ސްޓޯލްތަކާއި މުނިފޫހި ފިލުވުމުގެ ހަރަކާތްތަކާއެކު ހަފްތާ ރެސް މިރޭ ފަށައިފި އެވެ.
ހަފްތާ ރެސް އަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ވައުދުތަކުގެ ތެރެއިން ވައުދެކެވެ.
ހަފްތާ ރެސް ފައްޓަވައިދެއްވީ ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް އެވެ. ހަފްތާ ރެސްގައި މިރޭ ވަނީ ތަފާތު ހަރަކާތްތަކާއެކު މިޔުޒިކް ޝޯއެއްވެސް ކުރިއަށް ގެންގޮސްފަ އެވެ. އެގޮތުން މިރޭގެ މިޔުޒިކް ޝޯގައި މަޝްހޫރު ލަވަކިޔުންތެރިންނާއި ނެށުންތެރިންގެ އިތުރުން ޒުވާން އާ ފަންނާނުންގެ ހުށަހެޅުންތައްވެސް ކުރިއަށް ގެންގޮސްފައި ވެއެވެ.
އެގޮތުން މިރޭގެ ޝޯގައި ހައުސް އޮފް މިއުޒިކާއެކު ޝަލަބީ އިބްރާހިމްގެ ހުށަހެޅުންތަކާއި ސުނީތާ އަލީގެ ނެށުމުގެ ހަރަކާތްތަކުގެ އިތުރުން ޑީޖޭ ސެފް އަދި އާ ފަންނާނުންގެ ހުށަހެޅުންތައް ކުރިއަށް ގެންގޮސްފައި ވެއެވެ. ބައެއް ހަރަކާތްތަކުގައި މިނިސްޓަރު މަހުލޫފްވެސް ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ހަފްތާ ރެސްގައި ވަނީ ޒުވާނުންގެ ހުނަރު ދައްކާލުމަށް ތަފާތު 69 ސްޓޯލެއް ބަހައްޓާފައި ވެއެވެ. އެގޮތުން ހާއްސަ އެހީއަށް ބޭނުންވާ ކުދިންގެ ހުނަރު ދައްކާލުމަށް އެކުދިންގެ ސްޓޯލްތަކެއްވެސް ބަހައްޓާފައި ވެއެވެ.
ހަފްތާ ރެސްގެ ހަރަކާތްތަކާއި ބައްލަވާލެއްވުމަށް ރައީސް ސޯލިހްވެސް ވަނީ އެތަނަށް ޒިޔާރަތް ކުރައްވާފަ އެވެ. އަދި ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި އެތަންތަން ރައީސް ވަނީ ބައްލަވާލައްވާފަ އެވެ.
އެތަނުގައި ދުންފަތުގެ އިސްތިއުމާލް ކުރުމާއި އެނާޖީ ޑްރިންކް ފަދަ ބުއިންތައް ވިއްކުން މަނަލެވެ. ހަފްތާ ރެސް އަކީ ސަރުކާރުން ކޮންމެ ހަފްތާއަކު އެއްފަހަރު ޒުވާނުންގެ ހުނަރުތައް ކުރިއެރުވުމަށް ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ހަރަކާތެކެވެ.
ޔޫތް މިނިސްޓަރު އަހުމަދު މަހްލޫފް މީގެ ކުރިން ވިދާޅުވެފައިވަނީ، ހަފްތާ ރެސް އަކީ ޒުވާނުންނަށް ލިބޭ ވިޔަފާރީގެ ފުރުސަތެއް ކަމަށާއި ޒުވާނުންގެ ހުނަރު ދައްކާލަން ލިބޭ ފުރުސަތެއް ކަމަށެވެ. އަދި ހަފްތާ ރެސް އޮންނާނީ ކޮންމެ ހަފްތާ ބަންދެއްގައި މާފަންނު ޒުވާނުންގެ މަރުކަޒާއި ރަސްފަންނު ސަރަހައްދުގައި ކަމަށްވެސް މިނިސްޓަރު ވިދާޅުވި އެވެ.