ރިޔާސީ އިންތިހާބުގެ ފަހުން ޕީޕީއެމްއިން ބޭއްވި ކޮންގްރެސް ސައްހަ ކަމަށް ހައިކޯޓުން ކަނޑައަޅައި ކުރިއަށް އޮތް 24 ގަނޑިއިރުގެ ތެރޭގައި އެ ޕާޓީގެ ކޮންގްރެސްއިން އައްޔަން ކުރި މަގާމުތައް އަނބުރާ ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް މިއަދު ހައިކޯޓުން އަމުރުކޮށްފި އެވެ.
ޕީޕީއެމްގެ ހިންގުން ސިވިލް ކޯޓުގެ ހުކުމަކުން 2016 ގައި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައިވެ އެވެ. އަދި އެ ހުކުމްގައި ގައުމީ ޖަލްސާއެއް ރައީސް ޔާމީންގެ ދަށުން ބޭއްވުމަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް އެ ޕާޓީއިން ގައުމީ ޖަލްސާއެއް ބޭއްވީ އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.
އެ ގައުމީ ޖަލްސާގައި ޕީޕީއެމްގެ ރައީސް ކަމަށް ރައީސް ޔާމީން ވަނީ އިންތިހާބުކޮށްފަ އެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި ވެސް ހަތަރު ބޭފުޅަކު އިންތިހާބުކޮށް ކައުންސިލް ވެސް އަލުން އެކުލަވާލާފައިވެ އެވެ. ނަމަވެސް އެ ޖަލްސާގެ ނިންމުންތައް ބަލައިނުގަންނަ އިލެކްޝަން ކޮމިޝަނުން ވަނީ ނިންމި އެވެ. އިލެކްޝަން ކޮމިޝަންގެ އެ ނިންމުން ބާތިލް ކަމަށް ކަނޑައަޅަން ޕީޕީއެމްއިން ހައިކޯޓަށް މައްސަލަ ހުށަހެޅި އެވެ.
ކޮންގްރެސް ބާތިލް ކުރި ސަބަބެއް ކަމަށް އިލެކްޝަން ކޮމިޝަނުން އެންމެ ބޮޑަށް ފާހަގަކުރީ ކޮންގްރެސްގައި ޕީޕީއެމްއަށް ނިސްބަތް ނުވާ އެހެން ޕާޓީތަކެއްގެ މެންބަރުން ވޯޓުލާފައިވުމެވެ. އެގޮތުން ޑީއާރްޕީ، އެމްޑީއޭ، އަދާލަތު ޕާޓީ، ޕީއޭ، ޖުމްހޫރީ ޕާޓީ އަދި އެމްޑީޕީގެ ދަފްތަރުގައި ހިމެނޭ މެންބަރުންތަކެއް ކޮންގްރެސްގެ މަންދޫބުންގެ ގޮތުގައި ބައިވެރިވިކަން ފާހަގަކުރެވިފައިވާކަން ކޮމިޝަނުން ފާހަގަކުރެ އެވެ. އަދި އަނެއް ބައި މަންދޫބުންގެ ފުރިހަމަ މައުލޫމާތު ޕީޕީއެމްއިން ނުފޮނުވާ ކަމަށް ވެސް ބުނެފައިވެ އެވެ.
އެކަމާ ގުޅިގެން މިއަދު ހައިކޯޓުން އިއްވި ހުކުމްގައި ބުނީ، އިލެކްޝަން ކޮމިޝަނުން ޕާޓީތަކުގެ މެންބަރުން ބަލަނީ ކޮންމެ ހަ މަހަކުން އެއް ފަހަރު އަޕްޑޭޓްކުރާ ދަފުތަރެއްގެ މައްޗަށްކަން އެނގެން އޮންނައިރު އެއަށްވުރެ އަޕްޓޭޑް ދަފްތަރެއް ކޮންމެ ޕާޓީއެއްގައި ވެސް އޮންނާނެ ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. ނަމަވެސް މަންދޫބުންނަކީ ޕީޕީއެމްގައި އޮންނަ ދަފުތަރުގައި ހިމެނޭ މީހުންތޯ ސާފުކުރުމަށް އިލެކްޝަން ކޮމިޝަނުން މަސައްކަތްކޮށްފައިނުވާ ކަމަށާއި ހަމައެކަނި އިލެކްޝަން ކޮމިޝަންގެ ދަފުތަރަށް ބަލައި، އެއީ ޕީޕީއެމްގެ މެންބަރުން ނޫން ކަމަށް ކަނޑައެޅުން ގޯސް ކަމަށެވެ.
ކޮންގްރެސް ބާތިލްކުރި އިތުރު ސަބަބެއް ކަމަށް އިލެކްޝަން ކޮމިޝަނުން ފާހަގަކޮށްފައިވަނީ ކޮންގްރެސްގައި ހަތަރު ނައިބު ރައީސުން އިންތިހާބުކޮށްފައިވުމެވެ. އިލެކްޝަން ކޮމިޝަނުން ބުނާ ގޮތުގައި ކޮންގްރެސްގެ ކުރިން ނެރެފައިވާ އިއުލާންގައި ވަނީ ތިން ނައިބު ރައީސް ހޮވާ ގޮތަށެވެ. ހަތަރު ނައިބު ރައީސުން އިންތިހާބުކުރަން ނިންމީ ކުއްލި ކައުންސިލް ބައްދަލުވުމެއްގަ އެވެ. އެއީ އަސާސީ ގަވައިދަށް ބަދަލު ގެނެސްގެންނެވެ. ކޮމިޝަނުން ވަނީ ކޮންގްރެސްގައި ނޫން ގޮތަކަށް އަސާސީ ގަވައިދު ބަދަލުކުރެވިދާނެކަމާމެދު ވެސް ސުވާލު އުފައްދާފަ އެވެ.
ކައުންސިލުން ހަތަރު ނައިބު ރައީސް އިންތިހާބު ކުރާ ގޮތަށް އަސާސީ ގަވައިދަށް އިސްލާހު ގެނައިރު ގަވައިދުގެ އެހެން މާއްދާގައި ތިން ނައިބު ރައީސް ކަމަށް ލިޔެފައިވާ ކަމަށާއި އެއީ ތައާރުޒުވާ ކަމެއް ކަމަށް ވެސް ފާހަގަކޮށްފައިވެ އެވެ. ނަމަވެސް ހައިކޯޓުގެ ހުކުމްގައި ކަނޑައެޅީ އޭގައި އެއްވެސް މައްސަލައެއް ނެތް ކަމަށެވެ.
ޕާޓީގެ އަސާސީ ގަވައިދުގައިވާ ގޮތުން ކައުންސިލަށް ގަވައިދު ބަދަލު ކުރެވިދާނެ ކަމަށާއި ނަމަވެސް އެންމެ އަވަހަށް އަންނަ ކޮންގްރެސްއެއްގައި އެއަށް ރުހުން ހޯދަން ޖެހޭނެ ކަމަށެވެ. އެގޮތަށް ކޮންގްރެސްގައި ކައުންސިލްގެ ނިންމުމަށް ރުހުން ހޯދާފައިވާކަން ޔައުމިއްޔާއިން އެނގެން އޮތް ކަމަށް ވެސް ހުކުމްގައިވެ އެވެ. ހާއްސަ ގޮތުން ބާއްވާ ކޮންގްރެސްތަކުގައި މަގާމުތަކަށް މީހުން އިންތިހާބުކުރުމުގައި ގަވައިދުގައިވާ މުއްދަތުތަކަށް ނުބެލުމަށް ވެސް އިސްލާހުކޮށްފައިވެ އެވެ.
ހުކުމްގައިވާ ގޮތުން ކައުންސިލުން ވަނީ ހަތަރު ނައިބު ރައީސުން އިންތިހާބު ކުރާ ގޮތަށް ފާސްކޮށްފަ އެވެ. އަދި ގަަވައިދުގައި ޕާޓީގައި ތިބޭނީ ތިން ނައިބު ރައީސުން ކަމަށް ބުނާ މާއްދާތައް ހަތަރު ނައިބު ރައީސުން ގޮތަށް އިސްލާހުކުރުމަށް ނިންމާފަ އެވެ. އެހެންވެ، މާއްދާތަކުގައި ތައާރަޒުވުމެއް ނޫޅޭ ކަމަށް ވެސް ހުކުމްގައި ބުންޏެވެ. އަދި ތިން ނައިބު ރައީސުން ހޮވާ ގޮތަށް ޕީޕީއެމްއިން ނެރެފައިވާ އިއުލާނަކީ ކައުންސިލްގެ އެ ނިންމުމުގެ ކުރިން ނެރެފައިވާ އިއުލާނެއްކަން ވެސް ހުކުމްގައިވެ އެވެ.
މީގެއިތުރުން އަސާސީ ގަވައިދާ ހިލާފަށް ވޯޓުލުން ކޮންގްރެސްގައި ކުރިއަށް ނުގެންދާ ކަމަށް ވެސް ހައިކޯޓުގެ ހުކުމްގައި ވަނީ ކަނޑައަަޅާފަ އެވެ. އިލެކްޝަން ކޮމިޝަނުން ބުނެފައިވާ ގޮތުން އަސާސީ ގަވައިދުގައި ބޫތެއް ބަހައްޓައިގެން ވޯޓުލުން ކުރިއަށް ގެންދަން ޖެހޭނެ ކަމަށް ކަނޑައަޅާފައިވަނިކޮށް ކޮންގްރެސްގައި ވޯޓުލުން ކުރިއަށް ގެންދިޔައީ މަންދޫބުން ކައިރިއަށް ވޯޓު ފޮށި ގެންގޮސްގެންނެވެ.
ހުކުމްގައި ބުނީ އަސާސީ ގަވައިދުގެ އެ މާއްދާގެ ބޭނުމަކީ ވޯޓުލުން ސިއްރުކަން ހިފަހައްޓައިގެން ކުރިއަށް ގެންދިޔުމާއި އޮފިޝަލުން ފެންނަ ގޮތަށް ވޯޓުލުން ކުރިއަށް ގެންދިޔުން ކަމަށެވެ. ވޯޓުލުމުގެ ކުރިން ރިޔާަސަތުން ވޯޯޓުލުން ކުރިއަށް ދާނީ ސިއްރުން ކަމަަށާއި އެއް މެންދޫބެއް އަނެއް މަންދޫބެއް ވޯޓުލާ ގޮތް ނުބެލުމަށް އަންގާފައިވާ ކަމަަށެވެ. އަދި އެގޮތަށް ވޯޓުލުން ކުރިއަށް ގެންގޮސްގެން އެއްވެސް ޝަކުވާއެއް ލިބިފައިނުވާއިރު އެއީ ކޮންގްރެސްގެ އަގުލަބިއްޔަތުން ނިންމާފައިވާ ނިންމުމެއް ކަމަށް ވެސް ހުކުމްގައި ފާހަގަކުރި އެވެ.
އެހެންވެ، ޕީޕީއެމްގެ ކޮންގްރެސް ބާއްވާފައިވަނީ އިޖުރާއަތްތަކާ ހިލާފަށް ކަމަށް ބުނާ ބުނުމުގައި ހަގީގަތެއް ނެތް ކަމަށް ހުކުމްގައި ވަނީ ކަނޑައަޅާފަ އެވެ. އިލެކްޝަން ކޮމިޝަންގެ ނިންމުން ބާތިލްކުރުމަށްފަހު ކޮންގްރެސްގައި މަގާމުތަކަށް އިންތިހާބުކުރި ފަރާތްތަކަށް ކުރިއަށް އޮތް 24 ގަޑިއިރު ތެރޭގައި ދަފުތަރުގައި ހިމެނުމަށް ކޮމިޝަންގެ މައްޗަށް އަމުރުކުރި އެވެ.
މި މައްސަަލަ ބެއްލެވީ ފަނޑިޔާރު މުހައްމަދު ފައިސަލާއި ފަނޑިޔާރު ހަސަން އަލީ އާއި ފަނޑިޔާރު ހުސެއިން ޝަހީދެވެ. ރިޔާސަތުގައި އިންނެވި ފަނޑިޔާރު ފައިސަލާއި ފަނޑިޔާރު ހަސަން އަލީގެ މަސްލަހަތު ފުށު އަރާ ކަމަށް ބުނެ އިލެކްޝަން ކޮމިޝަނުން ބެންޗް ބަދަލުކޮށް ދޭން ވެސް ހައިކޯޓުގައި އެދުނެވެ. ފަނޑިޔާރު ފައިސަލަކީ ކުރިން ރައީސް އަބްދުﷲ ޔާމީންގެ މެންބަރެއްގެ ގޮތުގައި ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީގައި އިންނެވި ބޭފުޅާ އެވެ. ފަނޑިޔާރު ހަސަން އަލީ ފަނޑިޔާރު ކަމުގެ މަގާމަށް ވަޑައިގެންނެވުމުގެ ކުރިން ސަރުކާރުގެ ބައެއް މަގާމުތައް ފުރުއްވާފައިވެ އެވެ. އާސަންދައިގެ އެމްޑީކަން ވެސް ކުރެއްވި އެވެ.