ހަބަރު

ޖޭޕީގެ ޓިކެޓް 36 ބޭފުޅަކަށް ދީފި

ޖުމްހޫރީ ޕާޓީއިން އަންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބަށް 36 ބޭފުޅަކަށް ޓިކެޓް ދޭން މިރޭ ނިންމައިފި އެވެ. އެ ނިންމުން ނިންމެވީ އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމެވެ.

މަޖިލިސް އިންތިހާބާ ގުޅޭ ގޮތުން އެ ޕާޓީގެ ކައުންސިލް ބައްދަލުވުމެއް މިރޭ ކުނޫޒުގައި ބޭއްވި އެވެ. އެ ކައުންސިލުންގެ އަގުލަބިއްޔަތުން ފާސްކޮށްފައިވަނީ ކެންޑިޑޭޓުން ކަނޑައަޅާނީ ގާސިމް ކަމަށެވެ.

މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓް ވާދަ ކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ހުޅުވާލުމުން 97 މީހަކު ޝައުގުވެރިކަން ފާޅުކޮށްފައިވެ އެވެ. އެއީ 61 ދާއިރާއަކަށެވެ. އޭގެ ތެރެއިން 36 ދާއިރާއެއްގެ ޓިކެޓް ދޭނެ ފަރާތްތައް މިރޭ ގާސިމް ވަނީ ކަނޑައަޅުއްވާފަ އެވެ.

އޭގެ ތެރޭގައި ހުދު އެމަނިކުފާނާއި އެ ޕާޓީގެ ލީޑަޝިޕްގެ އެހެން ބޭފުޅުން ހިމެނިވަޑައިގަންނަވަ އެވެ. އެއީ އެ ޕާޓީގެ ޕީޖީ ލީޑަރު އަބްދުﷲ ރިޔާޒާއި އެޑްވައިޒަރުން ކަމަށްވާ މުހައްމަދު ނާޒިމާއި މުހައްމަދު ޖަމީލެވެ.

އޭގެއިތުރުން ޕާޓީއަށް މިފަހުން ގުޅިވަޑައިގެންނެވި ކުރީގެ ޔޫތް މިނިސްޓަރު އިރުތިޝާމް އާދަމާއި ކުރީގެ އެކްޓިން ކޮމިޝަނާ އޮފް ޕޮލިސް އަބްދުﷲ ނަވާޒާއި ބާސްކެޓް ކުޅުންތެރިޔާ އައިނަތު ނާޒިމާއަށް ވެސް ޓިކެޓް ދޭން ވަނީ ނިންމާފަ އެވެ.

މަޖިލީހުގެ ގޮނޑި ގެއްލުނު ކަމަށް ކަނޑައެޅި 12 މެންބަރުންގެ ތެރެއިން އެ ޕާޓީގައި ތިއްބެވި ބޭފުޅުންނަށް ވެސް ޓިކެޓް ދޭން ވަނީ ނިންމާފަ އެވެ. އޭގެ އިތުރުން މިހާރު މަޖިލިސް މެންބަރުންގެ ގޮތުގައި ތިއްބެވި އެ ޕާޓީގެ މެންބަރުންނަށް ވެސް ޓިކެޓް ދޭން ނިންމާފައިވެ އެވެ.

ޓިކެޓް ދިން 36 ބޭފުޅުން

  • ހދ.ހަނިމާދޫ ދާއިރާ - ޙުސައިން ޝަހުދީ
  • ހދ.ކުޅުދުއްފުށީ އުތުރު ދާއިރާ - ނަޞްރުﷲ އިސްމާޢީލް
  • .ކަނޑިތީމު ދާއިރާ - މުޙައްމަދު ޙުސައިން
  • ރ.އުނގޫފާރު ދާއިރާ - އިލްހާމް އަޙުމަދު
  • ރ.މަޑުއްވަރީ ދާއިރާ - މުޙައްމަދު އަމީތު އަޙްމަދު
  • ބ.ކެންދޫ ދާއިރާ - ޢަލީ ޙުސައިން
  • ޅ.ކުރެންދޫ ދާއިރާ- އަހުމަދު މުސް
  • ކ.ކާށިދޫ ދާއިރާ - މާޖިދު ސުލައިމާން
  • އއ.މަތިވެރި ދާއިރާ - ޙަސައިން މުހައްމަދު
  • އއ.ތޮއްޑޫ ދާއިރާ - އިބްރާހީމް ޙަސަން
  • އދ.މާމިގިލީ ދާއިރާ - ޤާސިމް އިބްރާހިމް
  • އދ.ދަނގެތީ ދާއިރާ - މުހައްމަދު ނާޒިމް
  • ވ.ކެޔޮދޫ ދާއިރާ - މޫސާ ނިޒާރު އިބްރާހީމް
  • ތ.ވިލުފުށީ ދާއިރާ - ރިޔާޒް ރަޝީދު
  • ތ.ތިމަރަފުށީ ދާއިރާ - ޢަބްދުﷲ ރިޔާޝް
  • ތ.ގުރައިދޫ ދާއިރާ - ޙުސައިން މަނިކު ދޮންމަނިކު
  • ލ.އިސްދޫ ދާއިރާ - އަލީ ޙަމީދު
  • ލ.ފޮނަދޫ ދާއިރާ - ފާތިމަތު ޒަޢީމާ
  • ލ.ގަމު ދާއިރާ އާދަމް ޢާޞިފް
  • ލ.މާވަށު ދާއިރާ - އަހުމަދު އަޒްހާން ފަހުމީ
  • ގއ.ވިލިނގިލީ ދާއިރާ - ސައުދު ޙުސައިން
  • ގއ.ގެމަނަފުށީ ދާއިރާ - ޢަލީ ޢާދިލް
  • ގއ.ދާންދޫ ދާއިރާ- މުޙައްމަދު ޝިޔާމާ
  • ގދ.ތިނަދޫ ދެކުނުދާއިރާ - ޢަބްދުﷲ އަޙުމަދު
  • ގދ.ފަރެސްމާތޮޑާ ދާއިރާ - މުޙައްމަދު މުޚްތާރު
  • ޏ.ފުވައްމުލަކު އުތުރުދާއިރާ - އަލީ ޝާހު
  • ސ.ހިތަދޫ މެދު ދާއިރާ - ހުސައިން ސޯލިހު
  • ހެންވޭރު ދެކުނު ދާއިރާ - އިރުތިޝާމް އާދަމް
  • ހެންވޭރު އުތުރު ދާއިރާ - އަލްހާން ފަހުމީ
  • މައްޗަންގޮޅި ދެކުނުދާއިރާ - އިބްރާހިމް މަމްނޫން
  • މާފަންނު ދެކުނުދާއިރާ - މުޙައްމަދު ހަމްދޫން
  • ވިލިމާލެ ދާއިރާ - ޑރ.މުޙައްމަދު ޖަމީލު އަޙްމަދު
  • ގަލޮޅު ދެކުނުދާއިރާ - ޢަބްދުﷲ ނަވާޒު
  • ހެންވޭރު ހުޅަނގުދާއިރާ - ޢާއިޝަތު ނާޒީމާ
  • ބިލެއްދޫ ދާއިރާ - އަހްމަދު މުބީން
  • މަހިބަދޫ ދާއިރާ - އަހުމަދު ސުނީލް

ދެން ހުރި ދާއިރާތަކާ ގުޅޭ ގޮތުން ދެ ދުވަހެއްގެ ތެރޭގައި ގޮތެއް ނިންމަވާނެ ކަމަށް ގާސިމް ވިދާޅުވި އެވެ.

ގާސިމް ވިދާޅުވީ ކެންޑިޑޭޓުން ހޮވުމުގައި އެންމެ ބޮޑަށް ބަލާނީ އެ ދާއިރާއެއް ކާމިޔާބު ކުރެވޭނެ ކެންޑިޑޭޓަށް ކަމަށެވެ. އެމީހަކީ އިއްޔެ ޕާޓީއަށް ވަންނަ މީހަކަށް ވިޔަސް މައްސަލައެއް ނެތް ކަމަށެވެ. ޕާޓީގައި 20 އަހަރުވުމަކީ އަދި އެމީހަކަށް ޓިކެޓް ދޭން ޖެހޭ ސަބަބެއް ނޫން ކަމަށް ވިދާޅުވި އެވެ.

ވޯޓު ދޭން މީހުން ބަލަނީ އެ މީހަކަށް ކަމަށާއި ކޮން ޕާޓީއެއްގެ މީހެއްތޯ ބަލަނީ މަދު ފަހަރެއްގައި ކަމަށް ގާސިމް ވިދާޅުވި އެވެ. އެހެންވެ ޓިކެޓް ދިނުމުގައި އިސްކަން ދޭނީ މީހުންގެ ލޯތްބާއި ތާއިދު ލިބޭނެ މީހަކަށް ކަމަށް ގާސިމް ވިދާޅުވި އެވެ.

އޭގެއިތުރުން އެމީހެއްގެ ތައުލީމާއި ތަޖުރިބާއަށް ވެސް ބަލާނެ ކަމަށް ވެސް ގާސިމް ވިދާޅުވި އެވެ.

ޖުމްހޫރީ ޕާޓީއިން 35 ދާއިރާއަށް ވާދަކުރަން ނިންމާފައިވާއިރު، އެމްޑީޕީއިން ވަނީ 86 ދާއިރާއަށް ވާދަ ކުރަން ނިންމާފަ އެވެ. ޖުމްހޫރީ ޕާޓީއިން ބުނާ ގޮތުން އެއީ ކޯލިޝަން އެއްބަސްވުމާ ހިލާފު ކަމެކެވެ. އެހެންވެ، ޖުމްހޫރީ ޕާޓީއިން ވެސް މިހާރު ވަނީ އެމްޑީޕީއިން ވަކިން މަޖިލިސް އިންތިހާބަށް ނުކުތުމަށް ނިންމާފަ އެވެ.

ކޯލިޝަން އެއްބަސްވި ގޮތުން ނަމަ، ޖުމްހޫރީ ޕާޓީ ވާދަ ކުރަން ޖެހޭނީ 22 ދާއިރާއަށެވެ. އެ ޕާޓީގެ އިތުރުން ދެން ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ ނިންމާފައިވަނީ އެއްބަސްވުމާ އެއްގޮތަށް އިންތިހާބަށް ނުކުތުމަށެވެ. ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ކެންޑިޑޭޓުންތަކެއް ނެރުމަށް ވަނީ ނިންމާފަ އެވެ.