ހަމްޒާ މުހައްމަދު 'ހަމްޕު' ގެ މޮޅު ކުޅުމާއެކު، ފ. ނިލަންދޫގެ މައްޗަށް 5-2 ގެ ނަތީޖާއަކުން ކާމިޔާބު ހޯދައި، ދިވެހި ޕްރިމިއާ ލީގްގެ ތާވަލުގެ ތިން ވަނަ މަގާމަށް ނިއު ރޭޑިއަންޓް ޖެހިލައިފި އެވެ.
މެޗުގެ ފުރަތަމަ ލަނޑު، އޮޑަކޫ ލޫކަސް ނިލަންދޫ ޓީމަށް ކާމިޔާބު ކޮށްދިނީ، އެޓީމުން ލީޑު ނަގައިފާނެ ކަމަށް ހީނުކޮށް ތިއްބަ އެވެ. އޭރިއާގެ އަރިމަތިން ޓަޗް ލައިންއާ ފަސް ފޫޓެއްހައި ދުރުން ލިބުނު ހިލޭ ޖެހުން ލޫކަސް ފޮނުވާލުމުން އެ ބޯޅަ ގޯލަށް ވަނީ ނިއުގެ ޒުވާން ގޯލްކީޕަރު ހަސަން އަބްދުލް ހަކީމު އަތުގައި ޖެހިފަ އެވެ.
އޭގެ ހަތަރު މިނެޓް ފަހުން ރުއިޒް އޭންހަލް 'ކަންޑެލާ' ވަނީ ނިއުއަށް ފުރަތަމަ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ނިލަންދޫގެ އޭރިއާގެ އަރިމަތީގައި ހުރެފައި، ހަމްޒާ މުހައްމަދު 'ހަމްޕް' ކުރިއަށް ފޮނުވާލި ބޯޅަ، ނިލަންދޫގޭ ޑިފެންޑަރު ބޮލުން ދިފާއު ކުރުމުން އެ ބޯޅަ ނިކުތީ ރީބައުންސަށެވެ. އޭރިއާގެ ބޭރުގައި ހުރެފައި ކަންޑެލާ ވަނީ އެ ބޯޅަ ގޯލުގެ ތެރެއަށް ވައްދާލާފަ އެވެ.
މެޗުގެ 26 ވަނަ މިނެޓްގައި، ނިއު އަށް ލީޑް ނަގައިދިނީ، ކެޕްޓަން އަލީ ފާސިރު 'ސެންޓޭ' އެވެ. އެ ލަނޑު ޖެހުމުގައި ނިއުގެ މެދުތެރެއިން އުފެއްދި ޕާސިން ގޭމްގެ މޮޅުކަން ފާހަގަ ކޮށްލެވުނެވެ. ފުރަތަމަ ޕާސް އުފެއްދީ ޓީމުގެ ޑިފެންސުން އަކުރަމް އަބްދުލް ގަނީ އެވެ. ސެންޓޭ ލަނޑު ޖަހަން ބޯޅައަށް އެރުމުގެ ކުރިން އޭނާވެސް ވަނީ އެ ޕާސިން ކޮމްބިނޭޝަން އުފެއްދުމަށްޓަކައި އެހީ ވެފަ އެވެ. ނިލަންދޫގެ ހާފުގެ އަރިމަތިން ހާފުގެ ރޮނގު މަތީގައި ހުރި ކަންޑެލާއަށް ބޯޅަ ދިނުމަށްފަހު، ސެންޓޭ ކުރިއަށް ދެމިގަތީ އެ ބޯޅަ ލިބިގަތުމަށްޓަކައި އެވެ. ކަންޑެލާ އާއި ސެންޓޭ އާ ދެމެދު ބޮޑު ޖާގައެއް އޮތުމުން ކަންޑެލާ ބޯޅަ ދިނީ ހާފުގެ މެދެއްހާ ހިސާބުގައި ހުރި ހަމްޕު އަށެވެ. ހަމްޕު ސެންޓޭއަށް ބޯޅަ ތަނަވަސް ކޮށްދިނީ ވަރަށް ބަލާލާފަ އެވެ. އެ ލަނޑު ޖެހުމުގައި ހަމްޕު ދިން މޮޅު ޕާސް ފާހަގަ ކުރެވުނެވެ.
ނިލަންދޫގެ ދެ ވަނަ ލަނޑު، އެ ޓީމުން ކާމިޔާބު ކުރީ، ދެ ވަނަ ހާފު ފެށިގެން ހަ ވަނަ މިނެޓްގަ އެވެ. އެ ލަނޑު ޖެހީ އިބްރާހިމް ފުރުގާން އެވެ. އެ ގޯލާއެކު ދެ ވަނަ ހާފުގެ ބޮޑު ބައެއްގައި މެޗުގެ ނަތީޖާ ހަމަހަމަ ވެފައި އޮތުމުން ނިއުގެ ކުޅުންތެރިންގެ ފަރާތުން ފެނިގެންދިޔައީ ކޮންމެވެސް ވަރެއްގެ ޕްރެޝަރެއްގައި ކުޅެމުން ދިޔަ މަންޒަރެވެ.
އެޓީމަށް އަލުން ލީޑް ނަގައި ދިނީ މެޗުގެ 84 ވަނަ މިނެޓްގައި މުހައްމަދު އުމޭރު އެވެ. އެ ލަނޑު ޖަހަން ވެސް ފުރުސަތު ތަނަވަސްކޮށް ދިނީ، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދި ހަމްޕު އެވެ. އެ ބޯޅައަށް ހަމްޕު އާއި އުމޭރު އާ ދެކުޅުންތެރިންވެސް މަސައްކަތް ކުރީ އެކުއެކީގަ އެވެ. ބޯޅަ ލިބުނީ ހަމްޕު އަށެވެ. ނިލަންދޫގެ ޑިފެންޑަރުގެ ކިބައިން ނެއްޓި ގަތުމަށް ފަހު ހަމްޕު ދިން ބޯޅަ، ފުރާޅެއްހެން ގޯލްގެ މަތީ ދާގަނޑަށް އުމޭރު ފޮނުވާލީ ވެއްޓިގެންފަ އެވެ.
އެ ލަނޑަށް ފަހު ފަސް މިނެޓް ތެރޭ، ހަމްޕު ވަނީ ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. ނިއުގެ ހަތަރު ވަނަ ލަނޑު އޭނާ ކާމިޔާބު ކުރީ 88 ވަނަ މިނެޓްގައި ލިބުނު ޕެނަލްޓީ އަކުންނެވެ. ހަމްޕު ޖެހި ދެ ވަނަ ލަނޑު ޖެހުމުގައި، އޭނާގެ އަމިއްލަ ހުނަރު ވަރަށް ބޮޑަށް ފާހަގަ ކުރެވިގެން ދިޔަ އެވެ. ނިލަންދޫގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، އޭނާ ގޯލް ތެރެއަށް ބޯޅަ ފޮނުވާލީ، ނިލަންދޫގެ ތިން ކުޅުންތެރިން ނައްޓާލުމަށް ފަހު އެވެ.
މޮޅާ އެކު ނިއު ވަނީ 27 ޕޮއިންޓް ހޯދާފަ އެވެ. ދެ ވަނައިގައި އޮތް މާޒިޔާ އާއި ނިއު އާ ދެމެދު މިހާރު އޮތީ އެންމެ ޕޮއިންޓެއްގެ ފަރަގެވެ. ކުރިން ތިން ވަނައިގައި އޮތް އީގަލްސް މިހާރު އޮތީ ހަތަރު ވަނައިގަ އެވެ. އެހެންނަމަވެސް މާދަމާ ހަވީރު، ށ. ފޯކައިދުއާ ދެކޮޅަށް ކުޅޭ މެޗުން އީގަލްސްއަށް މޮޅު ވެވިއްޖެނަމަ އެ ޓީމަށް އަލުން ތާވަލުގެ އެއް ވަނަ މަގާމު ލިބޭނެ އެވެ.