ޕީއެންސީގެ ރިޔާސީ ޓިކެޓް މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒުއަށް ދިނުމަށް ނިންމައިފި އެވެ.
ޕީއެންސީގެ ރިޔާސީ ޓިކެޓް ޑރ. މުއިއްޒުއަށް ދޭން ނިންމީ ޕާޓީގެ މަޝްވަރާ މަޖިލީހުގައި މިއަދު ނެގި ވޯޓުގަ އެވެ.
މުއިއްޒުއަށް ޕީއެންސީގެ ރިޔާސީ ޓިކެޓް ދޭން މަޝްވަރާ މަޖިލީހުން އިންތިހާބުކުރީ އެ މަޖިލީހުގެ 48 މެންބަރުންގެ ތެރެއިން 25 މެންބަރުންގެ ވޯޓުންނެވެ. ޕީއެންސީގެ ރިޔާސީ ޓިކެޓަށް ދެން ކުރިމަތިލެއްވި މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފަށް ލިބިވަޑައިގަތީ 23 ވޯޓެވެ.
ޕީއެންސީގެ މަޝްވަރާ މަޖިލީހުގެ ވޯޓަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވާ މުއިއްޒު ވިދާޅުވީ އުންމީދަކީ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީނަށް ވާދަކުރެއްވުމަށް ފުރުސަތު ލިބުން ކަމަށެވެ.
މުއިއްޒު ވިދާޅުވި ގޮތުގައި ޕީއެންސީން ރިޔާސީ އިންތިހާބަށް ތައްޔާރުވަނީ ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތެއް ދިމާވެދާނެތީ އެކަމަށް ތައްޔާރުވުމުގެ ގޮތުންނެވެ.
"ރައީސް ޔާމީނަށް މިސަރުކާރުން ފުރުސަތު ނުދޭ ހާލަތެއް އައިސްފިނަމަ ދެން އޮންނާނެ އޮޕްޝަނެއް ވަގުތީ ގޮތުން ހަމަޖައްސާފައި ބޭއްވުމުގެ ގޮތުން ބޭއްވުނު އިންތިހާބެއް،" މުއިއްޒު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ކުރިމަތިލުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރުސަތު މިމަހުގެ ހަތްވަނަ ދުވަހަށް ހަމަވާއިރު މުއިއްޒު ވިދާޅުވީ އުންމީދަކީ އެމަނިކުފާނުގެ ބަދަލުގައި ރައީސް ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ލިބުން ކަމަށެވެ.
"(ޔާމީނަށް) އެ ފުރުސަތު ނުލިބޭނަމަ (ރިޔާސީ އިންތިހާބަށް) ފޯމުލުމަށްވާންޖެހޭ ތައްޔާރީތައް ވާންވެގެން މި އިންތިހާބުވެސް ބޭއްވީ،" މުއިއްޒު ވިދާޅުވި އެވެ.
ރައީސް ޔާމީނަށް ވާދަނުކުރެވޭ ހާލަތުގައި ޕީއެންސީން ވާދަކުރުމަށް ތައްޔާރީ ހާލަތުގައި ތިބުމަށް ކުރަންޖެހޭ ކަންކަން ކުރަމުންދާނެ ކަމަށާއި އެގޮތުން ކުށުގެ ރެކޯޑް ސާފުކުރުމާއި ރަނިން މޭޓް ކަނޑައެޅުން ކުރިއަށްދާނެ ކަމަށް މުއިއްޒު ވިދާޅުވި އެވެ.