އެއްކޮށް ފައިސާ ދައްކާފައިވާ ހުރިހާ ފަރާތްތަކަށް ވެސް ހައްޖަށް ދެވޭ ވަރަށް ކުންފުނީގައި ފައިސާ އެބަހުރި ކަމަށާއި ހައްޖަށް ދިޔުމަށް މީހުން އެ ކުންފުންޏަށް ދައްކާ ފައިސާ ބަހައްޓާފައި ހުންނަނީ އިތުރު ހަރަދެއް ނުކޮށް ވަކި ބޭންކް އެކައުންޓެއްގައި ރައްކާތެރި ކަމާ އެކު ކަމަށް ހައްޖު ކޯޕަރޭޝަނުން މިއަދު ބުނެފި އެވެ.
އިންތިހާބީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ އިންތިގާލީ ކޮމިޓީއިން މިއަދު ބޭއްވި ނޫސްކޮންފަރެންސްގައި ހާމަކުރި ގޮތުގައި، ހައްޖަށް ދިޔުމަށްޓަކައި އާންމު ރައްޔިތުން ހައްޖު ކޯޕަރޭޝަނަށް ދައްކާފައިވާ ފައިސާގެ ތެރެއިން 20 މިލިއަން ރުފިޔާ ވަނީ އެހެން ކަންކަމަށް އެ ކުންފުނިން ބޭނުންކޮށްފަ އެވެ. އޭގެ ނަތީޖާއެއްގެ ގޮތުން، ސަރުކާރުން އިތުރަށް ފައިސާ ނުދީ 300 އެއްހާ މީހުންނަށް ހައްޖަށް ނުދެވުމުގެ ފުރުސަތު އޮތް ކަމަށް އެ ކޮމިޓީއިން މިއަދު ވަނީ ބުނެފަ އެވެ.
އެ ވާހަކަތައް ދޮގުކޮށް އެ ކުންފުނިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށްދިއުމަށް ފައިސާ ދެއްކި އެއްވެސް މީހެއްގެ ފައިސާ ހައްޖުގެ ކަންތައްތަކަށް ނޫން ގޮތަކަށް ބޭނުންނުކުރާނެ ކަމުގެ ޔަގީންކަން ދޭ ކަމަށެވެ. ކޯޕަރޭޝަނަށް ފައިސާ ނުދައްކާ ބަޔަކަށް، ކޯޕަރޭޝަނުން ހަވާލުވެގެން ހައްޖަށް ގެންގޮސްފައިވާނީ މަލީޝާ ޖަމާއަތުގެ ހަވާލުގައި ހައްޖަށް ދިއުމަށް ފައިސާ ދެއްކި ނަމަވެސް ހައްޖަށް ނުދެވުނު މީހުންނާއި ސަރުކާރުގެ ދެ ކުންފުންޏެއްގެ ބަޔަކު ހައްޖަށް ގެންދަން ހަރަދުވި ފައިސާ ކަމަށް ވެސް ބަޔާނުގައިވެ އެވެ.
ބަޔާނުގައިވާ ގޮތުގައި ހައްޖަށް ދާން ދައްކަން ޖެހޭ ހުރިހާ ފައިސާއެއް ދައްކާފައިވަނީ 1817 މީހުން އެވެ.
"މިކޯޕަރޭޝަންގެ މުވައްޒަފުންގެ މުސާރައާއި އެހެނިހެން ރިކަރަންޓް ހަރަދުތައް ކުރެވެމުން ދަނީ ހައްޖަށް ދިޔުމަށްޓަކައި ރައްޔިތުން ދައްކާ ފައިސާއަކުން ނޫންކަން ކަށަވަރުކޮށްދެމެވެ. ހައްޖަށް ދިޔުމަށްޓަކައި ރައްޔިތުން ދައްކާ ފައިސާ ރައްކާކުރެވެމުން ދަނީ މިކަމަށް ހާއްސަ ވަކި ބޭންކް އެކައުންޓެއްގަ އެވެ. އެފައިސާއިން ހައްޖަށް މީހުން
ފޮނުވުމަށް ހިނގާ ސީދާ ހަރަދުތައް ފިޔަވާ އެހެން އެއްވެސް ހަރަދެއްކުރެވެމުން ނުދާކަން ޔަގީންކޮށްދެމެވެ،" ބަޔާނުގައިވެ އެވެ. "މިކުންފުންޏަށް ހައްޖަށްދާން ދައްކަން ޖެހޭ ފައިސާގެ މުޅި އަދަދު ދައްކައިފައިވަނީ 1817 މީހުންނެވެ. އެ އެންމެން ހައްޖަށް ގެންދެވޭހާ ފައިސާ މި ކުންފުނީގައި އެބަހުއްޓެވެ،"
މީހުން ދައްކާ ފައިސާ ހައްޖަށް މީހުން ފޮނުވުމަށް ހިނގާ ސީދާ ހަރަދުތައް ފިޔަވާ އެހެން ކަމަކަށް ހޭދަނުުރާކަން ތަކުރާރުކޮށް ފާހަގަ ކުރަމުން ހައްޖު ކޯޕަރޭޝަނުން ބުނީ، ވޭތުވެދިޔަ ފަސްއަހަރު ތެރޭގައި ހައްޖުގެ ހަރަދުތައް ބޮޑުވަމުން ގޮސްފައިވީ ނަމަވެސް ކުންފުނިން ހައްޖަށް މީހުން ގެންގޮސްފައިވަނީ އެއްއަގެއްގައި ކަމަށެވެ. އެ އަގަކީ ކަމަށް ހިނގާ ހަރަދުތައް ދެކޮޅުޖެހޭ އަގެއް ނޫން ކަމަށާއި އެކަން ސަރުކާރާ ހިއްސާ ކުރަމުން އަންނަ ކަމަށެވެ.
މީގެ އިތުރުން އެ ކުންފުނިން ބުނީ، ހައްޖު ކޯޕަރޭޝަން ގެންދަނީ، ގަވާއިދުން އޮޑިޓް އޮފީސް މެދުވެރިކޮށް މިނިވަން އޮޑިޓް ފާމެއް މެދުވެރިކޮށް އޮޑިޓް ކުރަމުން ކަމަށެވެ. އަދި މިއަދާ ހަމައަށްވެސް ކޮރަޕްޝަންގެ އެއްވެސް މައްސަލައެއް ދިމާވެފައިނުވާކަން އެ ކުންފުނިން ފާހަގަ ކުރެ އެވެ.