ޕީޕީއެމް ކޮންގްރެސް 2018

ޕީޕީއެމްގެ ކޮންގްރެސް ބަލައިނުގަތް މައްސަލައިގެ ހުކުމް މާދަމާ ރޭ

Nov 15, 2018
1

ޕީޕީއެމްގެ ކޮންގްރެސް ބަލައި ނުގަތުމަށް އިލެކްޝަންސް ކޮމިޝަނުން ނިންމި ނިންމުން ބާތިލް ކުރުމަށް އެ ކޯޓުން ހައިކޯޓަށް ހުށަހަޅާފައިވާ މައްސަލައިގައި މާދަމާ ރޭ ހުކުމް ކުރަން ތާވަލްކޮށްފި އެވެ.

އެ މައްސަލައިގައި މީގެ ކުރިން ދެ އަޑުއެހުމެއް ހައިކޯޓްގައި ވަނީ ބާއްވައިފަ އެވެ. އެ މައްސަލައިގައި އެންމެ ފަހުން އަޑުއެހުމެއް ބޭއްވީ މިދިޔަ އަންގާރަ ދުވަހު އެވެ. އެ ދުވަހުގެ މަޖިލިސް ނިންމާލައްވަމުން ފަނޑިޔާރުންގެ ބެންޗުން ވަނީ ދެން އިތުރު ކަމެއް ސާފު ކުރަން ބޭނުން ނޫން ނަމަ ދެން އޮންނާނީ ހުކުމް ކަމަށް އިއުލާންކޮށްފަ އެވެ.

ހައިކޯޓުން އާންމު ކޮށްފައިވާ މާދަމާގެ އެ ކޯޓްގެ ޝަރީއަތްތަކުގެ ޝެޑިއުލްގައިވާ ގޮތުގައި ކޮންގްރެސްގެ ނިންމުންތައް އިލެކްޝަންސްއިން ބަލައި ނުގަތް މައްސަލައިގައި އެ ޕާޓީއިން ހައިކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުމުގެ މަޖިލިސް އޮންނާނީ، މާދަމާރޭ 8:30ގަ އެވެ.

ޕީޕީއެމްގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީންއާ ސިވިލްކޯޓްގެ ހުކުމަކުން 2016 ވަނަ އަހަރު ޕީޕީއެމް ހަވާލުކުރީ، ޕާޓީގެ ގައުމީ ޖަލްސާއެއް ނޫނީ ކޮންގްރެސް ރައީސް އަބްދުﷲ ޔާމީންގެ ބެލުމުގެ ދަށުން ބޭއްވުމަށެވެ. އެހެން ނަމަވެސް، ޕީޕީއެމްއިން އެ ޕާޓީގެ ކޮންގްރެސް ބޭއްވީ، އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އީސީއިން ހައިކޯޓްގައި ބުނެފައި ވަނީ، ޕީޕީއެމް ކޮންގްރެސް ބަލައި ނުގަންނަން ނިންމީ އެ ޕާޓީގެ ކޮންގްރެސްގައި އެހެން ޕާޓީތަކުގެ މެންބަރުން ވޯޓްލާފައިވުމާއި ކޮންގްރެސް ބޭއްވުމުގައި ގެންގުޅުނު ބައެއް އިޖުރާއަތުތައް ގޯސްކޮށް ހުރުމުން ކަމަށެވެ. އެހެން ނަމަވެސް ޕީޕީއެމްއިން ބުނަމުން ދަނީ، އެ ޕާޓީގެ ކޮންގްރެސް ހުއްޓުވަން ނުޖެހޭ ކަމަށް އީސީއިން ނިންމައި އެ ކޮންގްރެސް އޮބްޒާވްވެސް ކުރި ކަމަށެވެ. އަދި އެތަނަށް ދިޔަ ކޮމިޝަންގެ އޮބްޒާވަރުން ވެސް އެވަގުތު މައްސަލައެއް ފާހަގަ ނުކުރާ ކަމަށާއި ކޮންގްރެސްގެ ނިންމުންތައް ބަލައިނުގަންނަން ނިންމީ މާފަހުން ކަމަށެވެ.

ޕީޕީއެމްގެ ކޮންގްރެސްގައި ވަނީ އެ ޕާޓީގެ މުޝްތަޝާރު ރައީސް އަބްދުﷲ ޔާމީން އެ ޕާޓީގެ ރައީސް ކަމަށް އިންތިހާބުކޮށްފަ އެވެ. އަދި ޑެޕިއުޓީ ލީޑަރުންގެ ގޮތުގައި، ރައީސް އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އައިޝަތު އާޒިމާ ޝަކޫރާއި، ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް އަބްދުﷲ އަދި އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވެސް ވަނީ އައްޔަންކޮށްފަ އެވެ. އަދި އާ ކައުންސިލެއް ވެސް ޕީޕީއެމްއިން އެކުލަވާލި އެވެ.