އަންނަ މަހު ބޭއްވުމަށް ޝެޑިއުލްކޮށްފައިވާ ޕޮމިސް ކަޕް މުބާރާތުގައި ކުޅުމަށް ރާއްޖޭގެ ގައުމީ ޓީމުގެ ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ކުޅެމުންދާ މެލޭޝިއާގެ ޕީޑީއާރްއެމް އަށް އެފްއޭއެމް އިން ދައުވަތުދީފި އެވެ.
އެނގިފައިވާ ގޮތުގައި ޕީޑީއާރްއެމް އިން ވަނީ އެފްއޭއެމްގެ ދައުވަތު ގަބޫލުކޮށްފަ އެވެ. އަދި ޕީޑީއާރްއެމް މުބާރާތުގައި ބައިވެރިވާނެކަމުގެ ޔަގީންކަން "އަނގަބަހުން" އެ ކްލަބުން އެފްއޭއެމް އަށް ދީފައިވާ ކަން ވަނީ ކަށަވަރުވެފަ އެވެ.
އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ބައްސާމް އަދީލް ޖަލީލް މިއަދު ވިދާޅުވީ ޕޮމިސް ކަޕްގެ ދައުވަތު ޕީޑީއާރްއެމް އަށް ދީފައިވާ ކަމަށާއި އެ ކްލަބުން މުބާާރާތުގައި ބައިވެރިވުމަށް ޝައުގުވެރިވާ ކަމަށެވެ. އެކަމަކު އަދި އެ ކްލަބުގެ ރަސްމީ ޖަވާބެއް ނުލިބޭ ކަމަށެވެ.
"ޕީޑީއާރްއެމްް އިން ވަރަށް ޝައުގުވެރިވޭ. އެކަމަކު އަދި މުޅިން ކޮންފަމޭޝަނެއް ނުލިބޭ. ރަސްމީކޮށް ކޮންފަމޭޝަން ލިބުމުން އަޅުގަނޑުމެންނަށް ޔަގީންކުރެވޭނީ. މެލެޝިއާގެ އެހެން ބައެއް ކަލްބުތަކާ ވެސް ވާހަކަދައްކަމުން މިދަނީ،" ބައްސާމް ވިދާޅުވި އެވެ.
މިދިޔަ އަހަރު މެލޭޝިއާ ޕްރިމިއާ ލީގު (ދެވަނަ ޑިވިޝަން)ގެ ޗެމްޕިއަންކަން ހޯދައި މެލޭޝިއާ ސުޕަ ލީގު (ފުރަތަމަ ޑިވިޝަން) އަށް ކޮލިފައިވި ޕީޑީއާރްއެމް އިން ވަނީ އަންނަ ސީޒަންގެ ތައްޔާރީތައް މިހާރު ފަށައިފަ އެވެ. އެގޮތުން އެ ކްލަބުން ވަނީ ހޮންކޮންގައި ޓްރެއިނިން ކޭމްޕެއް ވެސް ފުރިހަމަކޮށްފަ އެވެ. އަންނަ އަހަރުގެ މެލޭޝިއާގެ ފުޓްބޯޅަ ސީޒަން ފެށުމަށް ހަމަޖެހިފައިވަނީ ފެބްރުއަރީ މަހު އެވެ.
މި އަހަރު މެލޭޝިއާގެ ދެވަނަ ޑިވިޝަންގެ ޗެމްޕިއަންކަން ހޯދައި، ޕީޑީއާރްއެމް މެލޭޝިއާގެ ފުރަތަމަ ޑިވިޝަން ޕްރޮމޯޓްކޮށްދިނުމުގައި ދަގަނޑޭ މުހިންމު ރޯލެއް އަދާކުރި އެވެ. މީގެ އިތުރުން މެލެޝިއާގެ އެފްއޭ ކަޕްގެ ކުއާޓާ ފައިނަލާއި މެލޭޝިއާ ކަޕްގެ ސެމީ ފައިނަލާ ހަމައަށް ޕީޑީއާރްއެމް ގެންގޮސްދިނުމުގައި ދަގަނޑޭ ހިއްސާބޮޑެވެ.
ރާއްޖޭން ބޭރުން ކްލަބުތައް ގެނެސްގެން ކުރިން ބާއްވަމުންދިޔަ ޕޮމިސް ކަޕް 2004 ވަނަ އަހަރުގެ ފަހުން ބާއްވާފައެއް ނުވެ އެވެ. ޕޮމިސް ކަޕް އެފްއޭއެމް އިން އަލުން ބާއްވަނީ ރާއްޖޭގެ ކްލަބު ފުޓްބޯޅަ އަށް އަންނަ އަހަރުން ފެށިގެން ގެންނަން ނިންމާފައިވާ ބޮޑެތި ބަދަލުތަކުގެ ތެރެއިންނެވެ.
ޕޮމިސް ކަޕްގައި އަންނަ އަހަރު ވާދަކުރާނީ ނިއު ރޭޑިއަންޓާއި މާޒިޔާ އަދި ބިދޭސީ ދެ ކްލަބެވެ. އެފްއޭއެމްް އިން ޕޮމިސް ކަޕްގައި ސިންގަޕޫރުގެ 23 އަހަރުން ދަށުގެ ޓީމު ބައިވެރިކުރުމަށް މަޝްވަރާ ކުރަމުންދާ ކަން ވަނީ އެނގިފަ އެވެ.