ކުރީގެ ވޮލީ ކުޅުންތެރިޔާ އިބްރާހިމް މުހައްމަދު ސޯލިހް އަލުން ވޯލީކޯޓަށް ނިކުމެވަޑައި ގަންނަވަން ތައްޔާރު ވެއްޖެ އެވެ.
މިއަދު ރައީސް ކަމުގެ މަގާމުގެ ހުވާ ކުރައްވާ، އިބްރާހިމް މުހައްމަދު ސޯލިހު އަލުން ވޮލީކޯޓަށް ނިކުމެ ވަޑައިގަންނަވާނީ، މާދަމާ ފަށާ 'ހަށިހެޔޮ ދުޅަހެޔޮ ކުޅިވަރު އީދު' ގައި ބައިވެރިވެ ވަޑައިގެންނެވުމަށެވެ. އެ އީދަކީ އެމަނިކުފާނު ވެރިކަމުގެ ހުވާ ކުރެއްވުމާ ގުޅިގެން ފާހަގަ ކުރާ އީދެކެވެ.
އިބޫ ބައިވެރިވެ ވަޑައިގަންނަވާނީ، ބީޗް ވޮލީގެ އިވެންޓްގަ އެވެ. އަށްޑިހައިގެ ކުރީކޮޅު އިބޫވަނީ ވިކްޓަރީ ސުޕޯޓްސް ކުލަބުގެ ވޮލީ ޓީމަށް ކުޅުއްވާފަ އެވެ. ގައުމީ ވޮލީ ޓީމުން ފުރުސަތު ލިބިވަޑައިނުގެންނެވި ނަމަވެސް ވިކްޓަރީގައި، ރާއްޖޭގެ އެންމެ މަތީ ލެވަލުގެ މުބާރާތްތަކުގައި ކުޅުއްވި އެވެ. ވިކްޓަރީގެ އިތުރުން ދިވެހި ކުޅިވަރުގެ ބައްޕަ މަރުހޫމް ޒާހިރު ނަސީރު ބެއްލެވުމުގެ ދަށުން އުފެއްދެއްވި 'އެންއެސްއޭ' ވޮލީ ގައިވެސް އިބޫ ކުޅުއްވި އެވެ.
"ބީޗް ވޮލީ އިވެންޓްގައި ބައިިވެރިވަޑައިގަންނަވާނެ ކަމަށް ރައީސް [އިބްރާހިމް މުހައްމަދު] ވިދާޅުވި،" ބީޗް ވޮލީ އިވެންޓް އިންތިޒާމު ކުރުމުގައި އިސްކޮށް އުޅުއްވާ، ކުރިން ވޮލީ އާއި ފުޓްބޯޅަ ކުޅުއްވި ނިއު ރޭޑިއަންޓް ސުޕޯޓްސް ކުލަބުގެ ވައިސް ޗެއާމަން ސައްޔިދު އަލީ ވިދާޅުވި އެވެ. "ރައީސް ނަޝީދު އާއި އިމްރާންވެސް ވިދާޅުވި ކުޅުއްވާނެ ކަމަށް."
އިބްރާހިމް މުހައްމަދުގެ އިތުރުން، އޭނާގެ ނައިބު ފައިސަލު ނަސީމުވެސް ބީޗް ވޮލީ އިވެންޓްގައި ބައިވެރިވެވަޑައިގަންނަވާނެ އެވެ. ބީޗް ވޮލީ އޮންނާނީ މާދަމާގެ މެންދުރު ފަހު 2:00 ގައި ރާޅުގަނޑު ސަރަހައްދުގައި ހުންނަ ވޮލީކޯޓުގަ އެވެ.
ވޮލީގެ އިތުރުން، ވޯޓާ ސުޕޯޓްސްގެ ބައެއް އިވެންޓްތަކާއި ފުޓްބޯޅަ އިވެންޓްގައިވެސް އިބޫ ބައިވެރިވެވަޑައި ގަންނަވާ ގޮތަށް ވަނީ ހަމަޖެހިފަ އެވެ.