ހަބަރު

ކޮންގްރެސް ބާތިލުކުރި މައްސަލާގައި ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް އީސީއަށް

ރިޔާސީ އިންތިހާބަށްފަހު ޕީޕީއެމްއިން ބޭއްވި ހާއްސަ ކޮންގްރެސް އިލެކްޝަން ކޮމިޝަން، އީސީއިން ބާތިލްކޮށްފައިވާތީ އެ ޕާޓީއިން ހައިކޯޓަށް ހުށަހެޅި މައްސަލާގެ ޝަރީއަތުގެ އަޑުއެހުމުގައި ފަނޑިޔާރުންގެ ގިނަ ސުވާލުތަކެއް އިލެކްޝަން ކޮމިޝަނަށް އަމާޒުކޮށްފި އެވެ.

ޕީޕީއެމްގެ ހިންގުން ސިވިލް ކޯޓުގެ ހުކުމަކުން 2016 ގައި ރައީސް އަބްދުﷲ ޔާމީނާ ހަވާލުކޮށްފައިވެ އެވެ. އަދި އެ ހުކުމްގައި ގައުމީ ޖަލްސާއެއް ރައީސް ޔާމީންގެ ދަށުން ބޭއްވުމަށް އަމުރުކޮށްފައިވެ އެވެ. ނަމަވެސް އެ ޕާޓީއިން ގައުމީ ޖަލްސާއެއް ބޭއްވީ އޭގެ ދެ އަހަރެއްހާ ދުވަސް ފަހުން މިދިޔަ ސެޕްޓެމްބަރު މަހުގެ ތެރޭގަ އެވެ.

އެ ގައުމީ ޖަލްސާގައި ޕީޕީއެމްގެ ރައީސް ކަމަށް ރައީސް ޔާމީން ވަނީ އިންތިހާބުކޮށްފަ އެވެ. އަދި ނައިބު ރައީސުންގެ ގޮތުގައި ވެސް ހަތަރު ބޭފުޅަކު އިންތިހާބުކޮށް ކައުންސިލް ވެސް އަލުން އެކުލަވާލާފައިވެ އެވެ. ނަމަވެސް އެ ޖަލްސާގެ ނިންމުންތައް ބަލައިނުގަންނަ އިލެކްޝަން ކޮމިޝަނުން ވަނީ ނިންމާފަ އެވެ. އިލެކްޝަން ކޮމިޝަންގެ އެ ނިންމުން ބާތިލް ކަމަށް ކަނޑައަޅަން ޕީޕީއެމްއިން ހައިކޯޓަށް ވަނީ މައްސަލަ ހުށަހަޅާފަ އެވެ.

މިއަދުގެ ބޭއްވި އެ މައްސަލާގެ ދެވަނަ އަޑުއެހުމުގައި އިލެކްޝަން ކޮމިޝަނުން ދައުވާއަށް ދީފައިވާ ރައްދަށް ޕީޕީއެމްއިން ވަނީ ޖަވާބުދާރީވެފަ އެވެ.

ޕީޕީއެމްގެ ވަކީލް އަބްދުﷲ ޝިޔާޒު ވިދާޅުވި ގޮތުގައި އިލެކްޝަން ކޮމިޝަނުން ކޮންގްރެސް ބާތިލްކޮށްފައިވަނީ އެ ޕާޓީއަށް ޖަވާބުދާރީވާން ފުރުސަތު ނުދީ، ގާނޫނީ އުސޫލުތަކުގެ ބޭރުންނެވެ. އޭނާ ވިދާޅުވި ގޮތުގައި ކޮންގްރެސްގައި ގޯސްކޮށް ހިނގާފައިވާ އިޖުރާއަތްތަކަކީ ކޮބައި ކަމެއް އިލެކްޝަން ކޮމިޝަނުން އެ ޕާޓީއަށް އަންގާފައިނުވާ ކަމަށެވެ. އެކަން އެންމެ ފުރަތަމަ ވެސް ކޮމިޝަނުން ފާހަގަކުރީ ޝަރީއަތުގެ މަޖިލީހުގައި ކަމަށެވެ.

އިލެކްޝަން ކޮމިޝަނުން ކޮންގްރެސް ބާތިލްކުރި އެންމެ މައިގަނޑު ސަބަބަކީ އެ ކޮންގްރެސްގައި އެހެން ޕާޓީތަކުގެ މެންބަރުން ވޯޓު ލާފައިވުމާއި ކާކުކަން ނޭނގޭ ބަޔަކު ވޯޓުލާފައިވުމެވެ. ޕީޕީއެމްއިން ކޮންގްރެސްގެ މަންދޫބުންގެ ނަންތައް ފޮނުވިއިރު 49 މީހެއްގެ ހަމައެކަނި ނަން ފޮނުވާފައިވެ އެވެ. އެމީހުންގެ އެޑްރެހެއް ޖިންސެއް އުމުރެއް ނެތެވެ. ދެން ބައިވެރިވި 129 މަންދޫބުންގެ މައުލޫމާތުތައް ފޮނުވާފައިވާއިރު އޭގެ ތެރޭގައި އެހެން ޕާޓީތަކުގެ ދަފްތަރުގައި ނަން ހިމެނޭ މީހުން ތިބި ކަމަށް ކޮމިޝަނުން ބުނެފައިވެ އެވެ.

ޝިޔާޒު މިއަދު ވިދާޅުވީ، ހުރިހާ މަންދޫބުންނަކީ ވެސް އެ ޕާޓީގެ މެންބަރުންކަން ކަށަވަރުކުރެވިފައިވާ ކަމަށެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން މެންބަރަކު ޕާޓީއަށް ވަންނަން ފޯމް ހުށަހަޅާ ހިސާބުން އެ މެންބަރަކު ޕާޓީގެ މެންބަރަކަށް ވާނެ ކަމަށާއި އެމީހެއްގެ ނަން ޕާޓީއިން ބަލަހައްޓާ ދަފްތަރުގައި ވެސް އޮންނާނެ ކަމަށެވެ. އިލެކްޝަން ކޮމިޝަންގެ ދަފުތަރު އެކަމުގައި މުހިންމު ނުވާ ކަމަށް އޭނާ ވިދާޅުވި އެވެ. މެންބަރުން ވަކިކުރުމާއި އުނިކުރުމުގެ މެންޑޭޓް އޮންނާނީ އެ ޕާޓީއަކަށް ކަމަށް އޭނާ ފާހަގަކުރެއްވި އެވެ.

ޕީޕީއެމްގެ ވަކީލް ޝިޔާޒު ވިދާޅުވި ގޮތުގައި މަންދޫބުންނަކީ ޕީޕީއެމްގެ މެންބަރުން ނޫން ކަމަށް އިލެކްޝަން ކޮމިޝަނުން ބުނާއިރު އެކަމާ ގުޅިގެން އެއްވެސް ކަމެއް ސާފުކުރަން އިލެކްޝަން ކޮމިޝަނުން މަސައްކަތްކޮށްފައިނުވާ ކަމަށެވެ. އެކަމާ ގުޅިގެން ޕީޕީއެމްއަށް އިލެކްޝަން ކޮމިޝަނުން އެއްވެސް ލިޔުމެއް ނޫނީ ރިކުއެސްޓެއް ވެސް ހުށަހަޅާފައިނުވާ ކަމަށެވެ. އެހެންވެ ޖަވާބުދާރީވުމުގެ ފުރުސަތު ނުދީ މުޅި ކޮންގްރެސް ބާތިލް ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ޝިޔާޒު ވިދާޅުވި އެވެ.

ހާއްސަ ގޮތުން ބާއްވާ ކޮންގްރެސްގައި، އާންމު ގޮތުން ބާއްވާ ކޮންގްރެސްތަކުގައި އަމަލުކުރަންޖެހޭ މުއްދަތު ގުނަން ނުޖެހޭ ގޮތަށް އަސާސީ ގަވައިދަށް ޕީޕީއެމްގެ ކުއްލި ކައުންސިލް ބައްދަލުވުމެއް ބާއްވައިގެން ބަދަލު ގެނެސްފައިވާނެ ކަމަށާއި އަމަލުކުރީ އެގޮތުގެ މަތިން ކަމަށް ޝިޔާޒު ވިދާޅުވި އެވެ. އަދި ކައުންސިލް ބައްދަލުވުމުގެ އެ ނިންމުން ކޮންގްރެސްގައި އެންޑޯޒްކޮށްފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެ ބައްދަލުވުމުގެ ޔައުމިއްޔާ މިއަދު ވަނީ ޝަރީއަތަށް ހުށަހަޅާފަ އެވެ. އިލެކްޝަން ކޮމިޝަނުން ވަނީ އަސާސީ ގަވައިދަށް ކައުންސިލްގެ ބައްދަލުވުމެއް ބާއްވައިގެން ބަދަލު ނުގެނެވޭނެ ކަމަށް ބުނެފަ އެވެ.

ޝިޔާޒުގެ ވާހަކަތަކަށް ރައްދު ދެއްވަމުން އިލެކްޝަން ކޮމިޝަންގެ ވަކީލް އަބްދުﷲ ރިފްއަތު ވިދާޅުވީ ކޮންގްރެސް ބާތިލްކުރި ސަބަބު ހޯދަން ޕީޕީއެމްއިން އެދިފައިނުވާ ކަމަށެވެ. އިސްވެ ކޮމިޝަނުން އެ ސަބަބުތައް ހާމަކޮށް ދޭން ނުޖެހޭ ކަމަށް އޭނާ ވިދާޅުވި އެވެ. ރިފްއަތު ވިދާޅުވި ގޮތުގައި ކޮންގްރެސް ބާތިލްކޮށްފައިވަނީ ޕީޕީއެމްއިން ލިޔެފައިވާ އިޖުރާއަތްތަކާ ހުދު އެ ޕާޓީއިން ހިލާފުވެފައިވާތީ އެވެ.

ކޮންގްރެސްގައި ނިންމާނެ ކަމަށް ބުނި ކަންކަމާއި ނިންމި ކަންކަމާއި އަމަލުކުރާ ގޮތުގައިވާ ކަންކަމާ ވަރަށް ބޮޑަށް ފުށު އަރާ ކަމަށް ރިފްއަތު ވިދާޅުވި އެވެ. އެގޮތުން ކޮންގްރެސްގައި ހަތަރު ނައިބު ރައީސުން ހޮވާފައިވާއިރު އިއުލާންގައި ބުނެފައިވަނީ ތިން ނައިބު ރައީސުންގެ ވާހަކަކަން އޭނާ ފާހަގަކުރެއްވި އެވެ. އަދި އަސާސީ ގަވައިދަށް އިސްލާހު ގެނައިރު އެއް މާއްދާގައި ހަތަރު ނައިބު ރައީސުން ހޮވާ ކަމަށް ލިޔުނުއިރު އަނެއް މާއްދާއެއްގައި ތިން ނައިބު ރައީސުންގެ ވާހަކަ އޮތް ކަމަށް ވިދާޅުވި އެވެ. އޭގެ އިތުރަށް ކައުންސިލް ބައްދަލުވުމުގައި އަސާސީ ގަވައިދުން ދެ މާއްދާއެއް އުނި ކުރި ކަމަށް ބުނާއިރު އެކަން އާންމުކޮށް އިއުލާންކޮށްފައިނުވާ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވި ގޮތުގައި ޕާޓީތަކުގެ ދަފްތަރު ބެލެހެއްޓުމަކީ ގާނޫނުން އިލެކްޝަން ކޮމިޝަންގެ މައްޗަށް ލާޒިމް ކަމަށްވާއިރު ކޮންގްރެސްތަކުގައި ބައިވެރިވާ މަންދޫބުންނަކީ ދަފުތަރުގައި ހިމެނޭ މެންބަރުންނަށްވުން ވަރަށް މުހިންމު ކަމަށެވެ. ނޫނީ އޭގެން ނުބައި ނަތީޖާތަކެއް ނުކުމެދާނެ ކަމަށް ރިފްއަތު ވިދާޅުވި އެވެ.

މައްސަލަ ބައްލަވާ ފަނޑިޔާރުންގެ ބެންޗުން އިލެކްޝަން ކޮމިޝަނަށް ވަނީ ގިނަ ސުވާލުތަކެއް އަމާޒުކުރައްވާފަ އެވެ. އެގޮތުން މަންދޫބުން ނަންތައް ފޮނުވުމަށް ވަކި ފޯމެއްޓެއް އޮވޭތޯ ފަނޑިޔާރު އެއްސެވި އެވެ. ޖަވާބުގައި ރިފްއަތު ވިދާޅުވީ އެފަދަ ވަކި ފޯމެޓެއް ނޯންނަ ކަމަށާއި ނަމަވެސް މަންދޫބުންނަކީ ޕާޓީގެ މެންބަރުންކަން ކަށަވަރުވާނެފަދަ މައުލޫމާތު ފޮނުވުމަކީ ރަނގަޅު ގޮތް ކަމަށެވެ.

އެފަދަ މައްސަލައެއް މީގެކުރިން އެހެން ކޮންގްރެސްއެއްގައި ދިމާވިތޯ ވެސް އެއްސެވި އެވެ. ރިފްއަތު ވިދާޅުވީ އެފަދަ ކަމެއް ހިނގާފައިނުވާ ކަމަށެވެ. މަންދޫބުން ފުރިހަމަ މައުލޫމާތު ނެތުމުން އަލުން މަންދޫބުންގެ މައުލޫމާތުތައް ފޮނުވުމަށް ޕީޕީއެމްގައި އެދުނުތޯ ފަނޑިޔާރު އެއްސެވުމުން ރިފްއަތު ވިދާޅުވީ އެދިފައިނުވާނެ ކަމަށެވެ.

ކޮންގްރެސް ބާތިލްކުރީ ލިބިފައިވާ ލިޔުންތަކަށް ބެލުމަށްފަހު ކޮމިޝަންގެ ފަސް މެންބަރުންގެ އިއްތިފާގުން ކަމަށް ރިފްއަތު ވިދާޅުވި އެވެ. ފަނޑިޔާރު ވަނީ އިތުރަށް ލިޔެކިޔުންތައް ހޯދަން މަސައްކަތް ނުކުރީ ކީއްވެތޯ އައްސަވާފަ އެވެ. ރިފްއަތު ވިދާޅުވީ އިއުލާންތަކެއް މަދުވެ، އެ އިއުލާންތައް ފޮނުވައިދިނުމަށް ޕީޕީއެމްގައި އެދުނު ކަމަށާއި ކޮންގްރެސް ބާތިލްކުރީ އެ އެދުމުގެ މަތިން ޕީޕީއެމްއިން ފޮނުވި ލިޔުންތަކަށް ވެސް ބެލުމަށްފަހު ކަމަށެވެ.

ޕީޕީއެމްއިން ވަނީ ކޮންގްރެސް އޮބްޒާވްކުރި ފަރާތްތަކުން އެއްވެސް މައްސަލައެއް ކޮންގްރެސް ހިނގަމުންދިޔައިރު ފާހަގަކޮށްފައިނުވާ މައްސަލަ ވެސް ނަގާފަ އެވެ. ޕީޕީއެމްގެ ފަރާތުން މިއަދު ޝަރީއަތަށް ވަޑައިގެންނެވި އެ ޕާޓީގެ ކައުންސިލް މެންބަރެއް ކަމަށްވާ މުހައްމަދު ތޮލާލު ވިދާޅުވި ގޮތުގައި އޮބްޒާވަރުން ވަނީ ރިޔާސަތަށް ވޯޓުލެވޭނެތޯ އޮޅުންފިލުވާފަ އެވެ. އެ ނޫން އެހެން އެއްވެސް ސުވާލެއް އޮބްޒާވަރުން ފާހަގަނުކުރާ ކަމަށެވެ. ކޮންގްރެސް ހިނގަމުންދިޔައިރު އޭނާ ދޭތެރެ ދޭތެރެއިން އޮބްޒާވަރުންނާ ސުވާލު ކުރެއްވި ކަމަށާއި މައްސަލައެއް ނެތް ކަމަށް އެ ފަރާތްތަކުން ބުނި ކަމަށް ތޮލާލު ވިދާޅުވި އެވެ.

ރިފްއަތު ވިދާޅުވީ އޮބްޒާވަރުންގެ މަސައްކަތަކީ އެ ތަނުގައި ކަންކަން ހިނގާ ގޮތް ބެލުން ކަމަށެވެ. އޭގެ މައްޗަށް ރިޕޯޓެއް އެކުލަވާލުމުން ގޮތް ނިންމާނީ ކޮމިޝަންގެ ފަސް މެންބަރުން ކަމަށެވެ.

މިއަދުގެ އަޑުއެހުން ނިންމާލައްވަމުން ފަނޑިޔާރުންގެ ބެންޗުގެ ރިޔާސަތު ބަލަހައްޓަވާ ފަނޑިޔާރު މުހައްމަދު ފައިސަލް ވިދާޅުވީ އިތުރު ކަމެއް ސާފުކުރަން ނެތްނަމަ ދެން މައްސަލާގައި އޮންނާނީ ހުކުމް އިއްވުން ކަމަށެވެ. ފަނޑިޔާރުންގެ ބެންޗުގައި ދެން ތިއްބަވަނީ ފަނޑިޔާރު ހުސެއިން ޝަހީދާއި ފަނޑިޔާރު ހަސަން އަލީ އެވެ.