ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ރައްޔިތުން ވޯޓު ދެއްވީ ކޯލިޝަންގެ ސަރުކާރަކަށް ކަމަށާއި އެކަން ހަނދާން ނައްތާ ނުލައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެ އެވެ.
ރައިސުލްޖުމްހޫރިއްޔާ ކަމުގެ ހުވާ ކުރެއްވުމަށް ފަހު ރައްޔިތުންނާ މުހާތަބު ކުރައްވާ ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވިދާޅުވީ އެމަނިކުފާނަށް ލިބިވަޑައިގަތީ ގައުމެއްގެ ހަޔާތުގައި މަދުން މެނުވީ މީހަކަށް ލިބޭނޭ ފުރުސަތެއް ނޫން ކަމަށެވެ. އެއީ ސިޔާސީ ހިޔާލު ތަފާތުވުންތަކާއެކު ވެސް ގައުމާއި ރައްޔިތުންގެ މަސްލަހަތު އިސްކޮށް އެކަންކަން ރައްކާތެރިކޮށް ކުރިއަށް ދިޔުމަށް އެއްބަސްވެގެން ނިކުމެ ތިއްބެވި ހުރިހާ ލީޑަރުންނާ އެކުގައި މަސައްކަތް ކުރެއްވުމުގެ ފުރުސަތު ކަމަށެވެ.
ގައުމު މިހާރު އޮތް ހާލަތުން އެހެން ހާލަތަކަށް ގެންދެވޭނީ އެންމެން އެކުގައި ކުރެވޭ މަސައްކަތްތަކަކުން ކަމަށާއި ރައްޔިތުން ވޯޓު ދެއްވީ ވެސް ކޯލިޝަން ސަރުކާރަކަށް ކަމަށެވެ. އަދި އެކަން ހަނދާން ނައްތާ ނުލައްވާނެ ކަމަށާއި ރައްޔިތުން އިންތިހާބު ކުރި ގޮތުގައި ދެމި ހުންނަވާނެ ކަމަށް ރައީސް ސޯލިހު ވިދާޅުވި އެވެ
"ނިމިދިޔަ ރިޔާސީ އިންތިޚާބުގައި ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވި ސަބަބު، އެންމެ ހިނދުކޮޅަކަށްވެސް އަޅުގަނޑުގެ ހަނދާނުން ފޮހެވިގެނެއް ނުދާނެ. ރައްޔިތުން އަޅުގަނޑަށް ވޯޓު ދެއްވީ ގުޅިފައިވާ ކޯލިޝަންގެ ކެންޑިޑޭޓެއްގެ ގޮތުގައި، އެންމެން އެކުގައި މަސައްކަތް ކުރުމަށް. މިކަން އަބަދުވެސް އަޅުގަނޑު ހަނދާން ބަހައްޓާނަން. އަދި މިކަން ތިޔައިން ކޮންމެ ބޭފުޅަކުވެސް، އަދި އަޅުގަނޑުމެން އެންމެންވެސް އަބަދުމެ ހަނދާން ބަހައްޓަންވާނެ،" ރައީސް ސޯލިހު ވިދާޅުވި
އެވެ.
މިދިޔަ ރިޔާސީ އިންތިހާބުގައި އާބާދީގެ 58.4 ޕަސަންޓު ވޯޓު ދެއްވި އިރު ކުރީގެ ރައީސް އަބްދުﷲ ޔާމީންއަށް 41.6 ޕަސަންޓު ރައްޔިތުން ވޯޓު ދެއްވި އެވެ. އެކަން ފާހަގަ ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ ކޮންމެ ރައްޔިތަކު އެ ދުވަހު ވޯޓު ދެއްވީ ރާއްޖެއަށް އެންމެ ފައިދާހުރި ގޮތް ކަމަށް އެ ރައްޔިތަކަށް ފެނުނު ގޮތަށް ކަމަށެވެ. ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ޔަގީންކަން އަރުވަނީ، އެ ދުވަހު ވޯޓު ދެއްވި ގޮތަށް ބެލުމެއް ނެތި، ހުރިހާ ރައްޔިތުންގެ އުއްމީދުތައް ހާސިލުކޮށްދިނުމުގައި އެއްވެސް ރައްޔިތަކު ތަފާތު ކުރުމެއް ނެތި ހިދުމަތް ކުރުމުގައި ދެމި ހުންނަވާނެ ކަމަށެވެ.