ވޯލްޑް ކަޕް ކޮލިފައިންގެ ގުރޫޕް ސީގައި މިއަދު ހޮންކޮންގް އަތުން 2-0 އިން ރަށުން ބޭރުގައި ރާއްޖެ ބަލިވެއްޖެ އެވެ.
ހޮންކޮންގެ މޮންކޮކް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ދެ ލަނޑު ވެސް ހޮންކޮންގް އިން ޖެހީ ދެވަނަ ހާފުގަ އެވެ.
މެޗުގެ 23 ވަނަ މިނިޓުގައި ރާއްޖޭގެ ފޯވަޑް އަސަދުﷲ އަބްދުﷲ އަށް ޕެނަލްޓީ އޭރިޔާ ތެރެއިން ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އަސަދުﷲ އަށް ގޯލަށް ބޯޅަ އަމާޒުކޮށްލެވޭ ގޮތެއްނުވި އެވެ.
ފުރަތަމަ ހާފުގައި ރާއްޖެ އަށް އެންމެ ނުރައްކާކުރި ކުޅުންތެރިއަކަށްވީ ހޮންކޮންގެ ފޯވަޑް ގޮޑްފްރެޑް ކަރިކާރީ އެވެ. މެޗުގެ 24 ވަނަ މިނިޓުގައި ގޮޑްފްރެޑް ހުރަސްކޮށްލި ބޯޅައެއް ހޮންކޮންގެ ފޯވަޑް ޖޭމްސް މިކީ އަށް ޕެނަލްޓީ އޭރިޔާ ތެރެއިން ގޯލަށް އަމާޒުކޮށްލެވޭ ގޮތެއްނުވި އެވެ. އަދި އޭގެ ފަހުން ގޮޑްފްރެޑް ވަނީ ރާއްޖޭގެ ގޯލާ ދިމާލަށް ނުރައްކާތެރި ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ.
މެޗުގެ 40 ވަނަ މިނިޓުގައި ރާއްޖޭގެ އަސަދުﷲ އަށް ލިބުނު އަނިޔާއަކާ ގުޅިގެން، ރާއްޖޭގެ ކޯޗު ވެލީޒާ ޕޮޕޯފް އަށް އަސަދުﷲ ބާލަން މަޖުބޫރުވި އެވެ. އަސަދުﷲގެ ބަދަލުގައި ކުޅެން ނުކުތީ އަލީ ފާސިރު (ސެންޓޭ) އެވެ.
ދެވަނަ ހާފަށް މުހައްމަދު އުމެއިރުގެ ބަދަލުގައި އަހުމަދު ނާޝިދު (ނާއްޓޭ) ކުޅެން އަރުވާފައިވަނިކޮށް، ޕޮޕޯފް އަށް ތިން ވަނަ ބަދަލެއް ކުރަން މަޖުބޫރުވީ ދެވަނަ ހާފުގެ ކުރީކޮޅު ގޯލްކީޕަރު އިމްރާން މުހައްމަދަށް އަނިޔާވުމުންނެވެ. އިމްރާންގެ ބަދަލުގައި ރާއްޖޭގެ ގޯލް ބެލެހެއްޓީ ޓީސީ ސްޕޯޓްސްގެ ކީޕަރު މުހައްމަދު އިމްރާނެވެ.
ހޮންކޮންގެ އިން ލީޑު ނެގީ މެޗުގެ 63 ވަނަ މިނިޓުގައި ޒޫ ޑެޝުއާއީ ޖެހި ލަނޑުންނެވެ. އަދި 68 ވަނަ މިނިޓުގައި އެ ޓީމަށް ލިބުނު ހިލޭޖެހުމަކުން، ދެވަނަ ލަނޑު ޖެހީ މިޑްފީލްޑަރު ލާމް ކާ ވައި އެވެ.
މެޗުގެ ބާކީ އޮތް ބައިގައި ރާއްޖޭން ލަނޑެއް ޖަހަން މަސައްކަތްކުރި ނަމަވެސް، ހޮންކޮންގްގެ ގޯލަށް މާބޮޑު ނުރައްކަލެއް ނުކުރެވުނެވެ. ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ތިރިތިރިން ފޮނުވާލި ޝޮޓެއް ހޮންކޮންގެ ކީޕަރު ފަސޭހަކަމާއެކު ދިފާއުކުރިއިރު، ނާއްޓޭ އާއި އައްސަދު އަލީ (އަޑުބަރޭ) އަށް ލިބުނު ފުރުސަތުތަކުގެ ބޭނުމެއް ނުހިފުނެވެ.
ގުރޫޕް ސީގައި މިހާތަނަށް ކުޅުނު ދެ މެޗުން ވެސް މޮޅުވެ، އެއްވަނައިގައި އޮތީ ހޮންކޮންގެވެ. ދެވަނައިގައި އޮތީ ބޫޓާން އަތުން ރަށުން ބޭރުގައި 6-0 އިން މިއަދު މޮޅުވި ޗައިނާ އެވެ. ތިން ވަނައިގައި ތިން ޕޮއިންޓާއެކު އޮތީ ގަތަރެވެ. ދެ މެޗު ކުޅެފައިވާ ރާއްޖެ އާއި ބޫޓާނަށް އަދި ޕޮއިންޓެއް ނުލިބެ އެވެ.
ކޮލިފައިންގައި ރާއްޖެ ކުޅޭ ތިން ވަނަ މެޗުގައި ސެޕްޓެމްބަރު މަހު އަމިއްލަ ދަނޑުގައި ނުކުންނާނީ ޗައިނާއާ ދެކޮޅަށެވެ.