ހަބަރު

ނަޝީދު 12 މެންބަރުންއާ ބައްދަލުކުރައްވައިފި

ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ރައްޔިތުން މަޖިލީހުގެ ގޮނޑި ނުގެއްލޭ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅި 12 މެންބަރުން ބައްދަލުކުރައްވައިފި އެވެ.

މި ބައްދަލުވުން ކުރިއަށް ގެންގޮސްފައިވަނީ އެމްޑީޕީ އޮފީހުގަ މިއަދު 11:30 އެހާއިރު އެވެ. އެ ބައްދަލުވުމުގައި ރައީސް ނަޝީދާއެކު އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފާއި އެޕާޓީގެ ނައިބް ރައީސް މުހައްމަދު ޝިފާޒާއި އެޕާޓީގެ ޖެނެރަލް ސެކެރެޓަރީ އަނަސް އަބުދުލްސައްތާރުވެސް ބައިވެރިވެވަޑައިގެންނެވި އެވެ.

އެ ބައްދަލުވުމުގައި ރައީސް ނަޝީދު ވަނީ އެ 12 މެންބަރުން ކުރެއްވި މަސައްކަތަށް ޝުކުރު އަދާކޮށް އަގުވަޒަން ކުރައްވާފަ އެވެ.

ނަޝީދު، އެ 12 މެންބަރުންނާއި ބައްދަލުކުރައްވާފައިވާއިރު، މިއަދު ވަނީ ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މަޖިލީހުގެ މިހާރުގެ ރައީސް ގާާސިމް އިބްރާހީމާވެސް ބައްދަލުކުރައްވާފަ އެވެ. ގާސިމްގެ އިތުރުން އިއްޔެ ވަނީ އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާނާވެސް ބައްދަަލުކުރައްވާފަ އެވެ. އަދި ރައީސް ނަޝީދު ވަނީ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާވެސް ބައްދަލުކުރައްވާފަ އެވެ.

ރައީސް ނަޝީދު ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ ބުރާސްފަތި ދުވަހު އެވެ. ގާތްގަނޑަކަށް ތިން އަހަރަށްފަހު އެމަނިކުފާނު ރާއްޖެވަޑައިގެންނެވުމުން ވަނީ ހޫނު މަރުހަބާއެއް ދަންނަވާފަ އެވެ. އެމަނިކުފާނާއެކު އިބޫވެސް އެދަތުރުފުޅުގައި ބައިވެރިވެވަޑައިގެންނެވި އެވެ.