ގާސިމް އިބްރާހިމް

ގާސިމްގެ ރިޔާސަތުގައި ރައްޔިތުންގެ މަޖިލިހުގެ ޖަލްސާތަށް ފަށައިފި

ޖުމްހޫރީ ޕާޓީގެ ލީޑަަރު އަދި މާމިގިލީ ދާއިރާގެ މެމްބަރު ގާސިމް އިބްރާހިމްގެ ރިޔާސަތުގެ ދަށުން މަޖިލީހުގެ ޖަލްސާތަށް ފަށައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ ގޮތުގައި ކުރިން ހުންނެވި އަބުދުﷲ މަސީހު މުހައްމަދުގެ މައްޗަށް އިތުބާރު ނެތް ކަމުގެ މައްސަލައެއް ހުށަހަޅާ މަޖިލީހުގެ ޖަލްސާއެއް ތާވަލްކޮށްފައިވަނިކޮށް ނޮވެމްބަރު 1ގައި މަސީހު އިސްތިއުފާ ދެއްވި އެވެ. އެއާއެކު އެރޭ މަޖިލީހުގެ ޖަލްސާއެއް ބާއްވަވާ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ގާސިމް އިބްތިހާބު ކުރި އެވެ. ގާސިމް އެމަގާމަށް އިންތިހާބުވީ، 62 ވޯޓާއި އެކުގަ އެވެ.

ގާސިމްގެ ރިޔާސަތުގެ ދަށުން މިއަދު ބާއްވާ ފުރަތަމަ ޖަލްސާއަށް ތާވަލްކޮށްފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގައި އިންނަވާ މެންބަރު ގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ރިޒާ އެ މަގާމުން ވަކި ކުރަން ހުށަހެޅި މައްސަލަ އަދި އަބުރުގެ ގާނޫނު އުވާލުމުގެ މައްސަލަ އެވެ.

ޖަލްސާ ފެށުމުގެ ގޮތުން ވާހަކަ ދައްކަވަމުން ގާސިމް ވިދާޅުވީ، މަގާމުގެ މަސްއޫލިއްޔަތު އެންމެ ފުރިހަމަޔަށް އަދާކުރުމުގައި އޭނާ ދެމިހުންނަވާނެ ކަމުގެ ޔަގީންކަން އެންމެހާ މެންބަރުންނަށް އަރުވާ ކަމަށެވެ. އަދި މެންބަރުންގެ ހައްގުތައް ހިމާޔަތް ކޮށްދެއްވުމުގައި މަސައްކަތްތައް ކުރައްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އޭނާ ވަނީ ބޮޑު އަގުލަބިއްޔަތަކުން އޭނާ މަޖިލީހުގެ ރައީސްކަމަށް އިންތިހާބުކޮށްދެއްވީތީ މެންބަރުންނަށް ޝުކުރު އަދާ ކުރައްވައިފަ އެވެ.

"މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށް މަޖިލީހުގެ ތިން ވަނަ ދައުރު ނިމުމަކަށް އަންނާނެ. އެހެން ވީމާ ހުރިހާ މެންބަރުން ވެސް އެކަން ހަނދާނުގައި ބަހައްޓައިގެން މަސައްކަތްތައް ނިންމާލަދެއްވުމަށް އަޅުގަނޑު އެދެން،" ގާސިމް ވިދާޅުވި އެވެ.

މީގެ އިތުރުން، މިއަދު އިތުރު ތިން ބިލެއްގެ އިބްތިދާއީ ބަހުސްތައް ފެށުމަށް މިއަދުގެ ޖަލްސާއަށް ވަނީ ތާވަލް ކޮށްފަ އެވެ. އެގޮތުން ހެންވޭރު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަބްދުﷲ ޝާހިދު ހުށަހެޅުއްވި އަބުުރުގެ ގާނޫނު އުވާލުމުގެ މައްސަލައާ ސަރުކާރުގެ ފަރާތުން އުނގޫފާރު ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖައުފަރު ދާއޫދު ހުށަހެޅުއްވި މޯލްޑިވްސް މީޑިއާ ކޮމިޝަންގެ ބިލްގެ މައްސަލަ އާއި ސަރުކާރުގެ ފަރާތުން ގެމަނަފުށި ދާއިރާގެ ޕީޕީއެމްގެ މެމްބަރު ޖަމީލް އުސްމާން ހުށަހެޅުއްވި ރާއްޖޭގެ ބޭންކިންއާ ބެހޭ ގާނޫނު އިސްލާހު ކުރުމުގެ ބިލަށް ބަހުސް ކުރުމަށް ވަނީ އެޖެންޑާ ކޮށްފަ އެވެ.