ރާއްޖެ ކުޅިވަރު

ރާއްޖެ - ހޮންކޮންގެ މެޗު ޓީވީއެމް އިން ލައިވްކުރާނެ

ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ހަވީރު ހޮންކޮންގްއާ ދެކޮޅަށް ރަށުން ބޭރުގައި ދިވެހިރާއްޖޭގެ ގައުމީ ޓީމު ކުޅޭ މެޗު ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް)ގެ ޓީވީއެމް އިން ލައިވްކުރާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ހޮންކޮންގެ މޮންގްކޮކް ސްޓޭޑިއަމްގައި މާދަމާ ހަވީރު (ރާއްޖޭ ގަޑިން) 1700ގައި ފަށާ މެޗު ޓީވީއެމް އިން ލައިވްކުރާނެކަން ޓީވީއެމްގެ އިސް އޮފިޝަލެއް ވަނީ މިއަދު ކަށަވަރުކޮށްދީފަ އެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ރާއްޖެ އާއި ގަަތަރު މާލޭގައި ކުޅުނު މެޗު ޓީވީއެމް އިން ވަނީ އެޗްޑީކޮށް ލައިވްކޮށްފަ އެވެ. ޓީވީއެމް އިން މި މެޗުގައި ދޫކުރި ލައިވް ފީޑް މެދުއިރުމަތީގެ މަޝްހޫރު ޗެނަލްތައް ކަމަށްވާ އަލް ޖަޒީރާ ސްޕޯޓްސް އާއި ބީން ސްޕޯޓްސް އަދި އަލްކާސް އިން ވަނީ ނަގައިފަ އެވެ. މިއީ ޓީވީއެމް އިން އެޗްޑީކޮށް ރާއްޖޭން ބޭރަށް ލައިވް ފީޑް ދޫކުރި ފުރަތަމަ ފަހަރެވެ.

ގުރޫޕް ސީގައި މާދަމާ ދިވެހިރާއްޖެ އާއި ހޮންކޮންގް ކުރިމަތިލާއިރު، މި ގުރޫޕްގައި ކުޅުނު ފުރަތަމަ މެޗުގައި ގަތަރު އަތުން ރާއްޖެ ވަނީ 1-0 އިން އަމިއްލަ ދަނޑުގައި ބަލިވެފަ އެވެ. ހޮންކޮންގް ވަނީ އަމިއްލަ ދަނޑުގައި ބޫޓާން އަތުން 7-0 އިން މޮޅުވެފަ އެވެ.