ހަބަރު

ޖުމްހޫރިއްޔާ ވަރުގަދަކުރުމަށް ކުރަންޖެހޭ މަސައްކަތް ގިނަގުނަ: މައުމޫން

Nov 11, 2018
1

ރާއްޖޭގެ ޖުމްހޫރިޔާ ވަރުގަދަކޮށް ހަރުދަނާ ކުރުމަށް އަދިވެސް ގިނަގުނަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިއަދު ވިދާޅުވެއްޖެ އެވެ.

ފަންސާސްވަނަ ޖުމްހޫރީ ދުވަހާ ގުޅިގެން ރައީސް މައުމޫން ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ރާއްޖޭގެ ޖުމްހޫރީ ހަޔާތުގައި މި ވޭތިވެގެން ދިޔަ ދިގު މުއްދަތުގެ ތެރޭގައި، ތަފާތު އިމްތިހާންތަކާ ރާއްޖެ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. އޭގެ ތެރޭގައި ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާ ކުރު މުއްދަތެއްގެ ތެރޭގައި ނިމިގެން ދިޔަ ދިޔުމާއި، ދެވަނަ ޖުމްހޫރިއްޔާ އެއް ގާއިމު ކުރަން ޖެހުނު ސަބަބުތަކާއި، އެ ނިޒާމް ނިމެން މެދުވެރިވި ސަބަބުތަކާއި، ޒަމާނީ މަލްޓި ޕާޓީ ޑިމޮކްރަސީ އެއް ހޯދުމަށް ރައްޔިތުން ކުރި މަސައްކަތާއި، އޭގެ ފަހުން ހިނގާ މިދިޔަ 10 އަހަރުގެ ތެރޭގައި ކަން ހިނގަމުން މިދާ ގޮތް ހިމެނޭ ކަމަށެވެ.

"މިކަންކަމުން ހާމަ ވެގެން ދާ އެއް ކަމަކީ ރާއްޖޭގެ ޖުމްހޫރިއްޔާ ވަރުގަދަ ކުރުމަށް އަދިވެސް ކުރަން ޖެހިފައިވާ މަސައްކަތްތައް މުހިންމު ވެފައި ގިނަގުނަ ކަން،" ރާއްޖޭގައި 30 އަހަރު ރައީސްކަން ކުރެއްވި މައުމޫން ވިދާޅުވި އެވެ.

ދިގު ވެރިކަމެއް ކުރެއްވި ރައީސް މައުމޫން ވިދާޅުވީ ގައުމީ އަދި ޖުމްހޫރީ ހަޔާތުގައި މިއަދު މިތިބީ އަނެއްކާވެސް މުހިންމު ހަތަރު އަނގޮޅިއެއްގަ ކަމަށެވެ. ރިޔާސީ ދައުރެއް ނިމި އާ ރިޔާސީ ދައުރެއް ފެށުމުގެ މުހިންމު މަރްހަލާގަ ކަމަށެވެ.

"މިމުހިންމު ދަނޑިވަޅުގައި އަޅުގަޑުމެން ހަނދާން ބަހައްޓަން ޖެހޭ ކަންކަމުގެ ތެރޭގައި، ގައުމީ ހަޔާތުގައި ރައްޔިތުންގެ ބައިވެރިވުން އިތުރުކޮށް ބާރުވެރި ކުރުވުމާއި، އެކަކު އަނެކަކަށް އިހުތިރާމްކުރާ އަދި އިތުބާރު ކުރާ މުޖުތަމައެއް ގާއިމު ކުރުމާއި، ހައްގުތައް ކަށަވަރު ކޮށްދިނުމާއި، ދައުލަތުގެ މުއައްސަސާތައް ވަރުގަދަ ކުރުން ހިމެނޭކަން،" ރައީސް މައުމޫން ވިދާޅުވި އެވެ.

ރައީސް މައުމޫން ވަނީ ދުވަހުގެ ތަހުނިއްޔާ އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، އިބޫއަށް ފޮނުއްވާފަ އެވެ. އިބޫ ރައީސް ކަމަށް އިންތިހާބުވެފައިވަނީ ރައީސް މައުމޫންގެ ވެސް ތާއިދާއެކު އެވެ.

ބަޔާނުގައި ރައީސް މައުމޫން ވަނީ ރަސްކަމަކުން ޖުމްހޫރިއްޔާއަކަށް ބަދަލު ކުރެއްވުމަށް، ރާއްޖޭގެ ފުރަތަމަ ޖުމްހޫރިއްޔާގެ ރައީސް ސުމުއްވުލް އަމީރު މުހަންމަދު އަމީން ދޮށިމޭނާ ކިލެގެފާނާއި، ދެވަނަ ޖުމްހޫރިއްޔާގެ ފުރަތަމަ ރައީސް ނިޝާން ގާޒީގެ އިއްޒަތްތެރި ވެރިޔާ ސުމުއްވުލް އަމީރު އިބްރާހިމް ނާސިރު ރަންނަބަޑޭރި ކިލެގެފާނު ކުރެއްވި އަގުހުރި މަސައްކަތް ތަކުގެ ހަނދާން އާ ކުރައްވާފަ އެވެ.