އަދާލަތު ޕާޓިގެ ރައީސް ޝޭހް އިމްރާން އަބްދުﷲ އާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަށް، ޕާޓީގެ ރައީސުންގެ ގޮތުގައި ދެމިތިބުމުގެ ހުރަހެއް ނެތް ކަމަށް އިލެކްޝަން ކޮމިޝަން (އީސީ) އިން ނިންމައިފި އެވެ.
ޖަލުހުކުމެއް ތަންފީޒުކުރެއްވިމަށްފަހު އިހަކަށް ދުވަހު ސުޕްރީމްކޯޓުން ކުރި ހުކުމަކާ ގުޅިގެން މިނިވަންވެވަޑައިގެންނެވި، އިމްރާނާއި ނަޝީދަށް އެ ދެބޭފުޅުން ނިސްބަތްވާ ޕާޓީތަކުގެ ރައީސްކަމުގެ މަގާމުގައި ދެމިތިބުމަށް އެއްވެސް ހުރަހެއް އޮތްތޯ ބެލުމަށް އީސީ އިން ނިންމީ، އެކޮމިޝަނުން ބުނިގޮތުގައި، ސުޕްރީމްކޯޓުގެ ހުކުމާ ގުޅިގެން އާންމުންގެ ޝަކުވާތަކެއް އެކަމުގައި ލިބެމުންދާތީ އެވެ. އީސީގައި ވަނީ މިކަމާ ގުޅިގެން ބައްދަލުވުމެއްވެސް ބާއްވާފަ އެވެ.
"އަވަސް" އަށް މައުލޫމާތުދެއްވަމުން އީސީގެ މެންބަރު އަހުމަދު އަކްރަމް ވިދާޅުވީ، އިމްރާނާއި ނަޝީދުގެ ކިބައިގައި ޕާޓިގެ ރައީސުންގެ ގޮތުގައި ދެމިތިބުމުގެ ޝަރުތު ހަމަވޭތޯ ބެލި ބެލުމުން، އެ ދެބޭފުޅުންގެ އަތުން ޕާޓީގެ ރައީސްކަން ގެއްލޭންޖެހޭ ސަބަބެއް އޮތް ކަމަށް އީސީއަށް ފެނިފައި ނުވާ ކަމަށެވެ. އެ ދެ ބޭފުޅުންނަކީވެސް މިހާރު ދެ މިނިވަނުންނަށް ވާތީ ޕާޓީގެ ރައީސް ކަމުގައި ދެމިތިބުމަށް ހުރަހެއް ނެތްކަމަށް އަކްރަމް ވިދާޅުވި އެވެ.
"ޖަލުތަކާއި ޕެރޯލްގެ ގާނޫނުގައި ބުނަނީ އެފަދަ މަގާމެއްގައި ނުހުރެވޭނީ ޖަލުގައި ބަންދުކޮށްފައިވާ ހާލަތުގައި ކަމަށް. އެހެންކަމަވެސް ސުޕްރީމްކޯޓުން ކުރި ހުކުމާ ގުޅިގެން މިހާރު އެ ދެބޭފުޅުން ވަނީ މިނިވަންވެފައި،" އަކްރަމް ވިދާޅުވި އެވެ.