ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޗުއްޓީ ހޭދަ ކުރައްވާ، އާރަށުގައި ހެދި "ގެކޮޅު"އަކީ ސީއެސްއާރުގެ ދަށުން ކޮށްފައިވާ މަސައްކަތަކެއް ކަމަށް ޑިފެންސް މިނިސްޓަރު އާދަމް ޝަރީފް އުމަރު މިއަދު ވިދާޅުވެއްޖެ އެވެ.
އެ ގެކޮޅުގެ ފޮޓޯތަކެއް މީގެކުރިން ސޯޝަލް މީޑިއާގައި އާންމުކުރި އެވެ. އޭގެ ކުރިން އެއްވެސް ރަސްމީ ފަރާތަކުން އެ ގެކޮޅުގެ ވާހަކަ ނުދައްކަ އެވެ. ފޮޓޯތައް އާންމުވުމުން ރައީސްގެ ތަރުޖަމާނު އިބްރާހިމް މުއާޒު ވަނީ އެއީ ސިފައިންގެ ތަނެއް ކަމަށް ވިދާޅުވެފަ އެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ އެގެކޮޅު އިމާރާތްކުރީ ރައީސް އޮފީހުން އެދިގެން ސިފައިން ކަމަށެވެ. އާރަށުގައި ހަދާ އިމާރަތްތަކަކީ އޭރަކު އެ ހުންނަވާ ވެރިޔަކު ބޭނުން ކުރެވޭ ގޮތަށް ހަދާ އިމާރާތްތަކެއް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް އޮފީހާއި ސިފައިން ގުޅިގެން އެގެކޮޅު މަސައްކަތް ކުރިއިރު އެކަމަށް ހަރަދުކުރީ ސީއެސްއާރްގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެކަމަށް ދިޔަ ހަރަދު ޖެހޭނީ ސިފައިން މެދުވެރިކޮށް ސާފުކުރަން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ރައީސް ޔާމީން ހަފުތާ ބަންދާއި ޗުއްޓީ ދުވަސްތައް ހޭދަ ކުރައްވަނީ އާ ރަށުގަ އެވެ. އަދި ބައެއް މުނާސަބަތުތައް ވެސް އާ ރަށުގައި ރައްޓެހިންނާއި ސަރުކާރުގެ އިސް ބޭފުޅުންނާއެކު ފާހަގަ ކުރައްވަ އެވެ. ސަރުކާރުގެ ބައެއް މުހިންމު ނިންމުންތައް ވެސް އާރަށުގައި ނިންމާ ކަމަށްވެ އެވެ.
ސަރުކާރުގެ މިނިސްޓަރުންނާއި މަޖިލިސް މެންބަރުން އާންމުކޮށް ރައީސް ޔާމީންއާއެކު އާރަށަށް ވަޑައިގަންނަވަ އެވެ.
ރައީސް ޔާމީން މިހާރު އާއިލާއެކު ދިރިއުޅުއްވަނީ ހިލާލީގޭގަ އެވެ. މީގެކުރިން އަމިއްލަފުޅު ގެކޮޅު، ދޫވެހީގައި ދިރިއުޅުއްވި ނަމަވެސް އެ ގެކޮޅު ރައީސް ޔާމީން ވަނީ ދޫކޮށްލައްވާފަ އެވެ. އާޓިފިޝަލް ބީޗް ކުރިމަތިން ރައީސް ޔާމީން ބައްލަވައިގަތް ބިމެއްގައި ބުރިބުރިއަށް ގެކޮޅެއް އިމާރާތް ކުރުމުގެ މަސައްކަތް ވެސް ބާރު ސްޕީޑްގައި ދަނީ ކުރަމުންނެވެ.