ދިރާގުން ފޯރުކޮށްދޭ ޑިޖިޓަލް ހިދުމަތްތައް ފުޅާކޮށް ތަރައްގީކުރުމުގެ ގޮތުން ދިރާގުގެ ހައިސްޕީޑް ފައިބަގެ ހިދުމަތާއި ރާއްޖޭގައި އެންމެ ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ އައިޕީޓީވީގެ ހިދުމަތް ކަމުގައިވާ ދިރާގު ޓީވީގެ ހިދުމަތް ގދ. ގައްދޫގައި މިއަދު ރަސްމީކޮށް އިފްތިތާހްކޮށްފި އެވެ.
ދިރާގު ފައިބަ ގެ ހިދުމަތް މުޅި ރާއްޖޭއަށް ފުޅާ ކުރުމަށް ކުރަމުންދާ މަސައްކަތުގައި 2016 ވަނަ އަހަރުން ފެށިގެން ފައިބަ ޓު ދަ ހޯމް ގެ ހިދުމަތް މާލެ، ވިލިމާލެ އަދި ހުޅުމާލެގެ އިތުރުން 40 އެހެން ރަށަކަށް ވަނީ ފޯރުކޮށްދީ ނިމިފަ އެވެ.
ފައިބަ ބްރޯޑްބޭންޑަކީ ބްރޯޑްބޭންޑް ހިދުމަތް ފޯރުކޮށްދިނުމަށް ބޭނުންކުރެވޭ އެންމެ ފަހުގެ ޓެކްނޮލޮޖީ އެވެ. ދިރާގު ފައިބަ ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ހަލުވި ސްޕީޑު، 100 އެމްބީޕީއެސް އަދި އެންމެ ބޮޑު އެލަވަންސް ކަމުގައިވާ އެއް ޓީބީގެ ޕެކޭޖް އެކުލެވިގެންވާ ހިދުމަތެވެ. މިހާރު ގދ. ގައްދޫގެ ގޭބިސީތަކާއި ވިޔަފާރިތަކަށް މި ހިދުމަތް ފުރިހަމަޔަށް ލިބެމުންދާނެއެވެ.
ދިރާގުން ވަނީ މިދިޔަ ހަފުތާގެ ބުދަ ދުވަހު ފިކްސްޑް ބްރޯޑްބޭންޑް ޕްރޮމޯޝަނެއް ވެސް ފަށާފައިއެވެ. މި ޕްރޮމޯޝަނުގައި ގެ އަށް ފައިބަ ކަނެކްޝަން މުޅިން ހިލޭ ގުޅައިދިނުމުގެ އިތުރުން ތިން މަސް ދުވަސް ވަންދެން ނަންގަވާ ކޮންމެ ފައިބަ ބްރޯޑްބޭންޑް ކަނެކްޝަނަކަށް މަހުފީގެ ގޮތުގައި ދައްކާ އަދަދުން 25 ޕަސެންޓް ޑިސްކައުންޓެއް ލިބޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާނީ މި ހިނގާ ނޮވެމްބަރު މަހުގެ ނިޔަލަށެވެ.
ދިރާގުން އަބަދުވެސް ބަލަނީ ކަސްޓަމަރުންނަށް ދެވޭނެ ލުއިފަސޭހަ ގޮތްތައް ހޯދައިދިނުމެވެ. މިގޮތުން އިނޮވޭޝަނާއި އެންމެ ފަހުގެ ޓެކްނޮލޮޖީ ބޭނުންކޮށްގެން ކަސްޓަމަރުންގެ ތަޖްރިބާ ރަނގަޅުކުރުމަށް އަބަދުވެސް މަސައްކަތް ދިރާގުން ކުރިއަށް ގެންދާނެއެވެ.