އައިޖީއެމްއެޗް

އައިޖީއެމްއެޗްގެ އިހުމާލުން އަންހެނެއްގެ ގޮހަރަށް ގެއްލުންތަކެއް ލިބުން ކަމަށް ތުހުމަތުކޮށްފި

ސަރުކާރު ހޮސްޕިޓަލް، އައިޖީއެމްއެޗްގައި ނުވިހާ އޮޕަރޭޝަން ކުރި އަންހެނެއްގެ ގޮހަރަށް އަނިޔާތަކެއް ލިބިގެން ހާލު ސީރިއަސްވެފައިވާ ކަމަށް އެމީހާގެ އާއިލާއިން ބުނެފި އެވެ.

އުމުރުން 40 އަހަރުވެފައިވާ އެ އަންހެންމީހާ އައިޖީއެމްއެޗަށް ދިޔައީ ވިހެމަށެވެ. އެއްވެސް މައްސަލައެއް ނެތި އޭނާ ވިހެ އެވެ. އޭނާ އާއި ކުއްޖާގެ ހާލު ވެސް ރަނގަޅެވެ. ނަމަވެސް ޑޮކްޓަރު ލަފާ ދިނީ އޭނާގެ އުމުރަށް ވެސް ބެލުމަށްފަހު ނުވިހާ އޮޕަރޭޝަން ކުރުމަށެވެ.

އައިޖީއެމްއެޗްގެ ޑޮކްޓަރު އެގޮތަށް ލަފާ ދިނުމުން އެ އަންހެން މީހާ އޮޕަރޭޝަން ކުރަން އެއްބަސްވި ކަމަށް އެމީހާގެ ކޮއްކޮއަކު ބުންޏެވެ. އޭނާ ބުނި ގޮތުގައި އެ އޮޕަރޭޝަން ކުރުމަށްފަހު ދައްތަގެ ހާލު ވަރަށް ގޯސްވި އެވެ. ބަނޑުގައި ރިއްސައި އެއްޗެއް ނުވެސް ކެވި، ނުވެސް ހިނގާ ހިސާބަށް ހާލަތު ގޯސްވި އެވެ.

"ތަދު އިތުރު ވަމުންދާތީ ޖަހަނީ އިންޖެކްޝަނެއް، އެކަމަކު އޮޕަރޭޝަން ކުރިތާ ތިންވަނައަށްވީ ދުވަހު ވަރަށް ބޮޑަށް ދައްތަގެ ހާލު ގޯސްވި،" އޭނާ ބުންޏެވެ.

"ދެން ޑޮކްޓަރު ބުނީ އޮޕަރޭޝަން ކުރިއިރު ގޮހޮރުގައި އަތް ޖެހުނީ ކަމަށް ބެލެވޭ ކަމަށް، އެކަމަކު އެކަން ސާފުވާނީ އެކްސްރޭއެއް ނަގައިގެން ކަމަށް، އެކްސްރޭ ނެގުމުން ވެސް ސާފުނުވުމުން ސީޓީ ސްކޭން ހެއްދީ، ދެން ޑޮކްޓަރު ބުނީ އިތުރު އޮޕަރޭޝަނެއް ކުރަން ޖެހޭ ކަމަށް،"

އޭނާ ބުނި ގޮތުގައި އައިޖީއެމްއެޗްގައި އިތުރު އޮޕަރޭޝަނެއް ކުރަން އެ އާއިލާއިން ބޭނުމެއް ނުވި އެވެ. އެހެންވެ ދައްތަ ޓްރީ ޓޮޕް ހޮސްޕިޓަލަށް ބަދަލުކުރީ ކަމަށެވެ. އެ ހޮސްޕިޓަލްގެ ޑޮކްޓަރުން ވެސް ވަނީ އޮޕަރޭޝަން ކުރުމުގައި ފަރުވާ ކުޑަކޮށް އަމަލުކޮށްފައިވާ ކަމަށް ބުނެފަ ކަމަށް އޭނާ ބުންޏެވެ.

"ޓްރީ ޓޮޕުން މިހާރު ވަނީ އިތުރު އޮޕަރޭޝަނެއް ކޮށްފަ، އެ އޮޕަރޭޝަންނަށްފަހު ދައްތަގެ ހާލު އަންނަނީ ރަނގަޅުވަމުން، މިހާރު ހިނގަން ވެސް ހިނގޭ،" އަންހެންމީހާގެ ކޮއްކޮ ބުންޏެވެ.

"އައިޖީއެމްއެޗްގެ އޮޕަރޭޝަން ކުރިއިރު ދައްތަ އޮތީ ހޭނައްތާފައެއް ނޫން، ދައްތަ ބުނީ، އެ އޮޕަރޭޝަނަކީ ކުރަން ވަރަށް ފޫހިވާ އޮޕަރޭޝަނެއް ކަމަށް ޑޮކްޓަރުން ބުނި އަޑު އިވުނު ކަމަށް، އަދި ހެމުން އޭނާގެ އެތެރެ ހަށީގެ ގުނަވަންތައް ނަރުހުންނަށް ދައްކަމުން ދިޔަ ކަމަށް ވެސް ދައްތަ ބުނި،" ކޮއްކޮ ކިޔައިދިނެވެ.

މިކަމާ ގުޅިގެން އައިޖީއެމްއެޗްގެ މީޑިއާ އޮފިޝަލް ވިދާޅުވީ އެފަދަ ޝަކުވާއެއް ނޫނީ މައްސަލައެއް ހޮސްޕިޓަލަށް ހުށަހެޅުމަށް ހާއްސަ އުސޫލުތަކެއް އޮންނަ ކަމަށާއި އެ އުސޫލުގެ ތެރެއިން ހުށަހަޅާ ކޮންމެ މައްސަލައެއް ވެސް ބަލާނެ ކަމަށެވެ. އަދި މައްސަލަ ބެލުމަށްފަހު ފިޔަވަޅު އަޅަންޖެހޭނަމަ އެ ފިޔަވަޅެއް އަޅައި ކަން ހިނގައިދިޔަ ގޮތް ބަލިމީހާއަށް އަންގަމުންދާނެ ކަމަށެވެ.