ހަބަރު

މިނިސްޓަރު ކަމާ ހަވާލުވީ ޓައީ އަޅައިގެން އިންނާކަށް ނޫން: މަހުލޫފް

Nov 18, 2018
7

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ޔޫތް އެންޑް ސްޕޯޓްސް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެންނެވީ ޓައީ އަޅައިގެން އިންނަވަން ނޫން ކަމަށް އަހުމަދު މަހުލޫފް ވިދާޅުވެއްޖެ އެވެ.

ގަލޮޅު ދެކުނު ދާއިރާގެ މެންބަރު ކަމުން އިއްޔެ އިސްތިއުފާ ދެއްވައި މިނިސްޓަރުގެ މަގަމާ ހަވާލުވެވަޑައިގެންނެވި މަހުލޫފް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަގާމާ ހަވާލުވީ ޓައީ އަޅައިގެން އިންނަން ނޫން ކަމަށާއި ބޭނުމަކީ ޒުވާނުންނާއި ކުޅިވަރުގެ ދާއިރާއަށް ބޮޑު ބަދަލެއް ގެނައުން ކަމަށެވެ.

"ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދާއެކު އިރާދަކުރެއްވިއްޔާ ނަތީޖާ ނެރެދޭނަން،" މަހުލޫފް ވިދާޅުވި އެވެ. "ރައްޔިތުންގެ ހިޔާލާއި ފާޑުކިޔުން އުލަފާއެކު ބަލައިގަންނާނަން،"

މިނިސްޓަރު މަހުލޫފް ވަނީ މީގެކުރިން ޔޫތް މިނިސްޓްރީގެ އާދައިގެ ވަޒީފާއެއް ވެސް އަދާ ކުރައްވާފަ އެވެ. އަދި، ވެލެންސިއާ ސްޕޯޓްސް ކުލަބަށް ފުޓްބޯޅަ ވެސް އެއް އަހަރު ދުވަހަށް އޭނާ ކުޅުއްވާފައިވެ އެވެ.

ދެހާސްނުވަވަަނަ ސިޔާސީ މައިދާނަށް ނުކުމެވަޑައިގަތުމަށްފަހު ކުޅިވަރާ ކޮންމެ ވެސް ވަރަކަށް ދުރުގައި އުޅުއްވި ނަމަވެސް މަހުލޫފް ފެނިގެން ދިޔައީ، ޒުވާނުންނާ ގާތް ގުޅުމެއް ބާއްވަމުން ގެންދެވި ސިޔާސީ ބޭފުޅަކަށެވެ.