ފިނިޕޭޖް

ރަވީ އާއި ރިޝްމީގެ ލޯބި އަލުން އާވެއްޖެ!

އުފާވެރި ހަބަރެކެވެ! ރަވީ ފާރޫގާއި އައިޝަތު ރިޝްމީގެ ލޯތްބައް އަނެއްކާ ވެސް މި ވަނީ ދިރުން އައިސް، ކުލަ ޖެހިފަ އެވެ. ދުވަސްކޮޅެއްގެ ހަނަފަސް ކަމަށް ފަހު، އަނެއްކާވެސް މިއޮތީ އެ ލޯތްބަށް ބަހާރު މޫސުމެއް އައިސް ލައްވާލައިފަ އެވެ.

އެއް ޒަމާނެއްގައި ދިވެހި ފިލްމީ ދުނިޔޭގައި އެންމެ އަލިގަދަ "ޔާރާ" އާއިލާއަށް އުފަން އައިޝަތު ރިޝްމީ އާއި ނަށަމުން އައިސް ފިލްމީ ދުނިޔެއަށް ވަދެ ޖާދޫ ދައްކަމުން އަންނަ، ރަވީ ފާރޫގްގެ ލޯބީގެ ވާހަކަ ފުރަތަމަ ތިލަވެގެން އައީ މީގެ ދެ އަހަރެއްހާ ދުވަސްކުރިން އެވެ. އެކަމަކު ކައިވެންޏަކާ ހަމަޔަށް ނުދެވި އުޅެނިކޮށް އެ ގުޅުމަށް ހުއްޓުމެއް އައީ އެވެ. ފިލްމީ ދުނިޔޭގެ ލޯބި ލޯބި ޗޯޑްގެ ގޮތުގައި ފެނުނު މި ދެ ތަރިން އޭރު ދުރުވީ އެހެން ގުޅުންތަކުގައި ވެސް ޖެހޭ ކަހަލަ، ކޫސަނި މައްސަލަތައް ފުނި ޖެހުނީމައި ކަމަށް ވެދާނެ އެވެ.

އެކަމަކު ރިޝްމީ އާއި ރަވީ ވެސް މިހާރު މި ވަނީ އެ ހުރިހާ ކުންޏެއް ނަގައި ސާފުކޮށް އެ ދުވަސްތައް މާޒީގެ ތެރެއަށް ދޫކޮށްލައި، އާ ފެށުމަކުން އަނެއްކާ ވެސް އަތުގުޅާލައިފަ އެވެ. އެކުގައި ހަޔާތުގައި ކުލަ ޖައްސަން މިދެތަރިން އަނެއްކާ ވެސް މި ތިބީ ވަރުގަދަ އަޒުމެއްގައި ނިކުމެ އެވެ.

އެ ދެ ތަރިން އަލުން ގުޅުނު ކަމުގެ ކުލަވަރުތައް ފެންނަން ފެށީ، މީގެ ދުވަސްކޮޅެއް ކުރިންނެވެ. މި ދެތަރިންގެ ހިތުގައި އެކަކު އަނެކަކަށް އޮތް ލޯބި ސޯޝަލް މީޑިއާގައި ބަންޑުންވާން ފެށީ އެވެ. ހިތުގައި ހުރި ޝުއޫރުތައް މިދެތަރިން ގެންދިޔައީ އެކަކު އަނެކަކުގެ ފޭސްބުކްގެ "ފާރު"ގައި ނަގައި ތަތްކުރަމުން އެވެ. އެކަމަކު މި ދެތަރިން އަލުން ގުޅުނުކަން، މިފަހަރު ޔަގީންކޮށް ދިނީ، ރިޝްމީ އެވެ. "ރަވީއަކީ، ރިޝްމީގެ ލޯބިވެރިޔާތަ؟" ރިޝްމީގެ އިންސްޓަގްރާމް ސްޓޯރީގެ ތެރެެއަށް ފޭނަކު އެއްލި މި ސުވާލަށް ރިޝްމީ ދިން، ކުރު ޖަވާބަކީ "ޔެސް" އެވެ. އަލުން ގުޅުނީތޯ އެހުމުން ވެސް ރިޝްމީ ބުނީ "ލައްބަ" އެވެ.

އިތުރަށް ސުވާލެއް ވެސް ނުއުފެދޭ ވަރަށް، މިދެ ތަރިންގެ ގުޅުން މިހިސާބުން މި އޮތީ ޔަގީންވެފަ އެވެ. އެކަމަކު އެ ގުޅުމާ މެދު ރިޝްމީވެސް އަދި ރަވީ ވެސް އެއްޗެއް ބުނަން ބޭނުމެއް ނޫނެވެ. ކޮންމެ ވާހަކައެއް ދެއްކިޔަސް، މިދެ ތަރިން ހިޔާރުކުރީ ހަނު ތިބޭށެވެ.

މި ޖޯޑުގެ އޮންސްކްރީން އަދި އޮފްސްކްރީން ކެމިސްޓްރީއަށް ފޭނުން ތައުރީފް އަބަދުވެސް އޮވެ އެވެ. އެހެން ވީމާ މިހާރު މި އޮތް ސުވާލަކީ، މި ދެތަރިން ކައިވެނީގެ ގޮށް ޖަހައި ބާރުކޮށްލާނެ ހެއްޔެވެ؟ ނޫނީ ރަވީ އާއި ރިޝްމީގެ ލޯބި ޖޯޑުން ކިޔައިދޭ ވާހަކަޔަށް އޮތީ ހިތާމަވެރި ނިމުމެއް ހެއްޔެވެ؟