ދުނިޔެ

ޣައްޒާ މައްސަލާގައި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިސްތިއުފާ ދީފި

Nov 15, 2018

ޓެލް އަވީވް (ނޮވެމްބަރު 14) - ޣައްޒާއަށް ދޭ ހަމަލާތައް ހުއްޓާލަން އިޒްރޭލުގެ ކެބިނެޓުން ނިންމުމުން އެކަމާ ހިތްހަމަނުޖެހިވަޑައިގެން އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އަވިގްދޯ ލީބަމަން އިސްތިއުފާ ދެއްވައިފި އެވެ.

އިސްތިއުފާ ދެއްވަމުން، ލީބަމަން ވަނީ ކެބިނެޓުގެ އެ ނިންމުމަކީ ޓެރިރިޒަމަށް ދޫދިނުން ކަމުގައި ސިފަކުރައްވައިފަ އެވެ.

މިދިޔަ ހޯމަ ދުވަހާއި އަންގާރަ ދުވަހު ޣައްޒާއަށް ދިން ހަމަލާތަަކުގައި އަށް މީހުން ވަނީ މަރުވެފަ އެވެ.

އެ ހަމަލާތަކުގައި މަރުވި މީހުންގެ ތެރޭގައި ޣައްްޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތުގެ އިސް ކޮމާންޑަރެއް ވެސް ހިމެނޭކަމަށް އެ ޖަމާއަތުން ވަނީ ބުނެފަ އެވެ.

ނަމަވެސް، ހަމަލާތައް ބަދަލުކުރުން ހުއްޓާލުމަށް ދެ ފަރާތުން ބުދަ ދުވަހު އެއްބަސްވުމާއެކު، އިޒްރޭލުގެ ދެކުނުގައި ހުރި ވިޔަފާރިތަކާއި ސްކޫލްތައް ވަނީ ހުޅުވާފަ އެވެ.

ލީބަމަންގެ އިސްތިއުފާއަކީ ބޮޑު ސިޔާސީ ކާމިޔާބީއެއްގެ ގޮތުގައި ހަމާސް އިން ވަނީ ސިފަކޮށްފަ އެވެ.

ފަލަސްތީނު ރައްޔިތުންގެ ބިން އަނބުރާ ދިނުމަށް ގޮވާލާ ހަމަނުޖެހުން ބޮޑު ޣައްޒާއާ އިޒްރޭލު ގުޅޭ ބޯޑަރުގައި މުޒާހަރާތައް ކުރިއަށް ގެންދާތާ މިހާރު ވަނީ ހަތް މަސް ވެފަ އެވެ.

އިނގިރޭސިން ފަލަސްތީނު ހިފައި، އެ ބިމުގައި ޔަހޫދީން އާބާދުކޮށް އެއަށް ފަހު އެ މީހުންނަށް އެތަނުގައި ދައުލަތެއް ގާއިމު ކޮށްދިނީ މީގެ 70 އަހަރު ކުރިންނެވެ. ފަލަސްތީނުގެ އަސްލު ވަޒަންވެރިން އެމީހުންގެ ގެދޮރުން ނެރެލައި އިޒްރޭލުގެ ދައުލަތް ގާއިމްކުރުމަަށް ފަހު އެކަން ރަސްމީކޮށް އިއުލާނު ކުރީ 1948 ވަަނަ އަހަރުގެ މޭމަހުގެ 14 ވަނަ ދުވަހު އެވެ.

މިއަހަރުގެ މާޗް 30 ގައި ފެށި މުޒާހަރާތަކުގައި މިހާތަނަށް 200 އަށް ވުރެ ގިނަ ފަލަސްތީނު މީހުން ޝަހީދުކޮށްލާފައިވާއިރު 18،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަހަމްވެފަ އެވެ.