ހަބަރު

ޖުމްހޫރީ ދުވަހު ސީޕީ ދެއްވީ ޔަގީންކަން: "ހަމަޖެހުން ގާއިމްކުރާނަން"

Nov 11, 2018
3

ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގާއިމުކުރުމުގައި ދިވެހި ފުލުހުން ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް، ސީޕީ ހަމްދޫން ރަޝީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަންސާސް ވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން ހަމްދޫން ރަޝީދު ދެއްވި މެސެޖްގައި ވިދާޅުވީ، ދިވެހި ފުލުހުންނަކީ ރައްޔިތުންނަށް ބޭނުންވާ އަމާންކަމާއި ރައްކާތެރިކަން ހޯދައިދިނުމުގެ ގައުމީ ވާޖިބު ކޮނޑުއަޅައިގެން ތިބޭ މީހުން ކަމަށާއި ޖުމްހޫރީ ވެރިކަމާއި ފުލުހުންނާ ސީދާ ގޮތެއްގައި ގުޅޭ އެންމެ ހާއްސަ އެއް ހައިސިއްޔަތަކީ އެއީ ކަމަށެވެ.

ހަމްދޫން ވިދާޅުވި ގޮތުގައި ރާއްޖެ މިއަދު ދަނީ ބޮޑެތި ބަދަލުތަކެއް ދެކެމުންނެވެ. ތައުލީމީ ގޮތުން ބަލާއިރު ހޭލުންތެރިކަން އިތުރުވެ ދުނިޔޭގެ އެކި ސަގާފަތްތަކަށް ލޯ ހުޅުވެމުން އެބަ ދެއެވެ. އުމްރާނީ ގޮތުން ބަލާއިރު ރަށްތައް ބިނާވެ ދިރިއުޅުމުގެ ޒަމާނީ އާ ވައްޓަފާޅިތަކާއި ވަސީލަތްތައް ތައާރުފުވަމުން އެބަދެވެ. އިގުތިސޯދީ ގޮތުން ބަލާއިރު ފުދުންތެރިކަން އިތުރުވެ ދުނިޔޭގެ އެތަން މިތަނަށް އުދުހުމަކީ ރައްޔިތުންނަށް މާ ބޮޑު ބުރަޔަކަށް ނުވެއެވެ.

"ޓެކްނޯލޮޖީގެ ކުރިއެރުމަށް ބަލާއިރު ގޭގެޔާއި ގައުމުގެ ހުރިހައި އިންފާރެއް މިހާރު މާ ތިރިވެއްޖެ، އެ ފާރުތަކުގެ މަތިން ޒަމާނީ ދުނިޔޭގެ އެކި އެކި ފިކުރުތައް، އޭގެ ތެރޭން ހެވާއި ނުބައި އެއްވެސް ހުރަހެއް ނެތި ގިރާކުރަނީ، ހުރިހައި ދިވެހީންނާ ހަމައަށް، ހަރެއް ހަގެއް ދޮށްޓެއް ޒުވާނެއް ފަރަގު ނުވާގޮތަށް، ކުޑަވެސް ފިލްޓަރުވުމެއް ނެތި، ރާއްޖޭގައި އުޅޭ އެކި ގިންތީގެ ބިދޭސީންނާއި ރާއްޖެ ޒިޔާރަތްކުރާ އެތައް ހާސް ފަތުރުވެރީންނާ ދިވެހީންނާ މިލި އުފެދޭ ގާތްކަމާއި ފިކުރީ ސަގާފީ މަސްހުނިކަން، މި ހުރިހައި ކަމަކާއެކު މިއަދުގެ ރާއްޖެއަކީ ސިޔާސީ ޕާޓީތަކެއް ހިމެނޭ ޑިމޮކްރެޓިކް ނިޒާމަކަށް ގައުމުގެ ހިންގުން ބަދަލުވެފައިވާ ރާއްޖެއެއް،" ހަމްދޫން ވިދާޅުވި އެވެ.

އެހެންކަމުން މި ހަގީގަތްތަކުގެ ކުރިމަތީގައި ދިވެހި ފުލުހުންގެ ޒިންމާ އިންތިހާއަށް އިތުރުވެ ހުތޫރަތްތެރިވާނެ ކަމަށް ސީޕީ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ފުލުހުންނަށް ބޭނުންވާ ގާބިލުކަން އެތައް ގުނަޔަކަށް އިތުރުވާންޖެހޭ ކަމަށެވެ. އެއީ އިންސާނީ ގާބިލުކަމާއި ވަސީލަތުގެ ގާބިލުކަމެވެ.

"ކުށްކުރާ މީހުން ކުށްކުރުމުގެ އުކުޅުތައް ބަދަލުކޮށްފި، ހަމަ އެހެންމެ މަގު ހިނގުމާއި ތަކެތި ދުއްވުމާ ހަމައިން ފެށިގެން، ދޭދޭ ގުޅުންތަކުގައި އުފެދޭ ބައެއް ކަހަލަ ނުތަނަވަސް ޝުއޫރުގެ ނަތީޖާ ވެސް ފުލުހުންގެ އެހީއާ ނުލައި ބައެއް ފަހަރު ސަލާމަތުގެ އައްސޭރިޔަކަށް ނުނިމެ، އެހެންކަމުން ތަރުބަވީ ގޮތުންނާއި އަހްލާގީ ގޮތުން މީހުންގެ މިޒާޖަށް ހެޔޮ ބަދަލުތެއް އިސްލާޙހުތަކެއް ބޭނުންވޭ، ވިސްނާ ގޮތާއި ދެކޭ ގޮތް ތަފާތު މުޖުތަމައެއްގައި ކަންކަން ތަހަންމަލުކޮށް އެކަކު އަނެކަކަށް އިހުތިރާމުކުރަން ދަސްވެފައި އޮތުން މުހިންމު،" ސީޕީ ވިދާޅުވި އެވެ.

ހަމްދޫން ވިދާޅުވި ގޮތުގައި ދިވެހި ރައްޔިތުންގެ ތޮބީއަތަކީ ސުލްހައަށް ލޯބިކުރުމެވެ. އަމާންކަމަށް ބޭނުންވުމެވެ. ރައްޔިތުން ފުލުހުންގެ ކިބައިން އެދެނީ މި އުފާވެރިކަމަށް ކަމަށާއި ރައްކާތެރި އަމާން މުޖުތަމައަކަށް ކަމަށް ވިދާޅުވި އެވެ. އެއީ ޖުމްހޫރު އެދޭ ގޮތާއި އުންމީދު ވެސް ކަމަށެވެ.

ދިވެހި ފުލުހުންނަކީ ދިވެހީން ކަމަށާއި ދިވެހި ރައްޔިތުންގެ ދިވެހި އާއިލާތަކުގެ ދަރީން ކަމަށް ހަމްދޫން ވިދާޅުވި އެވެ. ދިވެހި ފުލުހުން އަބަދުވެސް ހިންމަތްކުރަނީ ހިންމަތްކުރާނީ އަދި ހިތްމަތްކުރާންވީ ފުލުހުންގެ ގާނޫނީ ވާޖިބު އަދާކުރުމަށް ކަމަށާއި ފުރިހަމަޔަށް މަސްއޫލިއްޔަތު އުފުލުމަށް ކަމަށް ހަމްދޫން ވިދާޅުވި އެވެ. މަގުސަދަކީ އަމާން ސުލްހަވެރި ތަހުޒީބު ވެށްޓެއް ގާއިމުކުރުން ކަމަށެވެ.

ސީޕީ ހަމްދޫން ވިދާޅުވީ މިއަދު ދިވެހި ފުލުހުން ރައްޔިތުންނަށް އަރުވާ ޔަގީންކަމަކީ ރާއްޖޭގެ އެތެރޭގެ ހަމަޖެހުން ގާއިމުކުރުމުގައި ދިވެހި ފުލުހުން ރައްޔިތުންގެ އުންމީދުތައް ހާސިލުކޮށްދޭނެކަން ކަމަށެވެ. ގާނޫނުގެ އެންމެ އަކުރަކަށް ވެސް ދިވެހި ފުލުހުން އިހުމާލު ނުވާނެ ކަމަށާއި ލޮބުވެތި ވަތަން މިނިވަންކަންމަތީ ދެމެހެއްޓުމުގައި އުފުލާ ކޮންމެ ފިޔަވަޅެއް އަޅާނީ ސާބިތުކަމާއެކު ސީދާ ކުރިޔަށް ކަމަށް ސީޕީ ވިދާޅުވި އެވެ.