވާފައިކަމަށް ފޮރިން މިނިސްޓްރީން ވަނީ ކަށަވަރުކޮށްދީފަ އެވެ.

ޕީޕީއެމްގެ މެމްބަރެއްގެ ގޮތުގައި ހުންނެވުމަށް ފަހު 2017 ވަނަ އަހަރު އޭރުގެ އިދިކޮޅާ ގުޅިވަޑައިގަތް މެމްބަރުންގެ ތެރޭގައި އަމީތު ވެސް ހިމެނިވަޑައިގެންނެވި އެވެ.

އަމީތާއެކު ގޮނޑި ގެއްލުނު ކަމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައެޅި 12 މެމްބަރުންގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ނިންމީ އޮކްޓޯބަރު 2018 ގަ އެވެ. އޭގެ އެއް މަސް ފަހުން އަމީތު ވަނީ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފަ އެވެ.