ހަބަރު

އާ ސަރުކާރުން 5000 ހެލްމެޓް ހިލޭ ބަހަނީ

މިއަދު ރައީސުލް ޖުމްހޫރިއްޔާގެ މަގާމުގެ ހުވާ ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ފުރަތަަމަ 100 ދުވަހުގެ ތެރޭގައި، ކުރައްވާނެ ބައެއް ކަންތައްތަކާއި ގުޅޭގޮތުން އެމަނިކުފާނު ވަނީ މިއަދު އެމަގާމާއި ހަވާލުވުމަށްފަހު ދެއްވި ފުރަތަމަ ތަގުރީރުގައި ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން އެކި އެކި ދާއިރާތަކުން 100 ދުވަހުގެ ތެރޭގައި ކުރައްވަން ނިންމަވާފައިވާ ކަންކަމުގެ ތަފްސީލު މިހާރު ވަނީ ހާމަ ކުރައްވާފަ އެވެ.

ރައްކާތެރިކަން އިތުރު ކުރުމުގެ ދާއިރާއިން، މަގުމަތީގެ ރައްކާތެރިކަމަށް ރައްޔިތުން އަހުލުވެރި ކުރުވުމުގެގޮތުން، މައުލޫމާތު ފޯރުކޮށްދޭ ކެމްޕެއިންއެއް ފަށާ، 5000 ހެލްމެޓް ހިލޭ ބަހާލެވޭނެ ކަން ވަނީ ހާމަކުރައްވާފަ އެވެ. އަދި މާލެއާއި ހުޅުމާލެއާއި، ވިލިމާލޭގެ މަގުތަށް ރައްކާތެރިކުރުމުގެ ގޮތުން، ލެޑް ސޯލާ ލައިޓުހަރުކޮށް، ދިއްލާ އަލިކުރެވޭނެ ކަމަށެވެ.

ބްރިޖުގައި ސީސީޓީވީ އަދި ސްޕީޑް ކެމެރާތަށް ހަރުކޮށް، އެންވައިރޮމެންޓް އަދި ރޯޑް ސޭފްޓީ ފުުހުންގެ ހިދުމަތްފަށާ، ފުލުހުންނާއި އާމުންގެ ހިޔާލު ލިބިގެން، އެކުލަވާލެވޭ ޕޮލިސް ރިފޯމް ޕްރޮގްރާމެއް އެކުލަވާލެވޭނެ ކަމަށްވެސް ވަނީ ބުނެފައެވެ. މީގެ އިތުރުން، ފުލުހުން މާލެތެރެ ބެލެހެއްޓުމުގެ މަސައްކަތް ހަރުދަނާކޮށް، ގަވައިދުން ޕެޓްރޯލް ކުރަން ފަށާނެކަމަށްވެސް ވަނީ ބަޔާންކޮށްފަ އެވެ.

މީގެ އިތުރުންވެސް އެކިއެކި ދާއިރާތަކުން ރައީސް ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭ ކުރައްވާނެ ކަންކަން ވަނީ ހާމަ ކުރައްވާފައެވެ. އޭގެ ތެރޭގައި ކުޅިވަރުގެ ދާއިރާއާއި، ވިޔަފާރީގެ ދާއިރާއާއި، ކޮރަޕްޝަން ހުއްޓުވުމާއި،
އިޖުތިމާއި ހަމަޖެހުން ގާއިމް ކުރުން ފަދަ ދާއިރާތައް ހިމެނެއެވެ.