މާބުލް ޖަހައިގެން ތަރައްގީކޮށްފައިވާ އިސްލާމީ މަރުކަޒު ސަރަހައްދު އަލުން ދުއްވާ އެއްޗިއްސަށް ހުޅުވާލުމަށް އިންތިހާބީ ރައީސް ރޭ ބޭއްވި، ރައްޔިތުންގެ ހޮޅުއަށި ފޯރަމްގައި އާންމުން ހިޔާލުފާޅުކޮށްފައިވާތީ، އެ ހިޔާލާ ދެކޮޅުކަން ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު މިއަދު ފާހަގަ ކުރައްވައިފި އެވެ.
މާލޭގެ މަގުތަކާ ގުޅުވައިގެން ރޭ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ފަރާތްޕުޅުން ފެށި "ޖަޒީރާ ހޮޅުއަށި" ޕްރޮގްރާމުގައި އިސްލާމީ މަރުކަޒާއި ސަލްޓަންޕާކް ދެމެދުގައި އޮންނަ މަގު އަލުން ހުޅުވާލުމަށް އެ ބައްދަލުވުމުގައި ބައިވެރިވި ގިނަ އާންމުން ހިޔާލު ހުށަހަޅާފައި ވަނިކޮށް، މިއަދު މިނިސްޓަރު މުއިއްޒު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ޖުމްހޫރީ މައިދާނުން ފެށިގެން ރަސްރަނި ބަގީޗާ ނިމެންދެން އެ އޮންނަ ސަރަހައްދަކީ މާލޭގައި އޮތް އެންމެ އަމާން، އަދި އެންމެ ހިތްފަސޭހަ އެއް ތަންކަމުގަ އެވެ. އަދި އެއީ ހަލަބޮލި މި މާލޭގައި ދަރުސްތަކާއި ބޮޑު ޖަމާއަތުގެ ނަމާދު ފަދަ ހަރަކާތްތައް ބާއްވަން އޮންނަ މުހިއްމު ސަރަހައްދެއް ކަމަށެވެ.
"ޖުމްހޫރީ މައިދާނުން ފެށިގެން އިސްލާމީ މަރުކަޒު މައިދާން އަދި ރަސްރަނި ބަގީޗާ ނިމެންދެން ހިމެނޭ ސަރަހައްދަކީ ބިޒީ މާލޭގަ ހަމަހިމޭން، ހިއްފަސޭހަ، ކުޑަކުދިންނަށް ރައްކާތެރި، މަރުކަޒުގެ ރީތިކަން ފެންނަ، ދަރުސްތަކާއި ބޮޑު ޖަމާއަތަށް ޖާގަ އޮތް ސަރަހައްދެއް،" މުއިއްޒު ވިދާޅުވެފައިވެ އެވެ.
ކުރިން އެއްކޮޅަށް ދުއްވާ ގޮތަށް އޮތް މެދުޒިޔާރަތްމަގުގެ ބައެއްގެ ގޮތުގައި ހިމެނޭ އެ ސަރަހައްދު އަލުން ހުޅުވާލުމަށް ހިޔާލު ހުށަހެޅި ގިނަ އާންމުން ވަނީ އެތަން ބަންދުކޮށްފައި އޮތުމުން އެ ސަރަހައްދުގެ ޓްރެފިކަށް ބާރުބޮޑުވެ، ޕީކް ގަޑިތަކުގައި މުޅި ސަރަހައްދު އެކަށް ތޮއްޖެހޭ މައްސަލަ ވަރަށް ބޮޑަށް ފާހަގަކޮށްފަ އެވެ. ހާއްސަކޮށް އެ ސަރަހައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ ސަރަހައްދަކަށް ވުމުން ސްކޫލަށް ކުދިން ވައްދައި ނެރޭ ގަޑިތަކުގައި ވާ އުނދަގޫތައްވެސް އާންމުން ވަނީ ރޭގެ ޕްރޮގްރާމްގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ހުށަހަޅާފަ އެވެ.
މެދުޒިޔާރަތްމަގުގައި ކުރިން ހުރި ޖުމްހޫރީ ބިނާ އެތަނުން ނެގުމަށްފަހު އެހެން ތަނަކަށް ބަދަލުކުރުމަށްފަހު މުޅި އެ ސަރަހައްދު ބަންދުކޮށް، މާބްލް ޖަހައިގެން ތަރައްގީކޮށްފައިވަނީ 1.4 މިލިއަން ޑޮލަރު ހަރަދުކޮށްގެން އެވެ.