ހަބަރު

ފުރަތަމަ 100 ދުވަހަށް ރައީސް ސޯލިހްގެ ބޮޑެތި ވައުދުތަކެއް

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކޮށްދެއްވާނެ ބޮޑެތި ކަންކަން މިއަދު އެމަނިކުފާނު ހާމަކުރައްވައިފި އެވެ.

ރައީސް ސޯލިހް، ރައީސްކަމުގެ ހުވާކުރެއްވުމަށްފަހު ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ވިދާޅުވީ، މިއަދުގެ މިވަގުތުން ފެށިގެން އެމަނިކުފާނުގެ ވެރިކަމުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ސަރުކާރުން ފެށުމަށް ގަސްތުކުރާ މަސައްކަތްތަކަކާއި އެ މުއްދަތުގެ ތެރޭގައި ނިންމަން ކަނޑައަޅާފައިހުރި މަސައްކަތްތަކެއް އެބަހުރި ކަމަށެވެ.

އެމަނިކުފާނު ވިދާޅުވީ، ފުރަތަމަ 100 ދުވަސް ނިމޭއިރު، ކަރަންޓުގެ އަގު ހެޔޮކުރެވޭނެ ކަމަށާއި ރާއްޖޭގައި ފުރަތަމަ ޑިގްރީއާ ހަމައަށް ހިލޭ ކިޔެވުމުގެ ފުރުސަތު ހުޅުވައިލެވޭނެ ކަމަށެވެ. އަދި ސުކޫލްތަކުގެ ދަރިވަރުންނަށް ހެނދުނުގެ ނާސްތާ ދިނުމުގެ ޕްރޮގްރާމް ފަށާނެ ކަމަށާއި ފަރުޟު ހައްޖުގެ އަޅުކަމަށް ޕެންޝަން ފަންޑުގައި ހުރި ފައިސާ ބޭނުންކުރެވޭނޭ ގޮތް ހަމަޖެހިގެންދާނެ ކަމަށްވެސް ރައީސް ސޯލިހު ވިދާޅުވި އެވެ.

"ރާއްޖޭގެ މަސްކަނޑުތަކުގައި ބޭރުގެ ފަރާތްތަކުން މަސްވެރިކަން ކުރުމުގެ ހުއްދަ ދިނުން ހުއްޓާލެވޭނެ، ދަނޑުވެރިކަމަށް އެތެރެކުރެވޭ ތަކެތިން އިމްޕޯޓު ޑިއުޓީ ކަނޑާލެވޭނެ،" ރައީސް ސޯލިހު ވިދާޅުވި އެވެ.

ރައީސް ސޯލިހް އިތުރަށް ވިދާޅުވީ، ދުނިޔެ ހޫނުވުމުން ތިމާވެށްޓަށް އަންނަ ބަދަލުތަކުން މި ދުނިޔެ ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި ރާއްޖެ ވެގެންދަނީ ޖަޒީރާ ގައުމުތަކުގެ ލީޑަރަކަށް ކަމަށެވެ. އަދި ގްރީން ޓެކްސްގެ ގޮތުގައި ނެގޭ ފައިސާ ހޭދަކުރާނީ ހަމައެކަނި ތިމާވެށި ހިމާޔަތްކުރުމާ ގުޅުންހުރި މަސައްކަތްތަކަށް ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

"ކައުންސިލްތައް މެދުވެރިކޮށް، އިތުބާރުހިފޭ ހައުސިން ނީޑް އެސެސްމަންޓެއް ހަދައި، ބޯހިޔާވަހިކަން ބޭނުންވާ ހުރިހާ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ މަޝްރޫއު ފެށޭނެ، އިމަޖެންސީގައި ފަރުވާ ދޭންޖެހޭ ފަރާތްތަކަށް ހިދުމަތްދިނުމަށް އެއާ އެމްބިއުލޭންސްގެ ހިދުމަތް މުޅި ރާއްޖެއަށް ފޯރުކޮށްދޭން ފެށޭނެ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ސޯލިހް ވިދާޅުވީ، ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދައި ނަފްސާނީ ބަލިތަކަށްދެވޭ ފަރުވާއަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖެހިގެންދާނެ ކަމަށެވެ. އަދި ކައުންސިލްތައް ބާރުވެރިކުރުވައި ވޭތުވެދިޔަ މުއްދަތުގައި ހިފަހައްޓާފައިވާ ބާރުތައް ކައުންސިލްތަކަށް އަލުން ލިބިގެންދާނެ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

"މިއީ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރުމަށް އަޅުގަނޑު ވިސްނާފައިހުރި ބައެއް ކަންކަން. މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ޕްރޮގްރާމްގެ ތަފްސީލު މިއަދު އަޅުގަނޑު އާންމުކުރާނަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.