ދުނިޔެ

ޔޫގެންޑާގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި 10 ކުދިން މަރުވެއްޖެ

ޔޫގެންޑާގެ ސައުތްވެސްޓް ސަރަހައްދުގައި ހުރި، ބާނާޑް ސެކަންޑްރީ ސްކޫލުގެ ދަރިވަރުން ތިބޭ އިމާރާތުގައި ހިނގި އަލިފާނުގެ ހާދިސާގައި 10 ކުދިން މަރުވެ، 30 ކުދިން ޒަހަމުވެއްޖެ އެވެ. އަދި ޒަހަމުވެފައިވާ ކުދިންގެ ހާލު ނާޒުކު ކަމަށާއި މި އަދަދު އިތުރު ވެދާނެ ކަމަށް ޔޫގެންޑާގެ ޑެޕިއުޓީ ޕޮލިސް އޮފިސާ ޕެޓްރިކް އޮންޔާންގޯ ބުންޏެވެ.

މި ކަމުގައި ތުހުމަތު ކުރެވެނީ އަހުލާގީ މައްސަލަތަކުގައި ކުރިން އެ ސްކޫލުން ކަނޑާލައިފައިވާ ތިން ކުދިންނާއި އެ ސްކޫލުގެ ގާޑު ކަމަށްވެސް ބުންޏެވެ. އަލިފާން ރޯ ކޮށްލުމުގެ ކުރިން ދަރިވަރުން ތިބޭ އިމާރާތުގައި ތަޅު އަޅުވާފައިވާ ކަމަށް ވެސް އުގަންޑާގެ ޕޮލިހުން ބުނެ އެވެ. އަދި ގިނަ ދަރިވަރުން މަރުވީ އެ އިމާރާތުން ނުނިކުމެވި ނޭވާ ހާސް ވުމުގެ ސަބަބުންނެވެ.

ދިހަ ކުދިން މަރުވެފައިވާއިރު، އެ ކުދިންގެ އާއިލާތަކަށް ހަވާލު ކުރާނީ ޑީއެންއޭ ޓެސްޓު ހެދުމަށް ފަހުގައި ކަމަށެވެ. ކުދިންގެ ހަށިގަނޑުތައް ހުރީ ކާކުކަން ނޭނގޭ ވަރަށް އަނދާފަ އެވެ.