ޗެމްޕިއަންސް ލީގް

މެލްކޮމްގެ ފުރަތަމަ ބޯޅައިން ބާސާއަށް މުހިންމު ގޯލެއް

އިންޓަ މިލާންއާ ދެކޮޅަށް، ބާސެލޯނާ ކުޅުނު މެޗުގައި، ޗެމްޕިއަންސް ލީގުގައި ބާސާގެ ޒުވާން ތަރި މެލްކޮމްއަށް ދިން ފުރަތަމަ ފުރުސަތުގައި ވެސް އޭނާ ބާސެލޯނާއަށް މުހިންމު އަވޭ ގޯލެއް ކާމިޔާބު ކޮށްދީފި އެވެ.

ފްރާންސްގެ ބޯޑެކްސްއިން، މެލްކޮމް ބާސެލޯނާއަށް ބަދަލުވީ، މި ސީޒަން ފެށުމުގެ ކުރިންނެވެ. އޭނާ ގެންދަން އޭއެސް ރޯމާއިންވެސް މަސައްކަތް ކުރި އެވެ. ރޯމާއަށް އޭނާ ބަދަލުވާން ހަމަޖެހިފައި ވަނިކޮށް، ބާސާއިން ވަނީ އޭނާގެ ސޮއި ހޯދާފަ އެވެ. އެކަމާ ގުޅިގެން ރޯމާ އާއި ބާސާއާ ދެމެދުގައި ހިތްހަމަނުޖެހުތައް އުފެދިގެން ދިޔަ އެވެ.

ބްރެޒިލްގެ ފުޓްބޯޅައިގެ އާ އުންމީދުގެ ގޮތުގައި ބެލެވޭ ތަރިންގެ ތެރޭގައި ހިމެނޭ މެލްކޮމް ޗެމްޕިއަންސް ލީގްގައި ކުޅެން ފެށިތާ ދެ ވަނަ މިނެޓްތެރޭ އޭނާ ބާސާއަށް ލަނޑު ޖަހައިދިނެވެ. އުސްމާން ޑެމްބެލޭގެ ބަދަލުގައި، މެލްކޮމް ކުޅެން އެރީ 81 ވަނަ މިނެޓްގަ އެވެ. އޭނާ ލަނޑު ޖެހީ، މެޗުގެ 83 ވަނަ މިނެޓްގަ އެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން މެލްކޮމް ބުނީ، އޭނާ ޖެހި ލަނޑު ދުވަހަކުވެސް ހަނދާން ނުނެތޭނެ ކަމަށެވެ.

"އެއީ ޗެމްޕިއަންސް ލީގްގައި އަހަރެންގެ ފުރަތަމަ މެޗު، ފުރަތަމަ މެޗުގައި ލަނޑެއް ކާމިޔާބު ކުރެވުން އެއީ ދުވަހަކުވެސް އަހަރެން ހަނދާން ނެތޭނެ ކަމެއް ނޫން،" މެލްކޮމް,21 ބުންޏެވެ. "އަހަރެމެން ބޭނުން މި ފުރުސަތު އަހަރެންގެ އާއިލާއާއެކު އުފާފާޅު ކުރަން."

"އަހަރެން ބޭނުން އިތުރު ފުރުސަތުގައި ކުޅެން، ޕްރެކްޓިހުގައި އެކަން ސާބިތު ކޮށްދިނުމަށް މަސައްކަތް ކުރާނަން، އަހަރެންގެ ހުވަފެނަކީ ބާސެލޯނާގެ ފުރަތަމަ 11 އިން ކުޅެން ފެށުން، ބާސާގައި ތާރީހެއް އުފައްދަން އަހަރެން ބޭނުން، އިތުރަށް ކަންކަން ކުރަން އަހަރެން ބޭނުން."

އޭނާ ޖެހި ލަނޑާއެކު ބާސާ މޮޅުވާން ދަނިކޮށް، އިންޓައަށް ނަތީޖާ ހަމަހަމަ ކޮށްދިނީ 90 ވަނަ މިނެޓް ހަމަވާން ދެ މިނެޓަށް ވެފައި ވަނިކޮށް ކެޕްޓަން މައުރޯ އިކާޑީ އެވެ.