އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓް ރައްޔިތުންގެ މަޖިލީހަށް ފިނޭންސް މިނިސްޓަރު އަހުމަދު މުނައްވަރު މިއަދު ހުށަހަޅުއްވައިފި އެވެ. އެ ބަޖެޓްގެ ޖުމްލަ އަކީ 29.6 ބިލިއަން ރުފިޔާ އެވެ.
ރައްޔިތުންގެ މަޖިލީހަށް ވަޑައިގެން ބަޖެޓު ހުށަހަޅުއްވަމުން މުނައްވަރު ވިދާޅުވީ އަންނަ އަހަރު ބަޖެޓުގެ ޖުމުލަ އަގަކީ 29،647،415،773 ރުފިޔާ ކަމަށެވެ. އޭގެ ތެރެއިން 26.7 ބިލިއަން ރުފިޔާ ހަރަދުގެ ގޮތުގައި ހިނގާނެ ކަމަށް ބެލެވޭ ކަމަށާއި ބަޖެޓާއި ހަރަދުގެ ތަފާތަކީ ދައުލަތުގެ ދަރަނި އަދާ ކުރުމަށް ދައްކާ 2.9 ބިލިއަން ރުފިޔާ ކަމަށެވެ. އަދި އަންނަ އަހަރުގައި އާމްދަނީ އަދި ހިލޭ އެހީގެ ގޮތުގައި ދައުލަތަށް 23 ބިލިއަން ރުފިޔާ ލިބޭނެ ކަމަށް ލަފާ ކުރެވޭ ކަމަށާއި އެހެންކަމުން ބަޖެޓު ޑެފިސިޓު ވާނީ 3.7 ބިލިއަން ރުފިޔާއަށް ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެއީ ޖީޑީޕީގެ ނިސްބަތުން 4.1 ޕަސަންޓު ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
މުނައްވަރު ވިދާޅުވީ ބަޖެޓުން ހާސިލް ކުރަން ބޭނުންވާ ނަތީޖާތައް އެންމެ އެދެވޭ ގޮތެއްގައި ހާސިލް ކުރެވޭނީ ދައުލަތުގެ މާލީ ނިޒާމް ހަރުދަނާ ކުރެވިގެން ކަމަށެވެ. އެ މަސައްކަތަކީ ހުއްޓުމެއް ނެތި ކުރަން ޖެހޭ މަސައްކަތެއް ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ވޯލްޑް ބޭންކާއި ބައިނަލްއަގުވާމީ ފަރާތްތަކުން ބުނާ ގޮތުން ބަޖެޓުން ބޭނުންވާ ލަނޑުދަނޑިތައް ހާސިލް ކުރުމުގެ އިތުރަށް އިސްރާފާއި ކޮރޮޕްޝަން ހުއްޓުވުމަށް އެންމެ މުހިންމު އެއް ވަސީލަތަކީ ދައުލަތުގެ މާލީ ނިޒާމް ހަރުދަނާ ކުރުން، ވޭތުވެދިޔަ އަހަރުތަކުގައި ދައުލަތުގެ މާލީ ނިޒާމް ހަރުދަނާ ކުރުމަށްޓަކައި ވޯލްޑް ބެންކުގެ އެހީގައި ގިނަ ގުނަ މަސައްކަތްތަކެއް ވަނީ ކުރެވިފައި،" މިނިސްޓަރު ވިދާޅުވި އެވެ.
މާލީ ގާނޫނުތަކުގައި ހުރި އެކިއެކި ފުށުއެރުންތައް ހައްލު ކުރުމަށާއި ހަރުދަނާ ކުރުމަށް ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތަކާއި އަލަށް ތާރަފް ކުރަން ޖެހޭ ގާނޫނުތަކުގެ ދިރާސާތައްކޮށް ނިންމާފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އޭގެ ތެރޭގައި ދައުލަތުގެ މާލިއްޔަތު ގާނޫނާއި އެހެން ގާނޫނުތަކަށް ގެންނަން ޖެހޭ ބަދަލުތައް އެކުލަވާލާފައިވާ އިރު ބަޖެޓު އެޕްރޮޕިރިއޭޝަންއާ ގުޅޭ މާއްދާތަކެއް ތާރަފް ކުރުމަށްޓަކައި އެ ގާނޫނުތަކުގެ ދިރާސާތައް ކުރެވިފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އެ އިސްލާހުތަކާއެކު އެ ގާނޫނުތައް ވަރަށް އަވަހަށް މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށާއި އެ ބަދަލުތައް ގެންނަވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ.
ޓެކުހުގެ ނިޒާމް މިހަރަށް ވުރެ ހަރުދަނާ ކުރުމަށް ޓެކްސް ޕޮލިސީ އެކަށޭޅުމަށް ގާބިލް ކަމާއި ކެޕޭސިޓީ ހޯދުމަށް މަސައްކަތް ކުރަމުންދާ ކަމަށާއި އައިމެޕްގެ ތަޖުރިބާ ކާރުންގެ އެހީތެރިކަން ލިބިފައިވާތީ ޓެކްސް ޕޮލިސީ ޔުނިޓެއް ފިނޭންސް މިނިސްޓްރީގައި މިއަހަރު ގާއިމް ކުރެވޭނެ ކަމަށް މުނައްވަރު ވިދާޅުވި އެވެ. އަދި އެ ޔުނިޓުގެ އެހީގައި މިހާރު ބީޕީޓީ އަދި ޖީއެސްޓީގެ ގާނޫނުގައި ގެނައުމަށް ފާހަގަ ކުރެވިފައިވާ އިސްލާހުތަކުން އިގްތިސާދަށް ކުރާނެ އަސަރު ދިރާސާ ކުރެވުމަށް ފަހު ތަންފީޒު ކުރެވިގެން ދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ދައުލަތުން އެންމެ ބޮޑު ހަރަދެއް މުއައްޒަފުންގެ މުސާރަ އާއި ޕެންޝަނަށް ކުރާ އިރު އެކަމަށް މިދިޔަ އަހަރުތަކުގައި 40.1 ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް މުނައްވަރު ވިދާޅުވި އެވެ. މުއައްޒަފުންނަށް ކުރެވޭ ހޭދަ މާލީ ގޮތުން ދެމެހެއްޓެނިވި ގޮތަކަށް ބައްޓަން ކުރުމަށްޓަކައި އެކަމާ ގުޅުން ހުރި ސިޔާސަތުތައް މުސްތަގުބަލަށް ކުރާ އަސަރު ދެނެގަނެ އާ ސަރުކާރުން ތަންފީޒު ކުރުން މުހިންމު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ޕޭ ކޮމިޝަނުން މިހާތަނަށްކޮށްފައިވާ ދިރާސާތަކުން ދައްކާ ގޮތުގައި ދައުލަތުގެ މުއައްޒަފުންގެ މުސާރައިގެ ބޮޑެތި ހަރަދުތަކެއް އެބަހުރި، ވީމާ ޖުމުލަކޮށް މުއައްޒަފުންނަށް ކުރާ ހަރަދުތައް ދެމެހެއްޓެނިވި އޮނިގަނޑަކަށް ބައްޓަން ކުރަން ޖެހޭ،" މުނައްވަރު ވިދާޅުވި އެވެ.