ހައުސިން މިނިސްޓްރީތެރެ އަށް ބޮޑެތި ބަދަލުތަކެއް ގެނެސް އެތަން ޒީނަތްތެރިކޮށް ހިތްފަސޭހަ ތަނަކަށް ހަދާލައިފި އެވެ.
ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވަނީ އެމިނިސްޓްރީ ރީތިކޮށް ގެނެވިފައިވާ ބަދަލުތަކުގެ ފޮޓޯތައް ހިމަނައި ޓްވީޓެއް ކޮށްފަ އެވެ. ފޮޓޯތަކާއެކު މިނިސްޓަރު ކުރެއްވި ޓްވީޓްގައި ވިދާޅުވީ، އެމިނިސްޓްރީގެ ވަންނަ ދޮރާއްޓާއި އެތަނުގެ އެތެރެ ޒީނަތްތެރިކޮށް ހަދާފައިވަނީ މާލޭގެ ސަރަހައްދުތަކަށް ބަދަލުގެނެސް އަލަށް ތަރައްގީ ކުރެވުނު ތަންތަން ނަމޫނާއަކަށް ނަގައިގެން ކަމަށެވެ. ބެލެވޭ ގޮތުގައި މިނިސްޓަރު މިސާލަކަށް ނަގާފައި އެވަނީ ރަސްރަނި ބަގީޗާ އާއި ރަސްފަންނަށް މި ސަރުކާރުން ގެނެސްފައިވާ ބަދަލުތަކުގެ ވާހަކަތައް ކަމަށެވެ.
އެ ފޮޓޯތަކުން ފެނިގެންދާ ގޮތުގައި ހައުސިން މިނިސްޓްރީއަށް ވަންނަ ބޮޑު ގޭޓެއް ބަހައްޓާފައި ވެއެވެ. އަދި އެގޭޓް މަތީގައި ވަނީ މާގަސް އިންދާފައިވާ ވާސްތަކެއް ބަހައްޓާފަ އެވެ. އަދި ވަޝާފާރު ކައިރީވެސް ވަނީ ގަސް އިންދާ ޒީނަތްތެރި ކޮށްފަ އެވެ.
ހައުސިން މިނިސްޓްރީ އެތެރެވެސް ވަނީ ވަަރަށް ބޮޑަށް ޒީނަތްތެރި ކޮށްލާފަ އެވެ. އެތަނުގެ އެތެރެ ބޮޑަށް ޒީނަތްތެރި ކޮށްފައިވަނީ ދިވެހި ވަންތަ ގޮތަކަށެވެ. އެތަނުގެ އެތެރޭގައި ވަނީ ކުރީގެ ގޮތަށް ލަކުނޑިން ހަދައި ރޯނު ބޭނުންކޮށް ގަތާފައިވާ އުނދޯލިތަކެއް ބަހައްޓާފަ އެވެ. އަދި ކުރީގެ ގޮތަށް ފަނުން އުނދޯލިގެ ހަދައި ހެއްލާ އުނދޯންޏެއްވެސް ހަދާފައި ވެއެވެ.
މިނިސްޓްރީ އެތެރެވެސް ވަނީ ކާޕެޓް ހައްދައި އެސަރަހައްދުގައި ވަރަށް ރީތިކޮށް ގަސް ހައްދައި ޒީނަތްތެރި ކޮށްފަ އެވެ. އެތަން ޒީނަތްތެރިކޮށް ހުޅުވާފައިވަނީ އިއްޔެގެ ވަގުތެއްގައި އެވެ.