ހަބަރު

ރައްޔިތުންގެ ޝަކުވާ އަޑުއަހަން ރައީސް އޮފީހުގައި ހާއްސަ ނިޒާމެއް

ސަރުކާރުގެ އެއްވެސް އިދާރާއަކާ ގުޅޭ ގޮތުން ރައްޔިތުންގެ ޝަކުވާ ހުށަހެޅުމަށް ހާއްސަ ނިޒާމެއް ރައީސް އޮފީހުގައި ގާއިމް ކުރައްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.

ރައީސުލްޖުމްހޫރިއްޔާކަމުގެ މަގާމުގެ ހުވާ ކުރެއްވުމަށްފަހު ގައުމާ މުހާތަބު ކުރައްވަމުން ރައީސް ސޯލިހު ވިދާޅުވީ، އިންސާފުގެ މަގަށް ކަންކަން ގެންދިޔުމަށްޓަކައި ކުރަންޖެހިފައި އޮތް އެންމެ މުހިންމު އެއް މަސައްކަތަކީ، ދައުލަތުގެ އެކި މުއައްސަސާތަކުގައި އަށަގަނެ، މޫލާފައިވާ ކޮރަޕްޝަނާއި ފަސާދައިގެ ސަގާފަތް ނައްތާލުން ކަމަށެވެ.

"ދައުލަތުގެ އިދާރާތަކުން ކުރާ މަސައްކަތްތަކަކީ ދެފުށް ފެންނާނޭހެން ހާމަކަން ބޮޑު ގޮތެއްގައި ކުރެވޭ މަސައްކަތްތަކެއް ކަމުގައި ހަދަންޖެހޭ،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، ކޮރަޕްޝަންގެ އަމަލުތައް ހުއްޓުވުމަށްޓަކާ އުފައްދާފައިވާ ކޮމިޝަން ހަރުދަނާކުރުމާއި ކޮރަޕްޝަންގެ އަމަލުތައް ހާމަކުރާ ފަރާތްތަކަށް ދޭންޖެހޭ އެންމެ ފުރިހަމަ ގާނޫނީ ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ކަމަށެވެ.

"އަޅުގަނޑު މި އެކުލަވައިލާ ސަރުކާރުގައި، ސަރުކާރުގެ އެއްވެސް އިދާރާއަކުން ކުރާ ކަމަކާ ގުޅިގެން، ޝަކުވާއެއް އުފުލަން ބޭނުންވެއްޖެ ކޮންމެ ރައްޔިތަކަށް އެ މަގު ފަހިވެފައި އޮންނާނެ، މިފަދަ ޝަކުވާތައް ބަލައި، އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި އެކަމަށް ހާއްސަ ނިޒާމެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އަޅުގަނޑު ގާއިމުކުރާނަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ ހައްގުތައް ރައްކާތެރިކުރުމަށް އަޅަންޖެހޭ ފިޔަވަޅެއް އެޅުމަށްޓަކައި ފަސް ޖެހިވަޑައިނުގަންނަވާނެ ކަމަށެވެ.

ރައީސް ސޯލިހް ވިދާޅުވީ، އެމަނިކުފާނުގެ ރައީސްކަމާ މިއަދު ހަވާލުވިއިރު، ދައުލަތުގެ މާލީ ހާލަތު ވަނީ ވަރަށް ނާޒުކު ފައްތަރެއްގައި ކަމަށެވެ. ހަމައެކަނި ސިޔާސީ ބޭނުންތަކަށްޓަކައި ހިންގާފައިވާ އެތައް މަޝްރޫއުތަކަކުން ދައުލަތަށް ވެފައިވާ ގެއްލުންތައް ވަރަށް ބޮޑު ކަމަށެވެ. އަދި ހިޔާނާތާއި އެކި ފަންތީގައި ހިންގި ކޮރަޕްޝަންގެ އަމަލުތަކުގެ ސަބަބުން ދައުލަތުގެ ހަޒާނާއިން އެތައް ބިލިއަން ރުފިޔާއެއް ގެއްލިފައިވާ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.

"އެއީ ރައްޔިތުންނަށްޓަކާ ހަރަދުކުރަންހުރި ރައްޔިތުންގެ ފައިސާ، ވައްކަމާއި، ކޮރަޕްޝަނާއި، އިހުމާލުގެ ސަބަބުން ގެއްލިފައިވާ ފައިސާގެ މިންވަރު އަދިވެސް ސާފެއް ނުވޭ، ދައުލަތުގެ މާލިއްޔާގެ ހާލަތު މިގޮތުގައި އޮތް ކަމުގައިވީ ނަމަވެސް، ރައްޔިތުންނަށް ދޭންޖެހޭ ހިދުމަތްތަކާއި، ކުރަންޖެހޭކަންކަމަށް އުނިކަމެއް ނައިސް ކުރިޔަށް ގެންދިޔުމަށް އަޅުގަނޑު އަޒުމް ކަނޑައަޅަން،" ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް ވިދާޅުވީ، މިއަދު ގައުމު ވައްޓާލާފައިވާ އަނދިރި އަނދަވަޅުން ސަލާމަތްކޮށް، ކުރިއަށްދިޔުމަށްޓަކައި ރައްޔިތުންގެ ކިބައިން ނިގުޅައިގެންފައިވާ ހައްގުތައް އެފަރާތްތަކަށް ހޯދައިދޭންޖެހޭ ކަމަށެވެ. އަދި އަނިޔާގެ ޝިކާރައަކަށްވެފައިވާ ފަރާތްތަކަށް އިންސާފު ހޯދައިދޭންޖެހޭ ކަމަށާއި ދިވެހި ދައުލަތުގެ ހަޒާނާއިން ގެއްލުވާލާފައިވާ ފައިސާ އަނބުރާ ދިވެހީންނަށް ހޯދައިދޭންޖެހޭ ކަމަށްވެސް ރައީސް ސޯލިހް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވީ، ގޮތް ނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތަކުގެ ހަގީގަތް ހޯދައި، ރައްޔިތުންނަށް ހާމަކޮށްދޭންޖެހޭ ކަމަށެވެ. ގައުމެއްގެ ގޮތުގައި އެކަތިގަނޑަކަށްވެ ކުރިޔަށް ދިޔުމަށްޓަކައި، އެކަންކަން ކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަމެއްގެ ގޮތުގައި ދެކޭ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.