ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ކުޅިވަރު އީދުގައި ރައީސްގެ ވޮލީ ބޯޅައިގެ ހުނަރު ދައްކާލައްވައިފި

އިއްޔެ މަގާމާ ހަވާލުވެވަޑައިގެންނެވި، ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލީހް ބައިވެރިވެވަޑައިގަންނަވާ، 'ދުޅަހެޔޮ ހެށިހެޔޮ' ކުޅިވަރު އީދުގެ ވޮލީބޯޅަ އިވެންޓްގައި ބައިވެރި ވެވަޑައިގެން ވޮލީ ކުޅުއްވައިފި އެވެ.

ރާޅުގަނޑު ސަރަހައްދުގައި ހުންނަ ވޮލީ ކޯޓުގައި، ރައީސް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ކުޅުއްވީ، ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާއި ޔޫތު މިނިސްޓަރު އޮފް ސްޕޯޓްސް އެންޑް ކޮމިޔުނިޓީ އެމްޕަވާމެންޓް އަހުމަދު މަހުލޫފް ހިމެނިވަޑައިގަންނަވާ ޓީމާ ދެކޮޅަށެވެ.

ރައީސް ވަނީ، ސާވިސް ކުރައްވައި، ދެ މިނިސްޓަރުން ހިމަނިވަޑައިގެންނެވި ޓީމުގެ ކޯޓަށް ބޯޅަ ފޮނުވާލައި ޕޮއިންޓްވެސް ހޯއްދަވާފަ އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ އަށްޑިހައިގެ ކުރީކޮޅު ވިކްޓަރީ ސްޕޯޓްސް ކުލަބުގެ ވޮލީ ޓީމުގައި ވޮލީ ކުޅުއްވާފަ އެވެ.

ވޮލީ މެޗުގެ ކުރިން، ރައީސް ވަނީ، ރާއްޖޭގެ ފުރަތަމަ ވޮލީޓީމާއެކު ފޮޓޯއެއް ނަންގަވާފަ އެވެ. ވޮލީ މެޗަށް ފަހު ވޮލީ ފެމެލީގެ މެންބަރުންނާއެކު ރައީސް ސޯލިހް އާއި ނައިބު ރައީސް އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވަނީ ފޮޓޯއެއް ނަންގަވާފަ އެވެ.

ރައީސުލްޖުމްހޫރިއްޔާ ކަމުގެ މަގާމާ އިބްރާހިމް މުހައްމަދު ސޯލިހް ހަވާލުވުމާ ގުޅިގެން ދެ ދެވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ކުޅިވަރު އީދުގެ ފުރަތަމަ އިވެންޓަކަށް އޮތީ ވޯޓާ ސްޕޯޓްސްގެ އިވެންޓެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އާއި އެމަނިކުފާނުގެ ނައިބު ފައިސަލް ނަސީމު ވެސް ވަނީ ވޯޓާ ސްޕޯޓްސް އިވެންޓް ކުރިއަށް ގެންދިޔަ އެއް ނަންބަރު ފާލަން ސަރަހައްދަށް ވަޑައިގެން އެ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ވޯޓާ ސްޕޯޓްސް އިވެންޓް ބައްލަވާލަައްވާފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވަނީ ޖެޓްސުކީ ދުއްވުމުގައި އަމަލީ ގޮތުން ބައިވެރިވެ ވަޑައިގެންފަ އެވެ. ދުޅަހެޔޮ ހަށިހެޔޮ ކުޅިވަރު އީދުގައި، ރައިސް އާއި ނައިބު ރައީސް ވެސް ބައެއް ކުޅިވަރުތައް ކުޅުއްވާނެ އެވެ.