މީހުން ހައްޖަންދާން އެޑްވާންސްކޮށް މޯލްޑިވްސް ހައްޖު ކޯޕަރޭޝަނަށް ދައްކާފައި ހުރި ފައިސާގެ ތެރެއިން 20 މިލިއަނެއްހާ ރުފިޔާ ބޭނުންކޮށްފައި ކަމަށާއި އެ ފައިސާ އެ ކުންފުންޏަށް ސަރުކާރުން ދޭން ޖެހިފައިވާ ކަމަށް ޓްރާންސިޝަން ކޮމިޓީއިން ބުނެފި އެވެ.
ސަރުކާރު ބަދަލުވުމުގެ މަރުހަލާގެ ކަަންކަން ކުރަމުން ގެންދާ، ޓްރާންސިޝަން ކޮމިޓީތަކުގެ ތެރެއިން ސަރުކާރުގެ ކުންފުނިތަކުގެ ކަންކަން ބެލި ކޮމިޓީއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސްޓީއޯގެ ކުރީގެ އެމްޑީ، އާދަމް އާޒިމް ވިދާޅުވީ، ހައްޖު ކޯޕަރޭޝަން އުފައްދާފައިވަނީ ރައްޔިތުންނަށް ކަށަވަރުކަމާއެކީ ހައްޖަށް ދެވޭނެމަގު ދައުލަތުން ފަހި ކޮށްދިނުމަށް ކަމަށެވެ. އެކަން އެގޮަތަށް ކޮށްފައިވަނީ، ބައެއް ހައްޖު ގުރޫޕުތަކުން ރައްޔިތުންނަށް އޮޅުވާލައި، ފައިސާ އަތުލަމުން ގެންދާތީ ކަމަށެވެ.
އެހެން ނަމަވެސް އާޒިމް ވިދާޅުވީ، ހައްޖު ކޯޕަރޭޝަންގެ ތެރޭގައި ހިތާމަ ކުރަން ޖެހޭ ވަރުގެ ކޮރަޕްޝަންގެ އަމަލުތަކެއް ހިނގާފައިވާކަމަށް ތުހުމަތު ކުރެވޭކަމަށެވެ. އަދި މިހާރު އެ ކުންފުނީގެ މާލީ ހާލަތު ހުރި ގޮތުން ސަރުކާރުގެ އެހީއަކާ ނުލާ ކުރިއަށް އޮތް ފަސް އަހަރު ދުވަހަށް ހައްޖަށް ދާން ފައިސާ ދައްކާފައި ތިބި މީހުން އެކުންފުންޏަށް ބޭރަށް ފޮނުވޭނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
"މީހުން ހައްޖަށް ދާން ދައްކާފައި ހުރި ފައިސާގެ ތެރެއިން 20 މިލިއަން ރުފިޔާ ވަނީ ކުންފުނީގެ އެކިއެކި ކަންކަމަށް ބޭނުންކޮށްފައި. އެހެން ވާން ދިމާވީ ސިޔާސީ ނުފޫޒުތަކާ ހުރެ މީހުން ކްރިޑިޓަށް ހައްޖަށް ފޮނުވުމާ މިކަހަލަ ކަންކަން އައިސްގެން. މި ފައިސާއަކީ ގާތްގަނޑަކަށް 300 އެއްހާ މީހަކު ކުރިއަށް މި އޮތް ފަސް އަހަރު ތެރޭގައި ހައްޖަށް ދެވާހާ ފައިސާ. އެ ފައިސާ ދެން އެ ކުންފުންޏަށް ނުލައެއް ހަމަގައިމުވެސް އެއްބައި މީހުން ހައްޖަށް ނުފޮނުވޭނެ،" އާދަމް އާޒިމް ވިދާޅުވި އެވެ.
އިލްޔާސް ލަބީބު ވިދާޅުވީ، ދިގު މުއްދަތަކަށް ފައިސާ ދައްކަައިގެން ހައްޖަށް ދިއުމަށްޓަކައި ރައްޔިތުން ދައްކާފައިވާ 20 މިލިއަނެއްހާ ރުފިޔާ އެކުންފުނިން ހަރަދުކޮށްފައިވާތީ ފައިސާ ދެއްކި ހުރިހާ ފަރާތްތަކަށް ވެސް ހައްޖަށް ދެވޭނެ މަގު ހޯދޭނެ ހައްލުތަކެއް އިބޫގެ ސަރުކާރުން ހޯދައިދޭނެ ކަމަށެވެ.
އޭނާ ވިދާޅުވީ އެކުންުފުނި އިތުރަށް ދެން ހިންގޭނީ ސަރުކާރުން އެކުންފުންޏަށް އެހީވެގެން ނުވަތަ. ކުންފުންޏަށް ފައިސާ ލިބޭނެ ފަދަ އިތުރު ގޮތެއް ހޯދައިގެން ކަމަށެވެ. ކުންފުނީގެ ހިއްސާ ވިއްކުން ނޫނީ އިތުރު އިންވެސްޓްމަންޓްތަކަކަށް އެ ކުންފުނި ކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.