ކުރީގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް ޖަލުން ދޫކޮށްލުމަށް ފަހު އިއްޔެ ވަނީ އެމަނިކުފާނާ ސިޔާސީ ގޮތުން އެންމެ އަރިސްކޮށް އުޅުއްވި އެކުވެރިންނާ ބައްދަލު ކުރައްވައިފަ އެވެ.
ނާޒިމް ރޭ މެލޭޝިޔާގައި ބައްދަލު ކުރައްވާފައި ވަނީ ޖުމްހޫރީ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު އަދި އަބްދުﷲ ރިޔާޒް އާއި ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލު އަދި ޖޭޕީގެ އަބްދުﷲ އަމީންއާ އެވެ. މިއީ ފިސްތޯލައެއް ފެނުނު މައްސަލާގައި ހަނގުރާމަވެރި ހަތިޔާރު ގެންގުޅުމުގެ ކުށުގައި 11 އަހަަރަށް ޖަލަށްލީ ފަހުން އެ ހަތަރު
ބޭފުޅުން އެއް ތަނަކުން ބައްދަލުވާ ފުރަތަމަ ފަހަރެވެ.
ހަތެއް ފެބްރުއަރީ 2012 ގައި ވެރިކަން ވައްޓާލުމުގެ ތުހުމަތު ވެސް ގިނަ ބަޔަކު ކުރަނީ އަބްދުﷲ ރިޔާޒް އާއި ނާޒިމް އަށެވެ. އޭރު ވެރިކަން ވެއްޓުމަށް ފަހު ޕޮލިސް ކޮމިޝަނާ އަދި ޑިފެންސް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގަތީ ވެސް އެ
ދެ ބޭފުޅުންނެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުގައި ނާޒިމް ހުންނެވީ ވެސް ޑިފެންސް މިނިސްޓަރު ކަމުގަ އެވެ.
ނާޒިމްގެ މައްޗަށް އިއްވާފައިވާ ޖަލު ހުކުމް ސުޕްރީމް ކޯޓުން ރިވިއުކޮށް ނިމެންދެން އޭނާގެ މައްޗަށް އިއްވާފައިވާ ޖަލުހުކުމާ ގުޅިގެން އެއްވެސް ފިޔަވަޅެއް ނޭޅުމަށް ސުޕްރީމް ކޯޓުން ވަނީ ދައުލަތުގެ މައްޗަށް އަމުރުކޮށްފަ އެވެ. ނާޒިމް މިނިވަން ވުމާ އެކު، އެކަމަށް އެންމެ ބޮޑަށް މަސައްކަތް ކުރެއްވި ރިޔާޒު ވިދާޅުވީ އެ ހަބަރުން އޭނާއަށް ރޮވުނު ކަމަށެވެ. އަދި ގިނަ ދުވަސްތަކެއްގައި ނާޒިމްއާ ބައްދަލުނުވެ ހުރުމަށް ފަހު ބައްދަލުވުމުން ކުރެވެނީ އުފާވެރި އިހުސާސް ކަމަށް ރިޔާޒު ވަނީ ޓްވީޓް ކުރައްވައިފަ އެވެ.