ދުނިޔެ

މަރުގެ ހުކުމުން ސަލާމަތް ނުވެ، މުރްސީ އަށް އުމުރުދުވަހުގެ ޖަލު ހުކުމެއް ވެސް

މިސްރުގެ ކުރީގެ ރައީސް މުހައްމަދު މުރްސީގެ މައްޗަށް އިއްވާފައިވާ މަރުގެ ހުކުމް އިސްތިއުނާފީ ކޯޓަކުން އިއްޔެ ދަމަހައްޓައިފި އެވެ. އަދި ޖާސޫސްކޮށް ދިނުމުގެ ކުށް މުރްސީގެ މައްޗަށް ސާބިތުވެ، އޭނާ އުމުރަށް ޖަލަށްލާން ވެސް އިއްޔެ ވަނީ ނިންމާފަ އެވެ.

މުރްސީގެ މައްޗަށް މަރުގެ ހުކުމް އިއްވީ މިދިޔަ މަހު އެވެ. އެއީ ހުސްނީ މުބާރަކް ވެރިކަމުގައި ހުންނެވިއިރު އޭނާއާ ދެކޮޅަށް ހިންގި ހަމަނުޖެހުންތަކުގައި ޖަލުތައް ފަޅާލުމަށް ފަހު ބަންދުކޮށްފައި ތިބި އެތައް ބަޔަކާ އެކު މުރްސީ ފިއްލެވި މައްސަލައިގަ އެވެ.

މީގެ އިތުރުން، މުރްސީގެ ވެރިކަމާ ދެކޮޅަށް ނުކުތް އެތައް ބަޔަކު ހައްޔަރުކޮށް، އަނިޔާކުރަން އަމުރުކުރި ކަމަށް ބުނެ އޭނާ 20 އަހަރަށް ޖަލަށްލާން ވެސް މިދިޔަ މަހު ކޯޓުން ހުކުމްކޮށްފައިވެ އެވެ. އަދި އިއްޔެ ވަނީ ޖާސޫސްކޮށް ދިނުމުގެ ކުށް ސާބިތުވާ ކަމަށް ކަނޑައަޅައި އޭނާ އުމުރަށް ޖަލަށްލާން ވެސް ހުކުމްކޮށްފަ އެވެ.

ކޯޓުން އިއްޔެ ކުރި ހުކުމުގައި ބުނި ގޮތުގައި ފަލަސްތީނުގެ ގާޒާ ކޮންޓްރޯލްކުރާ ހަމާސް ޖަމާއަތާއި ލުބުނާންގެ ހިޒްބުﷲ ޖަމާއަތަށާއި އީރާނަށް މުރްސީ ޖާސޫސްކޮށް ދިންކަން ސާބިތުވާ ވަރަށް ހެކި އެބަހުއްޓެވެ. އަދި 2005 އިން 2013އާ ދެމެދު ސިއްރު ލިއެކިއުންތަކެއް ގައުމުން ބޭރުކުރިކަން ސާބިތުވާތީ، މުރްސީ ނިސްބަތްވާ މުސްލިމް ބްރަދަހުޑް ޖަމާއަތުގެ އިތުރު 16 މީހަކު މެރުމަށް ވެސް އެ ކޯޓުން ވަނީ އިއްޔެ ހުކުމްކޮށްފަ އެވެ.

މުރްސީ ވެރިކަމުން ދުރުކުރި ފަހުން މިއަދާ ހަމައަށް ވެސް އޭނާ ހުންނަވަނީ އަސްކަރީ ޖަލެއްގައި ބަންދުކޮށްފަ އެވެ. އޭނާ ވެރިކަމުން ދުރުކުރުމުގެ އިތުރުން އޭނާ ނިސްބަތްވާ މުސްލިމް ބްރަދަހުޑްގެ ހަރަކާތްތައް ވެސް މިސްރުގައި ގާނޫނީ ގޮތުން ވަނީ މަނާކޮށްފަ އެވެ.

މުރްސީ ވެރިކަމުން ދުރު ކުރުމަށް ފަހު ބޭއްވި އިންތިހާބު ކާމިޔާބުކޮށް، މިހާރު ވެރިކަމުގައި ހުންނެވީ މުރްސީ ވެރިކަމުން ދުރުކުރުމުގެ އިސް މޭސްތިރި އަދި ސިފައިންގެ ކުރީގެ ވެރިޔާ ޖެނެރަލް އަބްދުލް ފައްތާހު އަލް ސީސީ އެވެ.