ހަބަރު

އިބޫގެ ފުރަތަމަ 100 ދުވަހު ސަރުކާރުގެ ކުންފުނިތަކުގެ ހާއްސަ އޮޑިޓެއް ހަދަނީ

އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް، އިބޫގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރުގެ މިނިސްޓްރީތަކާއި ކުންފުނިތައް އޮޑިތް ކުރާނެ ކަމަށް ޓްރާންސިޝަން ކޮމިޓީ އިން ބުނެފި އެވެ.

ޓްރާންސިޝަން ކޮމިޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފިނޭންސް އެންޑް ޓްރެޝަކީ ކޮމިޓީގައި ހިމެނިވަޑައިގަންނަވާ އިބްރާހިމް އަމީރު ވިދާޅުވީ، ފިނޭންސް އެންޑް ޓްރެޝަކީ ކޮމިޓީގެ ފަރާތުން ކުންފުނިތަކާއި އެހެނިހެން މިނިސްޓްރީތަކާއި ބައްދަލު ކުރުމުން ފެނިގެން ދިޔައީ ފިނޭންސް މިނިސްޓްރީގެ ދަށުގައި ހުންނަން ޖެހޭ ކުންފުނިތަކުގެ ހާލަތު ދަށްވެފައިވާ ކަމަށެވެ.

"އޭގެ އެއް މިސާލަކީ މިފްކޯ، މިފްކޯވެސް ބޭންކްރަޕްޓްވުމާއި ގާތަށް ގޮސްފައި އޮއްވައި އެސްޓީއޯގެ ދަށަށް ގެނެސްފައި އެވަނީ، ވަރަށް ބޮޑު އެއްޗެއް ކެޕިޓަލް ކޮންޓްރިބިއުޝަނެއްގެ ގޮތުގައި މަސްވެރިންގެ އެ ސިނާއަތް ކުރިއެެރުވުމުގައި ކެޕިޓަލް ކޮންޓްރިބިއުޝަނެއްގެ ގޮތުގައި މިފްކޯއަށް ވެސް ހިމަނާފައިވާނެ ގާތްގަނޑަކަށް 90 މިލިއަން ރުފިޔާ،" އަމީރު ވިދާޅުވި އެވެ.

އަމީރު ވިދާޅުވި ގޮތުގައި އެންމެ ބޮޑު އެއް ފޯކަސް އަކަށް ވެގެންދާނީ ކުންފުނިތަކުގެ ފައިނޭންޝަލާއި ކުންފުނިތަކުގެ މެނޭޖްމެންޓްގެ އޮޑިޓް ކުރުން ކަމަށެވެ.

"އަޅުގަނޑުމެން ހަވާލުވާ 100 ދުވަހުގެ ތެރޭގައި އަޅުގަނޑުމެންގެ މިނިސްޓްރީތަކާއި އެހެނިހެން ތަންތާގެ ރަނގަޅު އޮޑިޓެއް ކުރުން އެއީ އަޅުގަނޑުމެންގެ އަމާޒެއް،" އަމީރު ވިދާޅުވި އެވެ.