ދުނިޔެ

އިޒްރޭލުގެ ހަމަލާއެއްގައި ފަލަސްތީނުގެ ހަތް މީހަކު މަރާލައިފި

Nov 12, 2018

ޣައްޒާ (ނޮވެމްބަރު 11) - އިޒްރޭލު ސިފައިން އިއްޔެ ދިން ހަމަލާތަކެއްގައި ފަލަސްތީނުގެ ހަތް މީހުން މަރުވެފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ޣައްްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތުގެ އިސް ކޮމާންޑަރެއް ވެސް ހިމެނޭކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

ހަމާސް އިން ބުނި ގޮތުގައި، އިޒްރޭލު ސިފައިން ޣައްޒާއަށް ވަނީ އެ ކޮމާންޑަރު މަރާލަން ކަމަށާއި، އޭގެ ފަހުން ވައިގެ ހަމަލާތައް ކުރިއަށް ގެންގޮސްފައިވަނީ އިޒްރޭލު ސިފައިންގެ ޓީމު ސަލާމަތުން ނެރުމަށްކަމަށް ވެސް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

އެ ކުރިމަތިލުންތަކުގައި، އިޒްރޭލު ސިފައިންގެ މީހަކު ވެސް މަރުވެފައިވާކަމަށް އިޒްރޭލުން ވަނީ ބުނެފަ އެވެ. އިޒްރޭލުން 40 އަށް ވުރެ ގިނަ ރޮކެޓު ފޮނުވާލައިގެން ދިން ވައިގެ ހަމަލާތަކުގައި، އާންމުންގެ ހަތަރު މީހަކު މަރުވެފައިވާކަމަށް ރިޕޯޓުތައް ވަނީ ބުނެފަ އެވެ.

ފަލަސްތީނު ރައްޔިތުންގެ ބިން އަނބުރާ ދިނުމަށް ގޮވާލާ ހަމަނުޖެހުން ބޮޑު ޣައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރުގައި މުޒާހަރާތައް ކުރިއަށް ގެންދާތާ މިހާރު ވަނީ ހަތް މަސް ވެފަ އެވެ.

އިނގިރޭސިން ފަލަސްތީނު ހިފައި، އެ ބިމުގައި ޔަހޫދީން އާބާދުކޮށް އެއަށް ފަހު އެ މީހުންނަށް އެތަނުގައި ދައުލަތެއް ގާއިމު ކޮށްދިނީ މީގެ 70 އަހަރު ކުރިންނެވެ. ފަލަސްތީނުގެ އަސްލު ވަޒަންވެރިން އެމީހުންގެ ގެދޮރުން ނެރެލައި އިޒްރޭލުގެ ދައުލަތް ގާއިމްކުރުމަަށް ފަހު އެކަން ރަސްމީކޮށް އިއުލާނު ކުރީ 1948 ވަަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހު އެވެ.

މިއަހަރުގެ މާޗް 30 ގައި ފެށި މުޒާހަރާތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު 18،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.