ރިޕޯޓް

ދިފާއީ ވަޒީރަކަށް ސިފައިންގެ ތަޖުރިބާ މުހިންމު ތަ؟

މިދިޔަ ފެބްރުއަރީ މަހު، ރާއްޖޭގައި އަބަދުވެސް ހަލަބޮލިކޮށް އޮންނަ ސިޔާސީ މަސްރަހު އުތުރު އެރި މަންޒަރު ފެނިގެންދިޔަ އެވެ. ޖަލުގައި ތިބި ސިޔާސީ ލީޑަރުން މިނިވަންކުރަން ސުޕްރީމް ކޯޓުން ނެރުނު އަމުރު އަނބުރާނުލެވުމާއެކު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރެއްވި އެވެ.

އެ ނިންމެވުމާއެކު ސަރުކާރަށް ކުރިމަތިވި ޕްރެޝަރުތައް އެތައް ގުނައެއް އިތުރުވެގެން ދިޔަ އެވެ. އެންމެ މަތީ ކޯޓުގެ އަމުރެއް ތަންފީޒުކުރުމަށް ސަލާމަތީ ބާރުތަކަށް ފާޅުގައި ގޮވަމުން ދިޔަ އަޑުތައް މުޅި ގައުމުގައި ގުގުމައިގެން ދިޔަ އެވެ.

އެ ހުރިހާ ގޮންޖެހުންތަކާއި، ޕްރެޝަރުތަކާއެކު ނެގި ބިޔަ ރާޅުތަކާއި ކުރިމަތިލައްވައި، ހާއްސަކޮށް ސިފައިންގެ އެއްބާރުލުން ސަރުކާރަށް ދެމެހެއްޓުމުގައި އެންމެ އިސްކޮށް ހުންނެވީ އާދަމް ޝަރީފް އުމަރެވެ. ތައުލީމީ ދާއިރާގެ ބޭފުޅެކެވެ. ޓީޗަރެކެވެ.

އެމަނިކުފާނު އިސްވެ ހުންނަވައިގެން ރައީސް ޔާމީންގެ ސަރުކާރު ދެމެހެއްޓެވި އެވެ. މަލްޓި ޕާޓީ ޑިމޮކްރަސީއެއް ރާއްޖެއަށް ތައާރަފްވި ފަހުން، އެންމެ ފުރަތަމަ ފަހަރަށް ފަސް އަހަރުގެ ދައުރެއް އަދާކުރެއްވި ރައީސަށް، ރައީސް ޔާމީން ހައްދަވައި ދެއްވުމުގައި ޓީޗަރެއްގެ ޕްރޮފެޝަންއިން ޑިފެންސް މިނިސްޓަރު ކަމަށް ފައްކާވި އާދަމް ޝަރީފް މުހިންމު ރޯލެއް ކުޅުއްވި އެވެ. ސިފައިންގެ ސަފުތައް ބަދަހި ކަމާ އެކު ހިފެހެއްޓުމުގައި މިއަދާ ހަމަޔަށް ވެސް އެ ހުންނެވީ އެމަނިކުފާނެވެ.

އެންމެ ފުރަތަމަ އަންހެން ޑިފެންސް މިނިސްޓަރު؟

އަންނަ ހޮނިހިރު ދުވަހު އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރައީސް ކަމުގެ ހުވާކުރައްވާއިރު، އެމަނިކުފާނުގެ ކެބިނެޓުގެ "ސައިޒް" މިހާރު ކަށަވަރުވެފައިވާއިރު، ފުޅާ ކޯލިޝަންގެ ތެރެއިން ކެބިނެޓަށް ވަޑައިގަންނަވާނީ ކޮން ބޭފުޅުންނެއްތޯ އެއީ މިހާރު މުޅި ގައުމުގައި އެންމެ ހޫނުކޮށް ކުރެވޭ އެއް ބަހުސެވެ.

މީގެ ތެރެއިން ފެންމަތިވެފައިވާ އެއް މަގާމަކީ ޑިފެންސް މިނިސްޓަރުގެ މަގާމެވެ. އެ މަގާމަށް އިންތިހާބީ ރައީސްގެ ތަރުޖަމާނު އަދި މައްޗަންގޮޅި އުތުރު ދާއިރާގެ މެމްބަރު މާރިޔާ އަހުމަދު ދީދީ އައްޔަންކުރަން އުޅޭ ކަމުގެ ވާހަކަތައް ދުވަހުން ދުވަހަށް ދަނީ ގަދަވަމުންނެވެ.

ނަމަވެސް، އެ މަގާމަށް މާރިޔާގެ ގާބިލުކަމާމެދު އެއް ބަޔަކު ދަނީ ސުވާލު އުފައްދަމުންނެވެ. އަންހެން ބޭފުޅަކަށް ވީމަ އެކަންޏެއް ނޫނެވެ. ޑިފެންސް މިނިސްޓަރަށް އެންމެ އެކަށީގެންވަނީ ސިފައިންގެ ތަޖުރިބާހުރި ގަދަރުވެރި އެމްއެންޑީއެފްގައި ގައުމަށް ހިދުމަތްކޮށްދީފައިވާ ބޭފުޅެއް ކަމަށް، އެއީ މާރިޔާ އާ ދެކޮޅަށް ވާހަކަ ދައްކާ މީހުންގެ ހިޔާލުހުރި ގޮތެވެ.

އެފަދަ ވިސްނުމެއްގައި ރާއްޖޭގެ ތާރީހުގެ ގަނޑުތައް އުކާލުމުން، އެއީ ޑިފެންސް މިނިސްޓަރުގެ ގާބިލުކަން އިތުރުވެ އެ މަގާމުގެ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމަ ގޮތުގައި އަދާކުރެވޭނެ "ޝަރުތެއް" ކަމުގައި ބެލެވޭނެ އެއްވެސް އަސާސެއް ނުފެނެ އެވެ.

ސިފައިންގެ ތަޖުރިބާ ހުރި ޑިފެންސް މިނިސްޓަރުންވީ ފެއިލް

ރާއްޖޭގެ ޑިފެންސް މިނިސްޓަރުގެ މަގާމު ފަހުގެ ތާރީހެއްގައި ފުރުއްވި ސިފައިންގެ ތަޖުރިބާ ލިބިފައިވާ ބޭފުޅުންނަށް އެ މަގާމުގެ ތަޖުރިބާ "ހިތި" ކަން ތާރީހު ހެކިދެ އެވެ.

ރައީސް މުހައްމަދު ނަޝީދު 2008 ވަނަ ވެރިކަމަށް ވަޑައިގެންނެވުމަށްފަހު، ސިފައިންގޭގެ ޒިންމާ ހަވާލުކުރެއްވީ އަމީން ފައިސަލްއާ އެވެ. ނަމަވެސް، އޭގެ ދެ އަހަރު ފަހުން އެ މަގާމަށް ތޮލްހަތު އިބްރާހިމް ކަލޭފާނު ނަޝީދު އައްޔަނުކުރެއްވި އެވެ.

ނަޝީދުގެ ވެރިކަން 2012 ވަނަ އަހަރު ވެއްޓުމުގައި ތޮލްހަތުގެ އިހުމާލު ބޮޑުކަމަށް ގިނަ ބަޔަކު ގަބޫލުކުރެ އެވެ. އެމަނިކުފާނަށް ސިފައިންގެ ތާއިދު ގެއްލި، ނަޝީދު އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވި ހާލަތަށް ކަންކަން ދިޔައިރު، ނަޝީދު އަރިހުގައި ޑިފެންސް މިނިސްޓަރު، ތޮލްހަތު ހުންނެވީ ގޮތް ހުސްވެފަ އެވެ. ސިފައިންގެ ސަފުތައް ބަދަހިކުރަން ތޮލްހަތަށް އޮތީ މަސައްކަތް ނުކުރެވި އެވެ.

ދެން 2013 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް އިންތިހާބުވުމާ ގުޅިގެން، ރައީސް މުހައްމަދު ވަހީދު ހަސަން މަނިކުގެ ޑިފެންސް މިނިސްޓަރު ކާނަލް މުހައްމަދު ނާޒިމް އެ މަގާމުގައި ބެހެއްޓެވި އެވެ. ނަމަވެސް، ބޮޑެތި ތުހުމަތުތަކާއެކު ގާތްގަނޑަކަށް ދެ އަހަރު ފަހުން ނާޒިމް އެ މަގާމުން ދުރުކުރެއްވި އެވެ. އޭނާގެ މައްޗަށް ކުރެވުނީ ހަތިޔާރު ގެންގުޅުނު ކަމުގެ ތުހުމަތެވެ.

އެއާއެކު ދެން އެމަގާމަށް އައްޔަނުކުރެއްވީ 1988 ގެ އުދުވާނީ ހަމާލާގައި ރާއްޖެ ދިފާއުކުރުމުގައި އިސްދައުރެއް އަދާކުރެއްވި، ގައުމީ ބަތަލެއްގެ ދަރަޖަ ލިބިފައިވާ މޫސާ އަލީ ޖަލީލެވެ. އެހެނަސް، ސިފައިންގެ ގަދަރާއި އިއްޒަތް ލިބިފައިވާ މޫސާ ޖަލީލަށް މަގާމުގައި ހުންނެވުނީ އެންމެ އަށް މަސް ދުވަހެވެ. ރައީސް ޔާމީން އަވަހަރާކޮށްލަން ލޯންޗުކޮޅުގައި އެއްޗެއް ގޮވުލުމުގެ ހާދިސާގެ ތުހުމަތެއް އޭނާގެ މައްޗަށް ވެސް ކުރީ އެވެ. ސިފައިންގެ ތެރެއިން އޭރުގެ ނައިބު ރައީސް ހިންގެވި ކަންކަން ހުއްޓުވަން މޫސާ އަލީ ޖަލީލު ނުކުޅެދުނީ ކަމަށް ރައީސް ޔާމީން ގަބޫލުފުޅުކުރެއްވީ އެވެ.

ސިފައިންގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ޑިފެންސް މިނިސްޓަރުންގެ ތެރެއިން، މޫސާ ޖަލީލް ފިޔަވާ ބާކީ ތިއްބެވި ތިން ބޭފުޅުންނަށް ޓެރަރިޒަމްގެ ދައުވާތަކާއި ކުރިމަތިލައްވަންޖެހި ވަޑައިގެންނެވިކަމީވެސް ފެންނަން އޮތް ހަގީގަތެކެވެ. އޭގެ ތެރެއިން ދެ ބޭފުޅަކު ޖަލުގެ ތޭރިތަކުގެ ފަހަތުގައި އެތަކެއް ދުވަހެއް ހޭދަކުރައްވަން ވެސް ޖެހިވަޑައިގެންނެވި އެވެ.

ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދިގު ދައުރަށް ބަލާއިރު ހިކުމަތްތެރިކަމާއެކީ ދިގު މުއްދަތަކަށް ކެބިނެޓުގެ އެންމެ މުހިންމު އެއް މަގާމު ކަމުގައިވާ ޑިފެންސް މިނިސްޓަރުގެ މަގާމު ފުރުއްވި އިލްޔާސް އިބްރާހިމާއި އިސްމާއިލް ޝަފީއުއަކީ ވެސް ސިފައިންގެ ބަހުރުވައިންނަމަ ހަމަ "ސިވިލިއަންސް" އެވެ.

ފަހަރުގައި، ޑިފެންސް މިނިސްޓަރުގެ މަގާމަކީ ސިޔާސީ މަގާމެއް ކަމަށްވުމަކީ ކުރީގެ ސިފައިންގެ އޮފިސަރުންނަށް އެ މަގާމު އެންމެ އެދެވޭ ގޮތުގައި އަދާނުކުރެއްވުނު ސަބަބުކަމަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.

ކޮންމެއަކަސް، ހޮނިހިރު ދުވަހު އިބޫ ރައީސްކަމުގެ ހުވާ ކުރެއްވުމާއެކު، އެ މަނިކުފާނުވެސް ޑިފެންސް މިނިސްޓަރަކު އައްޔަނުކުރައްވަން ޖެހިވަޑައިގަންނަވާނެ އެވެ. އެ ނިންމެވުމުގައި، އެ ބޭފުޅެއްގެ ޖިންސާއި ޕްރޮފެޝަންއަށް ބެއްލެވުމުގެ ބަދަލުގައި، ތާރީހުގައި ފެންނަންހުރި ހަގީގަތްތަކުން ފިލާވަޅު ލިބިވަޑައިގަތުން ވަރަށް ވެސް މުހިންމެވެ.