ރާއްޖެ ކުޅިވަރު

ރާއްޖޭގެ ކުޅުން ރަނގަޅުކުރަންޖެހޭ: ޕޮޕޯފް

ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ހަވީރު ހޮންކޮންގްއާ ދެކޮޅަށް ރަށުން ބޭރުގައި ދިވެހިރާއްޖެ ނުކުންނައިރު، ރާއްޖޭގެ ކުޅުން ރަނގަޅުކުރަންޖެހޭ ކަމަށް ގައުމީ ޓީމުގެ ކޯޗު ބަލްގޭރިއާގެ ވެލީޒާ ޕޮޕޯފް ބުނެފި އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި ރާއްޖެ ކުޅުނު ފުރަތަމަ މެޗުގައި ގަތަރު އަތުން 1-0 އިން ވަނީ ބަލިވެފަ އެވެ. އަމިއްލަ ދަނޑުގައި ބުރާސްފަތި ދުވަހުގެ ރޭ ކުޅުނު މި މެޗުން ރާއްޖެ ބަލިވީ މެޗުގެ އިތުރު ވަގުތުގައި ގަތަރުން ޖެހި ލަނޑުންނެވެ.

ހޮންކޮންގް އަށް ފުރުމުގެ ކުރިން ހޮނިހިރު ދުވަހުގެ ރޭ މީޑިއާއާ ވާހަކަދައްކަމުން ޕޮޕޯފް ބުނީ ހޮންކޮންގްއާ ދެކޮޅަށް ނުކުންނައިރު، ގަތަރު މެޗުގައި ދެއްކި ކުޅުމަށްވުރެ ރަނގަޅު ކުޅުމެއް ދައްކަން ޖެހޭ ކަމަށެވެ. ގަތަރާ ދެކޮޅަށް ކުޅުނު މެޗުގައި ރާއްޖޭން ވަރަށް ރަނގަޅަށް ޑިފެންސްކުރި ނަމަވެސް، އެޓޭކްކުރުމުގައި މައްސަލަތައް ދިމާވިކަން ފާހަގަކުރަމުން ޕޮޕޯފް ބުނީ ހޮންކޮންގްއާ ދެކޮޅަށް ކުޅޭ މެޗު "ރާއްޖޭން ކޮންޓުރޯލްކުރަން" ޖެހޭނެ ކަމަށެވެ.

"ގަތަރު މެޗުގައި އަހަރެމެންނަށް އެޓޭކް އުފައްދަން ލިބުނު ފުރުސަތުތަކުގައި ވެސް ފައިނަލް ޕާސް ގޯސްވެގެންދިޔައީ. ހޮންކޮންގެ މެޗުގައި އަހަރެމެން އެބަޖެހޭ ސްކޯކުރަން. އެޓޭކް ރަނގަޅުކުރަންޖެހޭ. ގިނައިރު ބޯޅަ ހިފަހައްޓައި ކޮންޓުރޯލް ހޯދަން ޖެހޭނެ. ގަތަރު މެޗަށްވުރެ އަހަރެމެންގެ ކުޅުން ރަނގަޅުކޮށްގެން ނޫނީ ހޮންކޮންގެ މެޗުގައި ރަނގަޅު ނަތީޖާޢެއް ނުނެރެވޭނެ،" ޕޮޕޯފް ބުންޏެވެ.

ޕޮޕޯފް ބުނީ ގަތަރު މެޗުން ހިތްދަތި ގޮތަކަށް ރާއްޖެ ބަލިވި ނަމަވެސް، އެ މެޗު ހަނދާން ނައްތާލުމަށް ފަހު މިހާރު ވިސްނަންވީ ހޮންކޮންގެ މެޗަށް ކަމަށެވެ.

"އަހަރެމެންނަށް އެބަޖެހޭ ހޮންކޮންގް އަށްވުރެ ދެ ގުނަ ރަނގަޅުކުރަން. އެއް ފެންވަރެއްގައި ކުޅެގެން އެ މެޗު ކާމިޔާބުކުރުމަކީ އުނދަގޫ ކަމަކަށްވާނީ،" ޕޮޕޯފް ބުންޏެވެ.

ގަތަރުގެ ޓީމާ އެއްގޮތަށް، ހޮންކޮންގެ ޓީމުގައި ވެސް ބިދޭސީ ގިނަ ކުޅުންތެރިންތަކެއް ހިމެނެ އެވެ. ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުގައި ހޮންކޮންގް ވަނީ ބޫޓާން އަތުން 7-0 އިން މޮޅުވެފަ އެވެ.

ޕޮޕޯފް ބުނީ ހޮންކޮން އަކީ ވެސް ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމު ބަލިކުރުމަކީ ފަސޭހަކަމެއް ނޫން ކަމަށެވެ.

"ހޮންކޮންގްގެ ކުޅުންތެރިންނާ ދެކޮޅަށް ކުޅެފިއްޔާ އަހަރެމެންނަށް މާ އުނދަގުލެއް ނުވާނެ. އެކަމަކު އެ ޓީމުގައި އެ ތިބި ބިދޭސީ ކުޅުންތެރިންނަކީ ވަރަށް މޮޅެތި ކުޅުންތެރިން. އެ ޓީމު ބިނާވެެފައި އޮތީ ވެސް އެ ކުޅުންތެރިންނަށް. ހޮންކޮންގް އަކީ ވަރުގަދަ ޓީމެއް. އޭއެފްސީ ކަޕްގައި އެ ގައުމުގެ ޓީމުތަކުން ނެރެމުންދާ ނަތީޖާތަކުން ވެސް އެކަން އެނގޭ،" ޕޮޕޯފް ބުންޏެވެ.